‘އެންމެ ކުއްޖަކު ވެސް ބާކީ ނުކުރުމުގެ ސިޔާސަތު’ ހިންގާ ގޮތާއިމެދު އެމްޑީޕީން ކަންބޮޑުވުން

noosbayan

‘އެންމެ ކުއްޖަކު ވެސް ބާކީ ނުކުރުމުގެ ސިޔާސަތު’ ހިންގާގޮތާއި ގުޅޭގޮތުން ސްކޫލްތަކުން މަޢުލޫމާތު ހޯދުމަށްޓަކައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ކުރި މަސައްކަތުގައި، އެޑިކުކޭޝަން މިނިސްޓަރާއި ބައްދަލުކުރުމަށް އެދުމުގެ އިތުރުން، މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޤާނޫނުގެ ދަށުން މި ޕާޓީން ކުރި މަސައްކަތަށް އެޑިޔުކޭޝަން މިނިސްޓްރީން އެއްބާރުލުން ނުދެއްވީތީ އެކަން މި ޕާޓީން ވަރަށް ބޮޑަށް ކުށްވެރި ކުރަމެވެ.

މި ޕާޓީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ‘އެންމެ ކުއްޖަކު ވެސް ބާކީ ނުކުރުމުގެ ސިޔާސަތު’ ގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރައްވަމުން ގެންދަވާ ކަމަކީ، މާލޭގެ ސްކޫލްތަކުގައި ތިބި ކިޔެވުމުގައި އިތުރު އެހީ ބޭނުންވާ ކުދީން އުނގެނޭނެ ވަކި ޕްރޮގްރާމެއް ނެތި، ސްކޫލުން ބޭރުގެ އެކި ތަންތަނަށް މަސައްކަތްކުރަން ފޮނުވުމެވެ. ނަތީޖާއަކީ މިޒާމާނުގައި ކޮންމެ ދިވެހި ރައްޔިތަކަށް ބޭނުންވާ ޢާންމު ތަޢުލީމު ލިބުމުގެ ޙައްޤުން މި ކުދިން މަޙުރޫމް ކުރެވުމެވެ. އަދި ހަމަ އެހެންމެ، މި ފަދަ ކުދިން ލަވަމުން ލަވަމުން، އެހެން ދިމާލަކަށް ގެންދެވޭނަމަ، ކިޔެވުމަށް ދަށްވާ ކުދިންނަށް އެހީތެރިވެދެވޭނެ ރަނގަޅު ނިޒާމްތައް ސްކޫލްތަކުގައި ހިންގުމާއި، ތައުލީމުން ޙައްޤުވާ މިންވަރު ހަމަ ކޮންމެ ކުއްޖަކަށް ލިބިދިނުމުގައި ސްކޫލްތައް ޒިންމާ ކުރުވަން ދަތިވާނެއެވެ.

ސާނަވީ ތަޢުލީމަކީ މި ޒަމާނުގެ އަސާސީ ތަޢުލީމު ކަމަށް ވީއިރު، އަދި 21 ވަނަ ޤަރުނުގައި ކޮންމެ މަސައްކަތެއް ވެސް ރަނގަޅަށް ކުރެވޭނީ މި ތަޢުލީމު ލިބިގެންކަމަށް ވާއިރު، ސާނަވީ ފެންވަރުގެ ތަޢުލީމަކީ ކޮންމެ ކުއްޖެއްގެ ވެސް ޙައްޤެކެވެ. އެހެންކަމުން، މި ތަޢުލީމުން އެއްވެސް ކުއްޖަކު ބާކީ ނުކުރައްވައި ހުރިހާ ކުދީންނަށް ވެސް މި ތަޢުލީމު ލިބިދިނުމަށްޓަކައި މަސައްކަތްކުރެއްވުމަށް މި ޕާޓީން ސަރުކާރަށް ގޮވާލަމެވެ.