އިސްލާމިކް މިނިސްޓަރުގެ އަނބިކަނބަލުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ކޮރަޕްޝަންގެ ދަޢުވާ އަނބުރާ ގެންދެވުމާމެދު ކަންބޮޑުވުން ފާޅުކުރުން

noosbayan

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަނބިކަނބަލުންގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙްޤީޤްކޮށްގެން ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުއްލަވާފައިވާ ކޮރަޕްޝަން މައްސަލައިގެ ދަޢުވާ، ރައްޔިތުންނަށް ހާމަކުރެއްވުމެއް ނެތި، ޕްރޮސިކިޔުޓަރ ޖެނެރަލް އެ މައްސަލަ ކުއްލިއަކަށް އަނބުރާ ގެންދަވާފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމެވެ.

ދައުލަތުގެ ވަޒީރެއްގެ އަނބިކަނބަލަކު ނުވަތަ ފިރިކަލަކު ބިދޭސީއަކާ ގުޅިގެން އެއްވެސް ބާވަތެއްގެ އަމިއްލަ ވިޔަފާރިއެއްކުރުމަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި މަނާކޮށްފައިވާ ކަމެއްކަމާއި، އަދި އެފަދަ ކުށަށް އެ ޤާނޫނުގެ ދަށުން ޖަލު ޙުކުމުގެ އަދަބު ވެސް ކަނޑައަޅާފައިވާކަން ފާހަގަކުރަމެވެ. އަދި ކުންފުނި ހަދައިގެން ވިޔަފާރިކުރުމަކީ ސިއްރުކުރެވެން ހުންނަ ޒާތުގެ ކަންކަން ނޫންކަމާއި، ކަމެއް ސާބިތުކުރުމަށް ބޭނުންވާ އެންމެ ހަރުދަނާ ހެކިކަމުގައިވާ ކިތާބީ ހެކި އެކުލެވެނީ ވެސް އެބާވަތުގެ ކަންކަމުގައިކަން ފާހަގަކުރަމެވެ. ނަމަވެސް އިސްލާމިކް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަނބިކަނބަލުން ބިދޭސިއަކާ ގުޅިގެން ކުންފުނިހަދައިގެން ރާއްޖެއިން ބޭރުގައި ރަންރިހީގެ ވިޔަފާރި ހިންގިކަމަށް އޭސީސީގެ ތަޙްޤީޤަށް ލިބުނު ހަރުދަނާ ހެކިތަކުގެ މައްޗަށް ޕްރޮސިކިޔުޓަރ ޖެނެރަލް ކްރިމިނަލް ކޯޓަށް މީގެކުރިން ހުށަހެޅުއްވި މި ދަޢުވާ، އަލަށް އައްޔަނު ކުރެވުނު ޕްރޮސިކިޔުޓަރ ޖެނެރަލް އަނބުރާ ގެންދަވާފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ރައްޔިތުންގެ ސަމާލުކަމަށް އައިސްފައި ހުންނަ ނުވަތަ ދައުލަތުގެ އިސް ފަރާތްތަކާ ގުޅުން ހުންނަ ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ދައުލަތުން ކޯޓުގައި ދަޢުވާ އުފުއްލެވުމަށްފަހު، އެފަދަ ދަޢުވާތައް އަނބުރާ ގެންދަވާނަމަ، ދެފުއް ފެންނަގޮތަށް އެ މަޢުލޫމާތު އެނގުމަކީ ރައްޔިތުންގެ ޙައްޤެއްކަމަށްވާއިރު، އެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރެއްވުމެއްނެތި، ސިއްރުގޮތެއްގައި ކުއްލިއަކަށް އެފަދަ ގިނަ ދަޢުވާތައް ޕްރޮސިކިޔުޓަރ ޖެނެރަލް މިފަހަކަށް އައިސް އަނބުރާ ގެންދަވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ކޯޓަށް ދަޢުވާ ހުށަހެޅިފައިވަނިކޮށް މިގޮތަށް ޕްރޮސިކިޔުޓަރ ޖެނެރަލް މިފަހަކަށް އައިސް އަނބުރާ ގެންދިވި އެހެން ބާވަތްތަކުގެ ދަޢުވާތަކުގެ ތެރޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ވިއްކުމުގެ ކުށުގެ ދަޢުވާތަކާއި، ގޭންގު ބޭނުންކޮށްގެން ބިރުދައްކާ ފައިސާ އަތުލުމުގެ ކުށުގެ ދަޢުވާތަކުގެ އިތުރުން މީހުން މެރުމަށް ވަޅިން ޙަމަލާދިނުމުގެ ކުށާގުޅޭ މައްސަލަތައް އަނބުރާ ގެންދެވުން ހިމެނެއެވެ.

ޤާނޫނުގައި ސާފުކޮށް ކަނޑައެޅިފައިވާ ކުށްތަކުގައި، މުސްތަޤިއްލު މުވައްސަސާ ތަކުން ތަޙްޤީޤުކޮށް އަދި ދައުލަތުން ކޯޓުގައި ދަޢުވާ ވެސް އުފުއްލެވުމަށްފަހު، ރައްޔިތުންގެ ސަމާލުކަމަށް އައިސްފައި ހުންނަ، ނުވަތަ ދައުލަތުގެ އިސް ފަރާތްތަކާ ގުޅުން ހުންނަ މިބާވަތުގެ ދަޢުވާއެއް ދައުލަތުން އަނބުރާ ގެންދަވާނަމަ އެކަމުގެ ސަބަބު ރައްޔިތުންނަށް ރަނގަޅަށް ހާމަކޮށްދެއްވުމަކީ ޕްރޮސިކިޔުޓަރ ޖެނެރަލް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއްކަމަށް ދެކޭތީ، ދެފުއް ފެންނަގޮތަށް އެކަން ރައްޔިތުންނަށް ހާމަކުރެއްވުމަށް ޕްރޮސިކިޔުޓަރ ޖެނެރަލަށް މި ޕާރޓީން ގޮވާލަމެވެ.

17 އޮކްޓޯބަރ 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ. ސެކްރެޓޭރިއެޓް