ޕީޖީ ޑެޕިޔުޓީ ލީޑަރ އިމްތިޔާޒު ފަހުމީ (އިންތި) ޔުނިވާރސިޓީ އޮފް ވެސްޓަން އޮސްޓްރޭލިއާ ގައި ތަޤުރީރުކުރައްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޕާރލަމެންޓްރީ ގްރޫޕްގެ ޑެޕިޔުޓީ ލީޑަރ އިމްތިޔާޒު ފަހުމީ (އިންތި) ޔުނިވާރސިޓީ އޮފް ވެސްޓަން އޮސްޓްރޭލިއާ (ޔޫޑަބުލިޔޫއޭ) ގެ ސެންޓަން ފޯރ މުސްލިމް ސްޓޭސް އެންޑް ސޮސައިޓީ ގެ ފަރާތުން އިންތިޒާމްކޮށްގެން އެ ޔުނިވާރސިޓީގައި މިއަދު ދަޤުރީރު ކުރައްވައިފިއެވެ.

އިންތި ތަޤުރީރު ކުރައްވާފައިވަނީ ދިވެހިރާއްޖެ ޑިމޮކްރެސީގެ މަގުގައި ފަހަތަށް ޖެހެމުންދާ ގޮތާމެދުގައެވެ. އަދި އެ މައުލޫގެ ތެރޭގައި، ރާއްޖޭގައި އިންސާނީ ޙައްޤުތައް ނިގުޅައިގަނެފައިވާ މިންވަރާއި، އެކިއެކި ޖަރީމާތައް ހިންގާމީހުންގެ މައްޗަށް ޤާނޫނު ނުހިނގާކަމާއި، އަދި ހައްދުފަހަނާޅާފައިވާ ފިކުރު އަށަގަނެފައިވާ މިންވަރުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައިވެއެވެ.

އިމްތިޔާޒު ފަހުމީ މިއަދު ޔޫޑަބުލިޔޫއޭ ގައި ވާހަކަދައްކަވަމުން ގެންދެވި ވަގުތުގައި ވެސް ރާއްޖޭގައި އެމް.ޑީ.ޕީ ގެ މައި އޮފީސް ރޯކައްލާފައިވާކަމާއި، މި ޕާރޓީގެ އިސްވެރިންނަށް މަރުގެ އިންޒާރުގެ މެސެޖްތައް ލިބެމުންދާކަމާއި ހަމަ އެފަދައިން އިންތިއަށް ވެސް ވިދިވިދިގެން އެފަދަ ދެ މެސެޖް ކުޑަ ހިނދުކޮޅެއް ކުރިން ވެސް ލިބިވަޑައިގެންފައިވާކަން ޙިއްޞާކުރެއްވިއެވެ.

އަދި މިނިވަން ނޫހުގެ ޖާރނަލިސްޓް އަޙްމަދު ރިޟުވާނުގެ މައްސަލައާ މެދުގައި ވެސް ވާހަކަދައްކަވައި، ފުލުހުން އެ މައްސަލަ ފުރިހަމަ ގޮތުގައި ބަލަމުންދާކަމަށް ނުފެންނަކަމާއި، އިނގިރޭސިވިލާތުގެ ޕްރައިވެޓް އިންވެސްޓިގޭޓަރަކު މެދުވެރިކޮށް އެ މައްސަލަ ބެލިބެލުމުން ރިޟުވާން ވަގަށް ނަގާފައިވާކަމަށް ހެކިލިބިފައިވާކަން ފާހަގަކުރެއްވި އެވެ. އަދި އެ ރިޕޯރޓް ނެރުނު ފަރާތާމެދު ފުލުހުން ފިޔަވަޅު އަޅާނޭކަމުގެ އިންޒާރުދީފައިވާކަން ވެސް ފާހަގަކުރެއްވިއެވެ. އަދި ނޫސްވެރިކަމަށް ދެމުންދާ ހަމަލާތަކާއި ރާއްޖެޓީވީ ރޯކޮށްލި މައްސަލައާއި ރާއްޖެޓީވީ ގެ އަސްވާރޑަށް ދިން މަރުގެ ހަމަލާއާއި، ޑޮކްޓަރ އަފްރާޝީމު އަވަހާރަކޮށްލި މައްސަލައާއި އަލްހާން ފަހުމީއަށް ދިން މަރުގެ ޙަމަލާއާ މެދު ވެސް ވާހަކަ ދެއްކެވިއެވެ. އަދި މިފަދަ ޖަރީމާތައް ހިންގާ ހަޤީޤީ ފަރާތްތައް ހޯދާ އަދަބުދެމުން ނުދާކަން ވެސް ފާހަގަކުރެއްވިއެވެ.

އަދި ރާއްޖޭގައި ތިރީސް ދިގު އަހަރުގެ ތެރޭގައި ހިންގި ލާއިންސާނީ ޖަރީމާތައް ތަޙްޤީޤުކުރުމެއް ނެތި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިމޮކްރެޓިކް ގޮތެއްގައި އިންތިޚާބުވެވަޑައިގަތް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޖިނާޢީ ދަޢުވާ އުފުލާފައިވާކަން ވެސް އިންތި ފާހަގަކުރެއްވި އެވެ.

އަދި ޖަލުގައި ސިފައިން އީވާން ނަސީމު މަރާލުމާއި އޭގެ އިތުރުން ބަޑިޖައި އެތައް ބައެއް މެރުމާއި، އޭގެ ފަހުން އެމް.ޑީ.ޕީ ޤައުމުން ބޭރުގައި އުފެއްދި ގޮތާއި ސިޔާސީ ޕާރޓީތައް އުފެދި، ޤާނޫނު އަސާސީ އިސްލާޙުކޮށް ޑިމޮކްރެސީއަށް ބަދަލުވިގޮތުގެ ވާހަކަ ދެއްކެވި އެވެ.

އޭގެ ފަހުން އެމް.ޑީ.ޕީ ގެ ވެރިކަން ބަޣާވާތަކުން ވައްޓާލި ގޮތާއި 7 އަދި 8 ފެބުރުއަރީ ގައި ފުލުހުން ކުރި އަނިޔާ ތަކާއި އަދި އަނިޔާކުރި މީހުންގެ މައްޗަށް ޤާނޫނު ނުހިންގާ ކަމުގެ ވާހަކަ ވެސް ދެއްކެވިއެވެ.
ހަމ އެފަދައިން ސްޕްރީމް ކޯޓުން ސައްޙަ އިންތިޚާބުތައް ބާތިލުކުރުމާއި، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ވަކިކުރުމާއި ޖަލަށްލުމަށް ޙުކުމްކުރުމާއި، އަދި މިހާރު ހިޔުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުން ސްޕްރީމް ކޯޓަށް ޙާޟިރުކުރަމުން ދާކަމުގެ މައްޗަށް ވެސް އިންތި އަލިއަޅުވާލެއްވިއެވެ.

މިގޮތްގޮތުން ދިވެހިރާއްޖެ ޑިމޮކްރެސީގެ މަގުން ފަހަތަށްދާކަމާއި، އަދި ރާއްޖޭގެ މި ހުރިހާ ކަންކަމަކާ ގުޅިގެން އދ. އިންނާއި ދުނިޔޭގެ އެކި ފަރާތްތަކުން ފާހަކަކޮށްފައިވާ ކަންތައްތައް އިންތިގެ ތަޤުރީރުގައި ޙިއްޞާކުރައްވާފައިވެއެވެ.