އެޗްއާރސީއެމް ގެ ޤާނޫނީ ބާރު ކެނޑިދާގޮތަށް ސްޕްރީމް ކޯޓުން އިއްވި ޙުކުމާމެދު ކަންބޮޑުވުންފާޅުކުރުން

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގެ ޤާނޫނީ ބާރު ކެނޑިދާގޮތަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން އިއްޔެ އިއްވެވި ޙުކުމާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމެވެ.

އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ކުރިއަރުވައި، އަދި އެ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުމަށް ޤާނޫނު އަސާސިން ބާރުލިބިގެން އުފައްދާފައިވާ މުސްތަޤިއްލު މުއައްސަސާ، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، ގެ ޤާނޫނީ ވާޖިބު އަދާކުރުމުގެ ގޮތުން އެ ކޮމިޝަނުން އ.ދ ގެ ހިޔުމަން ރައިޓްސް ކައުންސިލަށް ހުށަހެޅި ރިޕޯރޓާ ގުޅިގެން، އެ ކޮމިޝަނުގެ މައްޗަށް ސްޕްރީމް ކޯޓުން އަމިއްލައަށް ދަޢުވާކުރައްވައި، އަމިއްލައަށް ޙުކުމް ކުރެއްވި ކުރެއްވުމަކީ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި މި ޕާރޓީން ކަންބޮޑުވާ ކަމެވެ.

ހަމައެއާއެކު، ޤާނޫނު އަސާސީގެ 189 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ ހިޔުމަން ރައިޓްސް ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެކޮމިޝަނުގެ މަސައްކަތުގެ ދާއިރާ ކަނޑައަޅާނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ޤަނޫނުގައި ބަޔާން ކުރާ ގޮތަށް ކަމާއި، އަދި އެ ކޮމިޝަން ހިންގާނީ އެ ޤަނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތީން ކަމަށެވެ. މިދެންނެވި ފަދައިން ޤާނޫނީ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރާ އެކޮމިޝަނުގެ ވަކި ޚާއްޞަ ޤާނޫނެއް އޮތް އިރު، އަދި އެ ކޮމިޝަނުން ޢަމަލުކުރަންޖެހޭނީ ޤާނޫނު އަސާސީއާއި، އެ ކޮމިޝަނުގެ ޤާނޫނަށް ކަމަށްވާއިރު، ސުޕްރީމް ކޯޓުން އެ ކޮމިޝަނުގެ މައްޗަށް 11 ނުކުތާގެ ގައިޑްލައިނެއް ކަނޑައެޅުއްވުމަކީ، 3 ބާރު ވަކިވެފައި އޮންނަންޖެހޭ ނިޒާމެއްގައި ޤާނޫނު ހެދުމުގެ ބާރުގެ ތެރެއަށް ސްޕްރީމް ކޯޓުން ވަދެވަޑައިގަތުންކަމަށް މި ޕާރޓީން ޤަބޫލުކުރަމެވެ. އަދި އެކަމަކީ ހިޔުމަން ރައިޓްސް ކޮމިޝަނަށް ކުރިމަތިވި އިތުރު ފަރާތެއްގެ ނުފޫޒެއްކަމާއި އަދި އެކޮމިޝަންގެ ޤާނޫނީ މަސައްކަތަށް އެޅިގެންދިއަ ބޮޑު ހުރަހެއްކަމަށް މި ޕާރޓީން ޤަބޫލުކުރަމެވެ.

މިނިވަން މުވައްސަސާތަކުގެ ބެލެނިވެރި ފަރާތަކީ ރައްޔިތުންގެ މަޖިލިސް ކަމުގައިވާއިރު ސުޕްރީމް ކޯޓުން ހިޔުމަން ރައިޓްސް ކޮމިޝަނުގެ މައްޗަށް އަމިއްލައަށް ދަޢުވާ އުފުއްލަވައި އަމިއްލައަށް އެފަދަ ގައިޑްލައިނެއް ކަނޑައަޅުއްވައި ޙުކުމް އިއްވެވުމަކީ ޤާނޫނު އަސާސީން އުފައްދާފައިވާ މިނިވަން މުސްތަޤިއްލު ކޮމިޝަނެއްގެ މުސްތަޤިއްލުކަން ގެއްލިދިއަ ކަމެއްކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުން ޢަމަލުކުރަމުންދާ ގޮތުގެ ސަބަބުން އދ. އާއި، ބައިނަލް އަޤުވާމީ ޖަމާޢަތްތަކާއި، އިންސާނީ ޙައްޤުތަކާ ބެހޭ ޖަމިއްޔާތަކާއި، އެކުވެރި ދައުލަތްތަކުގެ ސަރުކާރުތަކުން ނުހަނަ މަތީ ދަރަޖައަކަށް މިހާރުވެސް ކަންބޮޑުވުންފާޅުކުރަމުންދާއިރު، ސްޕްރީމް ކޯޓުން ރާއްޖޭގެ ހިޔުމަން ރައިޓްސް ކޮމިޝަނުގެ މައްޗަށް އިއްވެވި ޙުކުމުގެ ސަބަބުންނާއި އަދި އެ ކޮމިޝަނުގެ ޤާނޫނީ ބާރު ގެއްލިދާގޮތަށް ގައިޑްލައިނެއް ކަނޑައެޅުއްވުމުގެ ސަބަބުން ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިރާއްޖެ، ޑިމޮކްރެސީއާއި އިންސާނީ ޙައްޤުތަކުގެ ރޮނގުން އިތުރު ދަރަޖައެއް ދަށަށް ވެއްޓިގެންދާނޭ ކަމާމެދު ޝައްކެއްނެތެވެ. އެހެންކަމުން އެމް.ޑީ.ޕީ އިން މިކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމެވެ.

17 ޖޫން 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް