މައުމޫން އަބްދުލް ޤައްޔޫމާއި މި ސަރުކާރު ވެއްޓެންދާއިރު، ހިފަހައްޓަން ބޭނުންކުރާ އަސަޔަކަށް ދިއްގަރު ދާއިރާގެ ގޮޑި ހެދިޔަ ނުދެއްވާ

11060901_669624476515436_7555165478872457529_n

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މ.ދިއްގަރު ދާއިރާގެ ބައި އިލްކްޝަންސްގައި ވާދަ ކުރައްވާ ޑރ.އަހްމަދު ރާޒީގެ ކެމްޕެއިންގައި ހަރަކާތްތެރިވުމަށް މ އަތޮޅަށް ވަޑައިގެން އުޅުއްވާ ޤައުމީ ހަރަކާތުގެ އިސްވެރިން ރޭ ވަނީ މ. ދިއްގަރުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ.

ދިއްގަރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ރާޒީގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ވިދާޅުވީ، މިރާއްޖޭގައި ހެޔޮވެރިކަމަކަށް ފަހު އަނެއްކާ ވެސް މި ފެންނަނީ ގަބީލާތަކުގެ ވެރިކަން ކަމަށާއި، ރައީސް މައުމޫނު މިގައުމުގައި އިރެއްގައި ވެރިކަން ކުރެއްވީތީއޭ ކިޔާފައި އެބޭފުޅާ އެދޭހާ ގޮތަކަށް ވޯޓްދޭން ރައްޔިތުން ނުޖެހޭނެ ކަމަށެވެ. އަޅުގަނޑުމެންގެ މަޖިލީހަށް އަބަދުވެސް އަޅުގަނޑުމެން ހޮވަން ވާނީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކޮށްދެއްވާނެ ބޭފުޅަކު ކަމަށް ވިދާޅުވެ ޝިފާޒް ވިދާޅުވީ އެބޭފުޅަކީ ތިބޭފުޅުންގެ ކެނޑިޑޭޓް، ކެނޑިޑޭޓް ނަމްބަރު 3 ، ރާޒީ ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަކީ އަބަދުވެސް ދިވެހި ރައްޔިތު މީހާގެ ޕާޓީގެ ގޮތުގައި ދެމިއޮންނާނެ ޕާޓީ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.

ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުން އެމްޑީޕީގެ އިގްތިސާދީ ކަންކަމާއިބެހޭ ކޮމިޓީގެ މުޤައްރިރު އަހްމަދު ތަސްމީން އަލީ ވަނީ ދިއްގަރު ދާއިރާގެ ރައްޔިތުންގެ އަރިހުގައި މައުމޫން އަބްދުލް ޤައްޔޫމާއި މި ސަރުކާރު ވެއްޓެންދާއިރު، ހިފަހައްޓަން ބޭނުންކުރާ އަސަޔަކަށް ދިއްގަރު ދާއިރާގެ ގޮޑި ހެދި ނުދެއްވުމަށް އެދި ގޮވާލައްވާފައެވެ.

ތަސްމީނު ވިދާޅުވީ މި އަނިޔާވެރިކަން މި ރާއްޖެއިން ނައްތާލުމަށް ކޮންމެހެން ވެސް ދިއްގަރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އަލްއުސްތާޒު އަހުމަދު ރާޒީއަށް ވޯޓް ދެއްވަން ޖެހޭކަމަށެވެ. އަދި ތަސްމީން ވިދާޅުވީ، ރައްޔިތުންގެ މެދުގައި އެއްވެސް ހަމަހަމަ ކަމެއް މިސަރުކާރުގައި ނުގެންގުޅުއްވާ ކަމަށާއި އެ ހަމަހަމަކަމާއި ރައްޔިތުން އެދޭ ހެޔޮ ބަދަލް ރާއްޖެއަށް ގެނައުމަށްޓަކައި އެމްޑީޕީގެ ކެނޑިޑޭޓަކު ދިއްގަރު ދާއިރާއަށް ކޮންމެހެން އެބަ ބޭނުންވާ ކަމަށެވެ.