ޤައުމީ މަޖިލީހުގެ 126 ވަނަ ބައްދަލުވުން ބުދަ ދުވަހުގެ ރޭ ބާއްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޤައުމީ މަޖިލީހުގެ 126 ވަނަ ބައްދަލުވުން 12 ނޮވެމްބަރ 2014 (ބުދަ) ދުވަހުގެ ރޭ ބާއްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ މާލޭ ސިޓީ ކައުންސިލުގެ ހޯލުގައެވެ.

ޤައުމީ މަޖިލީހުގެ މި ބައްދަލުވުމުގައި، ސަރުކާރުން 2015 ވަނަ އަހަރަށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓް، އެމް.ޑީ.ޕީ ގެ ބަޖެޓް ދިރާސާކުރައްވާ ކޮމެޓީން ދިރާސާކުރެއްވުމަށްފަހު ތައްޔާރުކުރެއްވި ރިޕޯރޓާ ބެހޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިފައިވެއެވެ. އަދި ސަރުކާރުން 2015 ވަނަ އަހަރަށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓްގެ މައްޗަށް ޤައުމީ މަޖިލީހުގެ މެމްބަރުން ވަރަށް ފުޅާދާއިރާއެއްގައި ވާހަކަފުޅުދައްކަވައި، ސަރުކާރުން 2015 ވަނަ އަހަރަށް ހުށަހެޅުއްވި ދައުލަތުގެ ބަޖެޓުގައި ހުރި ބޮޑެތި މައްސަލަތަކާއި ކަންބޮޑުވުންތައް ފާހަގަކުރައްވާފައިވެއެވެ. އަދި އެ ބަޖެޓަކީ ސަރުކާރުގެ ވަޢުދުތައް ފުއްދެވުމުގެ މައްޗަށް އެކުލެވިގެންވާ ބަޖެޓެއް ނޫންކަމާއި އަދި ވަރަށް ތާކުންތާކު ނުޖެހޭ ބަޖެޓެއްކަން ޤައުމީ މަޖިލީހުގައި ވާހަކަދެއްކެވި ހުރިހައި މެމްބަރުން ވެސް ފާހަގަކުރެއްވިއެވެ.

މި މައްސަލައިގެ އިތުރުން ބުދަ ދުވަހުގެ ރޭ ބޭއްވުނު ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި، އެމް.ޑީ.ޕީ ގެ ދާއިރާތަކަށް ފައިސާ ދޫކުރުމާ ގުޅޭގޮތުން މާލިއްޔަތާއި ޗަންދާ ކޮމެޓީން ހުށަހެޅުއްވި ޤަރާރު، އެ ހުށަހެޅުއްވި ގޮތަށް ވަނީ ފާސްކުރައްވައިފައެވެ.

މީގެ އިތުރުން، ޕާރޓީގެ އެކިއެކި ކަންކަމާ ގުޅޭގޮތުން ރިޔާސަތުން ދެއްވާ މައުލޫމާތު ޤައުމީ މަޖިލީހާ ޙިއްޞާކުރައްވައިފައިވެއެވެ.

ޤައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވައިފައިވަނީ ޗެއަރ ޕާރސަން ޢަލީ ވަޙީދެވެ. އަދި މިބައްދަލުވުމުގައި ޕާރޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާއި ޤައުމީ މަޖިލީހުގެ ގިނަ މެމްބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ. ޤައުމީ މަޖިލީހުގެ މި ބައްދަލުވުމަކީ އެމް.ޑީ.ޕީ ގެ އައު ލީޑަރޝިޕް އިންތިޚާބުވެވަޑައިގެން ފަހުން ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ.

13 ނޮވެމްބަރ 2014