މޭ އެކެއްގައި ނިކުންނާނީ ނަތީޖާ ނެރެން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވެއްޖެ

މޭ އެކެއްގައި އަނިޔާވެރިކަމާ ދެކޮޅު ގައުމީ ހަރަކާތުން ނިކުންނާނީ ނަތީޖާ ނެރެން ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ (އެމްޑީޕީ)ގެ ޗެއަރޕާސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ހިތަދޫ ރޯޔަލް ޕްލަސް ކުރިމަތިން އޮންނަ ފަސްގަނޑުގައި މިރޭ ގައުމީ ހަރަކާތުން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ އަޤްލަބިއްޔަތު އޮތީ ގައުމީ ހަރަކާތާއެކު ކަމަށާއި، މެއި މަހުގެ އެއް ވަނަ ދުވަހު ނިކުންނާނީ ހަތަރެއް ޖަހާއިރު ނިކުމެ ހައެއް ޖަހާއިރު ގެއަށް ވަންނާކަށް ނޫން ކަމަށާއި، އެދުވަހު ގެއަށް ވަންނާނީ ނަތީޖާ ނެރުމަށްފަހު ކަމަށެވެ.
މި ސަރުކާރުން ސިޔާސީ ލީޑަރުންނަށް ކުރާ އަނިޔާތަކާ ބެހޭ ގޮތުންނާއި އައްޑޫއާ މެދު މިސަރުކާރުން ވަމުންދާ އިހުމާލާއި ބެހޭ ގޮތުން ވެސް މިރޭގެ ޖަލްސާގައި އަލީ ވަހީދު ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން މި ޖަލްސާގައި އަލީ ވަހީދު ވިދާޅުވީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ އެކައުންޓްތައް ފުރީޒްކޮށްފި ނަމަ މުޅި ސަރުކާރު ވެސް ފުރީޒް ކުރާނޭ ކަމަށެވެ.މިހާރު ބްރީކިންގ ނިއުސްގެ ގޮތުގައި އަންނަނީ ހުސް އައްޑޫ ސިޓީގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ވާހަކަ ކަމަށާއި، އެހެން ނަމަވެސް އެކްސިޑެންޓްވެ ޒުވާނުން މަރުވަމުންދާއިރު ވެސް އައްޑޫ ސިޓީގެ ލިންކް ރޯޑްގައި ހިނގާ އެކްސިޑެންޓްތަކާއި މެދު މިހާރު މިއޮތް ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައި ނުވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން މުޅި ރާއްޖެއަށް ބެލި ނަމަވެސް ކިޔަވައިގެން ތިބި އެންމެ ގާބިލް މީހުން ގިނަ އެއް ތަނަކީ އައްޑޫ ސިޓީ ނަމަވެސް މި ސިޓީއަށް ނިސްބަތްވާ ބޭފުޅުން ކެބިނެޓްގައި ވެސް ނިސްބަތުން މަދުކަމަށް ވިދާޅުވިއެވެ. އަދި މި ސަރުކާރުން އަމަލުކުރަމުންދާ ގޮތުން އައްޑޫ ސިޓީގައި ހުރި އިމާރަތްތައް ދަނީ ވީރާނާވަމުން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.
މި ޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަން އަލީ ވަހީދުގެ އިތުރުން އެ ޕާޓީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ވެސް ވާހަކަފުޅުދެއްކެވިއެވެ.
ޝިފާޒު ވިދާޅުވީ ޖަލަށްލާފައި ވަނީ އެމްޑީޕީގެ ރައީސް ކަމަށާއި، އެހެން ކަމުން އެމަނިކުފާނު ސަލާމަތްވަންދެން އެމްޑީޕީން އެމަނިކުފާނު މިނިވަންކުރުމަށް މަސައްކަތްކުރާނޭ ކަމަށެވެ. މީގެ އިތުރުން މާދަމާ ހަވީރު ހިތަދޫ ސުކޫލުކުރިމަތީގައި އައްޑޫގެ ރައްޔިތުން ކަރަންޓް ސަބްސިޓީ އާއި ދެކޮޅަށް މުޒާހަރާ ކުރަން ހަމަޖެހިފައިވާ ކަމަށާއި، އެއީ އަނިޔާވެރިކަމާއި ދެކޮޅަށް އައްޑޫގެ ރައްޔިތުން ކުރައްވާ މަސައްކަތް ކަމަށް އެމްޑީޕީގެ ނައިބު ރައީސް ޝިފާޒް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާ ނިންމާފައިވަނީ ރައީސް ނަޝީދާއި، އަނިޔާ ލިބެމުންދާ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި މިނިވަން ކަމަށް އެދި ކުރި ޚާއްޞަ ދުޢާއަކުންނެވެ.