އެމް.ޑީ.ޕީގެ ޗެއާރ ޕާރސަން އއ،ރ،ފ މިއަތޮޅު ތަކުގެ ބައެއް ކައުންސިލަރުންނާއި ބައްދަލުކުރައްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޗެއާރ ޕާރސަން ޢަލީ ވަޙީދު، އއ،ރ، އަދި ފ، މި އަތޮޅުތަކަށް ނިސްބަތްވެވަޑައިގަންނަވާ އެމް.ޑީ.ޕީ. ގެ ކައުންސިލަރުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އެމް.ޑީ.ޕީ. ގެ މައި އިދާރާގައި އިއްޔެގެ ވަގުތެއްގައެވެ. މިބައްދަލުވުމުގައި ކައުންސިލަރުންގެ މަސައްކަތްފުޅުތަކާއި ބެހޭ މަޢުލޫމާތު، ކައުންސިލަރުން ޗެއާރ ޕާރސަނާ ޙިއްސާކުރެއްވިއެވެ. އަދި ކައުންސިލަރުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ލާމަރުކަޒީ ޤާނޫނުގެ ބާރުވެރިކަން ކަނޑުވާލާފައިވާ މައްސަލައާ މެދުގަޔާއި، އަދި ކައުންސިލަރުން ބާރުވެރިކުރުވުމުގެ މުޙިއްމުކަމުގެ މައްޗަށް ވާހަކަދެއްކެވިއެވެ. އަދި ކައުންސިލަރުންނަށް ކުރިމަތިވާ ބަޖެޓްގެ ދަތިކަމުގެ ސަބަބުން ރަށުގެ ތަރައްޤީގެ މަސައްކަތްތައް މަޑުޖެހިގެންދާގޮތް ދިމާވާކަމުގެ މައްޗަށް ވެސް ވާހަކަ ދެއްކެވިއެވެ. ޗެއަރ ޕާރސަންގެ ވާހަކަފުޅުގައި ކައުންސިލަރުންގެ ދައުރުގެ މުޙިއްމުކަމުގެ މައްޗަށާއި އަދި އެމް.ޑީ.ޕީ.އާ ވީހާވެސް ގާތްގޮތް ޤާއިމުކުރެވިގެން ކައުންސިލްތައް މަސައްކަތްކުރުމުގެ މުޙިއްމުކަމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ. އަދި ކައުންސިލްތައް ބާރުވެރިކުރުވުމުގައި އެމް.ޑީ.ޕީ. އަބަދުވެސް މަސައްކަތްކުރާނޭކަމުގެ ޔަޤީންކަން އެރުއްވިއެވެ.

މި ބައްދަލުވުން ނިމަވާލައްވަމުން ކައުންސިލަރުންވަނީ އެމް.ޑީ.ޕީ.ގެ ޗެއާރ ޕާސަން ޢަލީ ވަޙީދަށް އެބޭފުޅުންގެ ދާއިރާތަކަށް ވަޑައިގަތުމަށް ދަޢުވަތު އަރުވައިފައެވެ.

29 އޮކްޓޯބަރ 2014