ބާ ޖަމާލުއްދީނުގައި ކިޔަވާ ދަރިވަރުން ވަންނާނެ ތަނެއް ދައްކަވާ!

0_1423490609150209155304_59_news

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންގެވުމަކަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ކިޔަވަމުން ގެންދާ ސޯސަންގޭގައި ހުރި ޔުނިވަރސިޓީގެ މުދަލާއި ސާމާނުތައް ވަނީ ޔުނިވަރސިޓީއަށް ރަސްމީ ގޮތުން އެންގެވުމެއް ނެތި ފުލުހުން ކޮންމެވެސް ތަނަކަށް ގެންދަވައި އެތަން ހުސްކުރައްވާފައެވެ. ސޯސަންގޭގައި ހިންގަމުން ގެންދިޔަ ފެކަލްޓީ އޮފް އެންޖިނިއަރިން ޓެކްނޮލޮޖީ އާއި ފެކަލްޓީ އޮފް ސައިންސްގައި ކިޔަވަމުންގެންދިޔަ 400 އަށް ވުރެން ގިނަ ދަރިވަރުންގެ ކިޔެވުން ވަނީ ހުއްޓިފައެވެ.

ފުލުހުން ދެން ހުސްކުރެއްވުމަށް ރަރީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވާފައިވަނީ ބާ ޖަމާލުއްދީނެވެ. އެތަނުގައި ފެކަލްޓީ އޮފް އާރޓްސް އާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި ސެންޓަރފޯ އޯޕަން ލާނިންގ އާއި ސްޓޫޑެންޓް ސަރވިސެސް ގައި ކިޔަވަމުންގެންދާ 1200 އެތައް ދަރިވަރުނާއި އެތަނުގައި ކުރަމުންގެންދާ މަސައްކަތް ބަދަލުކުރާނެ އެހެން ތަނެއް ނުލިބި އެތަން ހުސްކުރެވޭނެ ގޮތެއް ޔުނިވަރސިޓީއަށް އޮތީ ނުފެނިފައެވެ. އެހެންނަމަވެސް، ފުލުހުންނަށް ރައީސް އޮފީހުން އަންގަވާފައި އޮތީ 17 ފެބްރުއަރީ 2015 ގެ ކުރިން އެ އިމާރާތް ވެސް ހުސްކުރުމަށެވެ. ޔުނިވަރސިޓީއާއި އެހެނިހެން ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅުކުރަމުން ގެންދިއުމުގެ ސަބަބުން މިހާރު ވަނީ އިމާރާތް ހުސްކުރުމުގެ މުއްދަތު ފެބްރުއަރީ 26 އަށް އިތުރުކުރައްވާފައެވެ. އެކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ޔުނިވަރސިޓީގެ ވެރިން ވަނީ 14 ފެބްރުއަރީ 2015 ވަނަ ދުވަހު ފުލުސް އޮފީހަށް ހާޒިރުކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މަތީ ތަޢުލީމު ޙާޞިލުކުރަމުން ގެންދާ ދަރިވަރުންގެ ޙައްޤުތައް ގެއްލޭގޮތަށް ސަރުކާރުން ޢަމަލުކުރައްވާތީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އެކަން ހަރު އަޑުން ކުށްވެރިކުރަމެވެ. ދަރިވަރުންނާއި ޔުނިވަރސިޓީގެ މުއައްޒިފުން ހާސްކަމާއި ކަންބޮޑުވުމެއްގެ ތެރެއަށް ދާންޖެހޭތީ މި ޕާޓީން ވަރަށް ބޮޑަށް ހިތާމަކުރަމެވެ. ބާ ޖަމާލުއްދީނު އިމާރާތުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ހާހެއްހާ ދަރިވަރުންނަށް ތަޢުލީމު ހޯދޭވަރުގެ ތަނެއް ޔުނިވަރސިޓީގައި ނެތްކަމަށާއި އެފަދަ ތަނެއް ހޯދުމުގެ ޤާބިލުކަން ވެސް ޔުނިވަރސިޓީގައި ނެތްއިރު އެ ފުރުޞަތު ދިވެހި ސަރުކާރަށް އެބައޮތް ކަމަށް މި ޕާޓީން ޤަބޫލުކުރަމެވެ. އެހެންކަމުން، ބާ ޖަމާލުއްދީނު ސްކޫލް ފުލުހުން ހުސްކުރެއްވުމުގެ ކުރިން، އެތަނުގައި ކިޔަވަމުންދާ ދަރިވަރުން ވަންނާނެ އެކަށީގެންވާ ތަނެއް ހޯއްދަވައިދެއްވުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓިން ސަރުކާރަށް ގޮވައިލަމެވެ.
15 ފެބްރުއަރީ 2015