ހައިކޯޓުގެ ޝަރީޢަތް ދޮޅުމަސްދުވަހުގެ މުއްދަކަށްފަހު ފެއްޓެވުމަށް އެދިވަޑައިގެންފި

ރައީސް މުޙައްމަދު ނަޝީދު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުއްވި، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށްދާ ރައީސް މުޙައްމަދު ނަޝީދުގެ ޝަރީޢަތް ހިންގުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންޗް އެކުލަވާލާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި ދިނުމުގެ މައްސަލައިގެ ޝަރީޢަތާ ގުޅިގެން ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުން މުހިއްމު ދިރާސާތަކެއް ކުރައްވުމަށް ބޭނުންފުޅުވާތީ، ½1 މަސް ދުވަހުގެ މުއްދަތަކަށްފަހު ޝަރީޢަތުގެ އަޑުއެހުންތައް ފެއްޓެވުމަށް ހައިކޯޓުގައި މިއަދު އެމަނިކުފާނުގެ ޤާނޫނީ ވަކީލުން އެދިވަޑައިގެންފިއެވެ.

މިއަދު ހެނދުނު ރައީސް ނަޝީދުގެ ޤަނޫނީ ވަކީލު އަލްއުސްތާޛް ޙަސަން ލަޠީފް ސޮއިކުރައްވައި ހައިކޯޓަށް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވަނީ، ޝަރީޢަތުގެ އަޑުއެހުންތައް މިފަދައިން ފެއްޓެވުމަށް ހައިކޯޓުގައި އެދިވަޑައިގަތީ ހައިކޯޓުން ބައްލަވަމުން ގެންދަވާ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް 1 އޭޕްރީލް 2013 ގައި މެދުކަނޑުއްވާލެއްވިފަހުން މިއަދާ ހަމައަށްވެސް އެޝަރީޢަތުގެ އެއްވެސް އަޑުއެހުމެއް ބާއްވަވާފައިނުވާތީ، ޝަރީޢަތުގެ އަޑުއެހުމެއް ނުބާއްވަވައި މިހައި ދިގު މުއްދަތެއް ފާއިތުވެގެން ގޮސްފައިވާތީ އާއި، ކޯޓުތަކާއި، ފަނޑިޔާރުންނާއި، ޝަރުޢީ ނިޒާމުގެ އިތުރުން ޤާނޫނުތަކަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތީއާއި، ހައިކޯޓުން އެމައްސަލަ ބައްލަވައި ނިންމަވާއިރު ކޯޓުން ކުރައްވަފާނެ ޙުކުމަކީ ދަށު މަރުހަލާގައި ހިނގަމުންދާ ރައީސް މުޙައްމަދު ނަޝީދުގެ މަސްލަޙަތު އޮތް މައްސަލައަކާ ސީދާ ގޮތުން ގުޅުންހުރި ޙުކުމަކަށް ވެދާނެތީ، ޝަރީޢަތުގެ މިމަރުހަލާގައި ރައީސް މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން އިތުރަށް ވާހަކަ ދެއްކުމުގެ ކުރިން ކުރަންޖެހޭ މުހިއްމު ދިރާސާތަކެއް ހުރުމާއެކު އެ ފުރުޞަތު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ.

އަދި މީގެ އިތުރުން، ހައިކޯޓުގައި އޮތް އެ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ނުބޭއްވި ގިނަ ދުވަސްތަކެއް ފާއިތުވަމުންދާތީ އެ ޝަރީޢަތް އަވަސްކޮށްދެއްވުމަށް އެކިފަހަރުމަތިން ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފައިވީ ނަމަވެސް، އެޝަރީޢަތުގެ އަޑުއެހުންތައް ނުބާއްވަވައި މިހައި ގިނަ ދުވަސްތަކެއް ފާއިތުވެގެން ގޮސްފައިވާތީ، ދަޢުވާ ކުރާ ފަރާތުގެ ހައިސިއްޔަތުން ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައިގައި ޢަދުލުވެރި ނިޔާއެއް އެމަނިކުފާނަށް ލިބިވަޑައިގަތުމުގެ ފުރުޞަތު މިހާރު ހަނިވެފައިވާކަމުގައިވެސް އެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

2015 ޖަނަވަރީ 28 ވަނަ ދުވަހުގެ 14:20 އަށް ހައިކޯޓުގައިވާ މައްސަލައިގެ އިބްތިދާޢީ ބައްދަލުވުމަށް ޙާޟިރުވުމަށް ރައީސް މުޙައްމަދު ނަޝީދަށާއި އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނަށް އަމުރުކުރައްވާފައިވާހިނދު، “ހައިކޯޓު ޤަވާޢިދު 2011″ ގެ 39 ވަނަ މާއްދާގެ ދަށުން، އިބްތިދާޢީ ބައްދަލުވުމެއް ނުވަތަ ބައްދަލުވުންތަކެއް ބޭއްވުމުގެ އިޚްތިޔާރު ލިބިދީފައިވަނީ ރަޖިސްޓްރާއަށް ކަމާއި، އަދި އެފަދަ އިބްތިދާޢީ ބައްދަލުވުމެއް ބޭއްވުމުގެ އިޚްތިޔާރު ރަޖިސްޓްރާއަށްވެސް ލިބިދީފައިވަނީ ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުމުގެ ކުރިންކަން އެމާއްދާއިން އެނގޭ ކަމަށް އެ ސިޓީގައިވެއެވެ. އެހެން ނަމަވެސް، މައްސަލައިގެ ޝަރީޢަތުގެ އެތައް އަޑުއެހުންތަކެއް ކޯޓުގައި މިހާރު ކުރިއަށް ގެންދަވައިފައިވަނިކޮށް، އެ އަޑުއެހުންތަކުގެ ވަކި ހިސާބަކުން ކޯޓުން ބާއްވަވާ އިބްތިދާޢީ ބައްދަލުވުމަކަށް ޙާޟިރުވުމަށް ޗިޓު ފޮނުއްވާފައިވާތީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރައްވާފައިވެއެވެ. އަދި ކޯޓުން ބޭއްވެވުމަށް ނިންމަވާފައިވާ އިބްތިދާޢީ ބައްދަލުވުން ބޭއްވެވުމުގެ ބަދަލުގައި ރައީސް މުޙައްމަދު ނަޝީދު ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްދެއްވުމަށް ވަނީ ހައިކޯޓުގައި އެދިވަޑައިގެންފައެވެ.