ރައީސް ޔާމިންގެ ސަރުކާރުން ރައީސް ނަޝީދު ހައްޔަރުކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތް ހުއްޓާލެއްވުމަށް ގޮވާލުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިހާރު ރާއްޖެއިން ބޭރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަށްފަހު އެނބުރި ރާއްޖެވަޑައިގަތުމާއެކު ރައީސުލްޖުމްހޫރިއްޔާ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން އެމަނިކުފާނު ހައްޔަރުކުރައްވަން ނިންމަވާފައިވާކަމުގެ އިންޒާރުތައް އެކި ފަރާތްތަކުން އެމަނިކުފާނަށް ލިބިވަޑައިގަންނަވަމުން އެބަ ދެއެވެ.

ރައީސް މުޙައްމަދު ނަޝީދު ހައްޔަރުކުރައްވަން ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން އުޅުއްވާކަމުގެ އިންޒާރުތައް ލިބިވަޑައިގަންނަވަމުން ގޮސްފައި މިވަނީ ސިޔާސީ އެކި ފަރާތްތަކަށް ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ބިރުދައްކަވައި އަދި ސަރުކާރުން ޤާނޫނު އަސާސީގެ ބާރު ކަނޑުވާލައްވަމުން ގެންދަވާ ދަނޑިވަޅެއްގައިކަން ފާހަގަކުރަމެވެ.

ރައީސް މުޙައްމަދު ނަޝީދަކީ ރައްޔިތުންގެ މެދުގައި އެންމެ މަޤުބޫލު، އަދި ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް އެންމެ ބޮޑަށް ލިބިވަޑައިގެން ހުންނެވި ސިޔާސީ ލީޑަރ ކަމަށްވާއިރު، އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާއިރު، ޤާނޫނު އަސާސީންނާއި އަދި ވަކި ޚާއްޞަ ޤާނޫނަކުން އެމަނިކުފާނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމުވެގެންވާއިރު، ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން އެމަނިކުފާނަށް ބިރުދެއްކެވުމަށް ކުރައްވަމުންދާ މަސައްކަތް ހުއްޓާލެއްވުމަށް ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރަށް އެމް.ޑީ.ޕީ އިން ގޮވާލަމެވެ.

21 ޖެނުއަރީ 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް