mdp_banner

Wednesday, March 18, 2015

މުޒާހަރާގެ ތެރެއަށް ތަކުރާރުކޮށް ކަޅުތެޔޮ ޖަހައި، ގްރޫޕުތަކުން ވަދެގަނެ ޙަމަލާދޭ މައްސަލަ ފުލުހުން ނުބަލާތީ އެކަން ކުށްވެރިކުރުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލައި، މި ޕާރޓީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މުޒާހަރާތަކުގެ ތެރެއަށް ޢާންމުކޮށް ކޮންމެ ރެޔަކު ތަކުރާރުކޮށް ގްރޫޕުތަކުން ވަދެ، މުޒާހަރާގެ ބައިވެރިންނަށް ބިރުދައްކައި، ޙަމަލާތައްދީ އަދި ތަކެއްޗަށް ގެއްލުންދެމުންދާ ފަދައިން، ރޭގެ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ވެސް އެކިފަހަރުމަތިން ޕެޓްރޯލާއި ކަޅުތެޔޮޖަހައި، އަދި އެ މުޒާހަރާގެ ތެރެއަށް ގްރޫޕްތަކުން އެކިފަހަރުމަތިން ވަދެގަނެ، މުޒާހަރާގެ ބައިވެރިންނަށް ބިރުދައްކައި، ހައިޖާނު އުފައްދާފައިވާއިރު، އެ މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ރައްކާތެރިކަން ނުދީ، އަދި ޙަމަލާދިން އެއްވެސް މީހަކު ހައްޔަރު ވެސް ނުކޮށް، އޭގެބަދަލުގައި މުޒާހަރާގައި ބައިވެރިވި އަންހެން ބޭފުޅުން ރޭގައި ވެސް ޙައްޔަރުކޮށްފައިވާތީ، އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

މިފަދަ ގްރޫޕުތަކުން މުޒާހަރާގެ ތެރެއަށް ކަތިވަޅި ފަދަ ހަތިޔާރު ހިފައިގެން ވަދެގަނެ، މުޒާހަރާގެ ބައިވެރިންނަށް ފާޅުކަން ބޮޑުގޮތެއްގައި ބިރުދައްކައި، ޙަމަލާތައް ދެމުން ގެންދަނީ، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން އަޑީގައި ތިބެގެންކަމަށް ޤަބޫލުކުރަންޖެހެއެވެ. އަދި ޙަމަލާދޭ ގްރޫޕުތަކާ މެދު ފުލުހުން އެއްވެސް ފިޔަވަޅެއް ނާޅާނޭކަމުގެ ފުރިހަމަ ޔަޤީންކަން އެފަރާތްތަކަށް ލިބިފައިވާތީ ކަމުގައި ވެސް ޤަބޫލުކުރަންޖެހެއެވެ. ހަމައެފަދައިން މުޒާހަރާތަކުގެ ތެރެއަށް ވަދެ، އެޒާތުގެ ބޮޑެތި ނުރައްކާ ޖަރީމާތައް ހިންގަމުން ދަނިކޮށް ސާބިތު ހެއްކާއެކު ހިފުމަށް ފަހުގައި ވެސް އެއިން އެއްވެސް ފަރާތެއް ޙައްޔަރުކޮށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ސުލްޙަވެރި މުޒާހަރާތައް ބޭއްވުމުގައި އެއްބާރުލުންދީ މުޒާހަރާ ކުރާފަރާތްތައް ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަކީ ފުލުހުންގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމު ކަމަކަށްވީ ނަމަވެސް، އެމް.ޑީ.ޕީ އިން ބާއްވާ މުޒާހަރާތަކުގެ ތެރެއަށް މިގޮތަށް ގްރޫޕުތަކުން ތަކުރާރުކޮށް ވަދެ މީހުންނަށް ޙަމަލާދީ ތަކެއްޗަށް ގެއްލުންދެމުންދާ މައްސަލަތައް ފުލުހުން ބަލަމުން ނުދާތީއާއި، އޭގެ ބަދަލުގައި މުޒާހަރާގެ ބައިވެރިން ޙައްޔަރުކުރަމުންގެންދާތީ، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުންނާއި، ހިޔުމަން ރައިޓްސް ކޮމިޝަނުން އެ މައްސަލަތައް ވަގުތުން ބައްލަވައިދެއްވުމަށް މި ޕާރޓީން ގޮވާލަމެވެ. އަދި ރޭގެ މުޒާހަރާއިން ޙައްޔަރުކުރި ހުރިހައި އަންހެން ބޭފުޅުން ވަގުތުން ދޫކޮށްލުމަށް ފުލުހުންނަށް ގޮވާލަމެވެ.

18 މާރޗް 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް

1 Comment »
  1. Dhifaaee baaru thakun rayyithunnah himaayatha rahkaatherikan nedhevenyaa dhenjeheynee rayyithun amilla ah group hadhaigen viyas amilla nafsaa mudhalaa anbi dharin himaayaiy kuran. Alhugandu MDP ah migothah govaalan

    Comment by hassan — Wednesday, March 18, 2015 @ 11:15 am

Leave a comment