ރައީސް ނަޝީދު ޖަލުގައި ބާއްވާ ކޮންމެ ދުވަހަކީ އަޅުގަނޑުމެން މި އަޑު އުފުލާނެ ދުވަހެއް. ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މި ހަރަކާތް ހިންގާނެ ދުވަހެއް: ޝިފާޒް

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޖަލުގައި ބާއްވާކޮންމެ ދުވަހަކީ އަނިޔާވެރިކަމާ ދެކޮޅު ގައުމީ ހަރަކާތުން އަޑު އުފުލާނެ ދުވަހެއް ކަމަށާއި، އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ހަރަކާތް ހިންގާނެ ދުވަހެއް ކަމަށާއި، ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ޖެހިވަޑައިގަންނަވާނީ ރައީސް ނަޝީދު މިނިވަން ކުރައްވަން ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

އަނިޔާވެރިކަމާ ދެކޮޅަށް ދިވެހީންގެ ނަމުގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން ރޭގެ މުޒާހަރާގައި ވާހަކަފުޅުދައްކަވަމުން ޝިފާޒް ވިދާޅުވީ ރައީސް ޔާމީން ސުލްހައިގެ މޭޒެއް އިޚްތިޔާރެއް ނުކުރެއްވި ކަމަށާއި، އިޚްތިޔާރު ކުރެއްވީ އަނިޔާވެރިކަން ކަމަށެވެ. އަދި މޭ 01 ގައި ރާއްޖޭގެ ހުރިހާ ރައްޔިތުން މާލެއަށް ޖަމާވެ މިއަނިޔާވެރި ކަމަށް އިންސާފު ހޯދައިދޭނެ ކަމުގައި ވެސް ޝިފާޒް ވިދާޅުވިއެވެ.
“ޖަލަށްލައިގެން އެ އުޅުއްވަނީ ދިވެހި ރައްޔިތުންގެ ހެވާއި ލާބައާއި މަދަދަށް މަސައްކަތްކުރެއްވި ހަމަ އެކަނި ލީޑަރު. އެއީ ދިވެހި ރައްޔިތުން ޖަލަލަށްލުން. އެކުޅެވެނީ ދިވެހިރައްޔިތުންގެ ހިތްތަކާ”، ރައީސް ނަޝީދު ޖަލަށްލުމަށް އިޝާރާތްކުރައްވައި ޝިފާޒް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އާ ދޭތެރޭ މި ސަރުކާރުން އަމަލުކުރަމުންދާ ގޮތާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން ޝިފާޒް ވިދާޅުވީ ގާސިމް އިބްރާހީމް ގެ ބޯޓަކަށް މަސްވެރިން މަސް ކިރުވައިފިނަމަ މިފްކޯގެ އެއްވެސް ތަނަކުން އެ މަސްވެރިންނަށް އައިސް ދޫކުރުން މަނާކޮށްފައިވާ ކަމަށާއި އެއީ ހަމައެކަނި ގާސިމް އިބްރާހީމަށް ދެވޭ އަނިޔާއެއް ނޫން ކަމަށާއި، އެއީ ދިވެހި ހުރިހާ ދިވެހި ރައްޔިތުންގެ މައްޗަށް ވެވޭ އަނިޔާއެއް ކަމަށެވެ.މީގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުޙައްމަދު ނާޒިމާ ދޭތެރޭގައި މިއަނިޔާވެރި ސަރުކާރުން ކަންކޮށްފައިވާ ގޮތަކީ މި ދިވެހިރާޢްޖޭގެ ރައްޔިތުން ގަބޫލު ކުރާ ގޮތެއް ނޫން ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ. އަދި ކާނަލް ނާޒިމް ހައްޔަރު ކުރުމުގެ ކުރީގައި ނާޒިމް ދިރިއުޅުއްވާ ގެއިން ފުލުހުން ނެގި ކަމަށް ބުނާ ފިސްތޯލަ މިއަދު ކޮބައިތޯ ސުވާލުކުރައްވަމުން، އެ ފިސްތޯލަށް ވީގޮތް ރައްޔިތުންނަށް ހާމަކޮށްދީފައިނުވާ ކަމަށާއި، އެ ފިސްތޯލަ އެމްއެންޑީއެފާ ވެސް ހަވާލުކޮށްފައި ނުވާއިރު، އެ ފިސްތޯލަ ފުލުހުންގެ ބެލުމުގެ ދަށުގައި އޮންނާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ޝިފާޒް ވިދާޅުވިއެވެ.