mdp_banner

Sunday, March 29, 2015

ފުލުހުން މިހާރަށްވުރެ ޒިންމާދާރުވެ، ރައްޔިތުންނަށް ޚިދުމަތްދިނުމަށް ރަނގަޅަށް ތަރުތީބުވެ، މުޖުތަމައުގެ އަމާންކަން ދަމަހައްޓައި، ކުށުގެ ބިރުވެރިކަން ކުޑަކުރުމަށް މަސައްކަތްކުރުންފަދަ އަސާސީ ވާޖިބުތައް އަދާކުރުންމަތީ ދެމިތިބުމަށް ގޮވާލަން

ފާއިތުވެދިޔަ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ އާބާދީގެ އެންމެ ބޮޑު ބައެއް ދިރިއުޅެމުންގެންދާ މާލޭގެ ކުށުގެ މާހައުލު ވަރަށް ހަލަބޮލިވެ، ނުރައްކާތެރިކުށްތައް އިތުރުވަމުން އައިސްފައިވާކަން ފާހަގަކުރެވިފައިވެއެވެ. އެގޮތުން 2013 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން މިއަދާއި ހަމައަށް 12 މީހަކު ނުހަނު އަނިޔާވެރިކަމާއެކު ގަސްތުގައި މަރާލެވިފައިވެއެވެ. މީގެތެރެއިން 7 ޙާދިޘާއެއް ހިނގާފައިވަނީ މާލޭގައެވެ. މީގެ އިތުރުން ނުރައްކާތެރި މާރާމާރީގެ އެތަކެއް ޙާދިޘާއެއް މިމުއްދަތުގެތެރޭގައި ހިނގާފައިވާ ކަން މީޑިޔާ އަދި ފުލުހުންގެޕްރެސް ރިލީސް ތަކުން އެނގެން އޮވެއެވެ. ކަން މިހެން އޮވެމެ އަދި ދިވެހި މުޖުތަމަޢުގައި ކުށުގެ ބިރުވެރިކަން އިންތިހާއަށް ފެތުރިފައިވާއިރުވެސް ކުށުގެ ތަފާސް ހިސާބުން ދައްކަނީ ކުށްކުރުން މަދުވެފައިވާކަމަށް ފުލުހުންގެ މުއައްސަސާއިން ބުނަމުންގެންދާތީ ކަންބޮޑުވެއެވެ. ފުލުހުން ކުށްގުނާ ގޮތާއި ކުށުގެ މައުލޫމާތު ރައްކާކޮށް ހާމަކުރާ އުސޫލުތައް އެހާ ދެފުށްފެންނަ ކަމަކަށް ނުފެނެއެވެ. އެފަދަ އުސޫލުތަކުގެތެރެއިން ހާމަކުރެވޭ ތަފާސް ހިސާބަކުން ކުށުގެ މާހައުލުގެ ސާފު މަންޒަރު ނުފެންނަކަންވެސް ފާހަގަކުރަމެވެ.
ނުރައްކާތެރި ކުށުގެ ބިރުވެރިކަން އިތުރެވެފައި، ފުލުހުންނަށް “ހުށަހެޅޭ” ކުށުގެ ޙާދިޘާތަކުގެ އަދަދު މަދުވުމަކީ މުޖުތަމަޢުގައި ކުށްކުރުން މަދުވުންކަމަށް ފުލުހުން ދެކުން އެއީ ނުބައި ތަސައްވަރެކެވެ. ފުލުހުންނަށް ހުށަހެޅިގެން ނުވަތަ ފުލުހުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ފުލުހުންނަށް ފެނިގެން ރެކޯޑުކުރެވޭ ކުށުގެ ނުވަތަ ކުށްކުރުމަށް މަގުފަހިވާ ހާދިޘާތައް މަދުވުމުގައި ތަފާތު ސަބަބުތަކެއް ހުރުން އެކަށީގެންވެއެވެ. އެއް ސަބަބަކީ ފުލުހުންގެ މުއައްސަސާ އަދި ޖުމްލަ ކޮށް މުޅި ޖިނާއީ ޢަދުލުގެ ނިޒާމާމެދު ރައްޔިތުންގެ އިތުބާރު ވަރަށް ކުޑަވެފައިވުމެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަމަށް ފުލުހުން ޚާއްސަ ސަމާލުކަމެއްދީގެން ކުށުގެ ހަރަކާތްތަކަށް ޖާގަނުދިނުމަށް ފުލުހުންގެ އެންމެހާ ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ ހަރަކާތްތައް ހީނަރުވުމާއި އެފަދަ ހަރަކާތްތައް ހިންގުމަށް އެކަށީގެންވާ އޮނިގަނޑާއި އިންތިޒާމްތައް ނެތުމީީވެސް ސަބަބަކަށްވުން އެކަށީގެންވެއެވެ. ފާހަގަކުރެވެނީ ފުލުހުންނަށް ލިބިދީފައިވާ ޤާނޫނީ ބާރުތަކާއި ވަސީލަތްތަކުގެ އެންމެ ފުރިހަމަ ބޭނުން ހިފަނީ ޤާނޫނު އަސާސީން ހުއްދަކުރާ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ބަލިކަށިކުރުމުގައިކަމެވެ. އަދި މިފަހަކަށް އައިސް ހޯމް މިނިސްޓަރުގެ އިރުޝާދުގެ ދަށުން އެއްވެއުޅުމުގެ މިނިވަންކަމަށް ފުލުހުންގެ މުއައްސަސާއިން ކުރިމަތިކުރުވާ ހުރަސްތަކަކީ ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/1) ގެ 18 ވަނަ މާއްދާގެ (ށ) އާއި ސީދާ ޚިލާފަށް އެއްވެއުޅުމުގެ ހައްޤު ހަނިކުރުމަށް ކުރިމަތިކުރަމުންގެންދާ ހުރަސްތަކެއްކަން ފާހަގަކުރަމެވެ. މިއީ ފުލުހުންގެ މުއައްސަސާގެ ލީޑަރޝިޕްގެ އެންމެހާ ފަރާތްތައް ވިސްނަންޖެހިފައި އޮތް ބޮޑު މައްސަލައެކެވެ.
މިއަދަކީ ދިވެހިރާއްޖޭގައި ފުލުހުންގެ ޚިދުމަތް ދެމުން އަންނަތާ 82 ވަނަ އަހަރުފުރުން ފާހަގަކުރެވޭ ދުވަސްކަމަށްވެފައި، ފުލުހުންގެ ޚިދުމަތް އަމާޒުހިފާފައިވަނީ ޤާނޫނު އަސަސީގެ 244 ވަނަ މާއްދާގައި ބަޔާންކުރާފަދަ މަޤްސަދުތައް ޙާސިލުކުރަންތޯއާއި، އެމަޤްސަދުތައް ޙާސިލުކުރުމުގައި ރައްޔިތުންގެ މަސްލަޙަތު ފުލުހުން އިސްކުރަނީ ކިހާ މިންވަރަކަށްތޯ މިއަދު ކޮންމެ ފުލުހަކުވެސް އަމިއްލަ ނަފުސާ އެބަ ސުވާލުކުރަންޖެހެއެވެ.
ފާހަގަކުރެވެނީ މިއިންދުވަހަކުވެސް ފުލުހުންގެ މުއައްސަސާއާމެދު ރައްޔިތުންގެ ހިތުގައި ކަންބޮޑުވުން ނެތްމިންވަރަށް މިހާރު ކަންބޮޑުވުމާއި ޝަކުވާތައް އިތުރުވެފައިވާކަމާއި، އަދި ފުލުހުންގެ މުއައްސަސާއާމެދު ތުހުމަތުކުރެވޭ “ޖަރީމާތައް” އިތުރުވެފައިވާކަމެވެ. އޭގެ އިތުރުން ފުލުހުންގެ ބާރު ބޭނުންކުރުމާއި، ހަރަކާތްތައް ތަންފީޒުކުރުން އަދި ޚިދުމަތް ދިނުމުގައި ވަރަށް ބޮޑަށް ތަފާތުކުރުމުގެ އަމަލުތައް ތަކުރާރުވެ، ޙާލަތާއި ނުބައްދަލު ބާރުބޭނުންކޮށް އަނިޔާވެރިވުމާއި، ރައްޔިތުންނާމެދު އިހާނާތްތެރިވެ، ހުތުރު ބަހުރުވައިން މުއާމަލާތް ކުރާކުރުންވެސް ވަނީ އިތުރުވެފައިކަން ފާހަގަކުރެވެއެެވެ. މިފަދަ ކަންކަމަކީ ފުލުހުންގެ މުއައްސަސާގެ މަދު ބައެއްގެ ފަރާތުން ފެންނަ ކަންކަން ކަމުގައި ވީނަމަވެސް، ކޮންމެ ފުލުހަކުވެސް ފުލުހުންގެ ކޯޑް އޮފް އެތިކްސް އަދި ކޯޑް އޮފް ކޮންޑަކްޓްގެ ތަރަހައިގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ދެމިހުރުމަށް ގޮވާލަމެވެ. އަދި ފުލުހުންގެ މުއައްސަސާ މިއަދު މިއޮތް ޙާލަތަށް ސޮއްސާލުމުގައި މުއައްސަސާގެ އެންެމެ މަތީ ލީޑަރޝިޕްގައިވާ ފަރާތްތަކުގެ އިޙުމާލުއޮތްކަން ފާހަގަކުރަމެވެ. ފުލުހުންގެ އަމާޒުތަކަށް ވާސިލުވުމަށް ރައްޔިތުންނާއި އަދި މުޖުތަމަޢުގެ ރައްކާތެރިކަން ގާއިމުކުރުމަށް ޤާނޫނުތަކުން ފުލުުހުންނަށް ލިބިދޭ ބާރުތައް އޭގެ ނާޖާއިޒްގޮތުގައި ބޭނުންކޮށް ރައްޔިތުންގެ ފައިސާއިން ފުލުހުންނަށް ހޯދާ އެކިއެކި ވަސީލަތްތައް ސިޔާސީ މަޤްސަދުތައް ހާސިލުކުރުމަށް ބޭނުންކުރުމަކީ ޑިމޮކްރެޓިކް ހަމަތަކާއި ނިޒާމްތަކާއި ބީރައްޓެހި އަދި ފުލުހުންގެ ޚިދުމަތްތަކާގުޅޭ ބެސްޓް ޕްރެކްޓިސްތަކާއި ފުށުއަރާކަންކަމެވެ.
މިމުނާސަބު ދުވަހު ފުލުހުންގެ މުއައްސަސާއަށް ނިސްބަތްވާ ކޮންމެ ފަރާތަކުންވެސް ގަބޫލުކުރަންޖެހެނީ ޑިމޮކްރެޓިކް ނިޒާމެއް ހިނގާ ދަޢުލަތެއްގައި ފުލުހުންގެ ޚިދުމަތް ދެމިއޮތުމާއި، ހަރަކާތްތެރިވެ އުޅުމަށް ބޭނުންވާ ޤާނޫނީ ހައިސިއްޔަތުގެ މަސްދަރަކީ ރައްޔިތުންކަމެވެ. އެހެންވީހިނދު ފުލުހުން މިހާރަށްވުރެ ޒިންމާދާރުވެ، ރައްޔިތުންނަށް ޚިދުމަތްދިނުމަށް ރަނގަޅަށް ތަރުތީބުވެ، މުޖުތަމައުގެ އަމާންކަން ދަމަހައްޓައި، ކުށުގެ ބިރުވެރިކަން ކުޑަކުރުމަށް މަސައްކަތްކުރުންފަދަ އަސާސީ ވާޖިބުތައް އަދާކުރުންމަތީ ދެމިތިބުމަށް ގޮވާލަމެވެ.

1 Comment »
  1. ސަތޭކައިގެ ނޫސްބަޔާނެއް. 82 އަހަރު ފުރިގެން މޮޅު ހަފްލާއެއް ފުލުހުން ބޭއްވިއިރު ދުވަހަކުވެސް އިތުބާރު ނުގެއްލޭވަރަށް ފުލުހުންނަށް ޢާންމުން ކުރާއިރުބާރު ވަނީ ކުޑަވެ ގެއްލިފަ. ސީދާ ސީޕީގެ ސިޔާސީ އެންގުންތަކަށް ފުލުހުންގެ ތެރެއިން ވަކިބަޔަކު ޢަމަލުކުރަމުންދާތީ މުޅި މުއައްސަސާގެ ނަން ދުވަހެއް ދުވަހަކަށް ދަނީ ކިލަނބުވެ ތަޣައްޔަރުވަމުން. މިފަސާދަ މިހާރުން މިހާރަށް ހުއްޓެންޖެހޭ.

    Comment by Adam Rasheed — Monday, March 30, 2015 @ 10:04 am

Leave a comment