ފުލުހުންގެ ހިމާޔަތައް އެދިފައި ވަނިކޮށް އެމްޑީޕީގެ ޤައުމީ އިދާރާ ހ. ޝަރާސާ ގެ ބިއްލޫރިތައް ރޭވެސް ތަޅާލައިފި

ސިލްސިލާ ގޮތެއްގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ އިދާރާއަށް ސިލްސިލާކޮށް ދެމުންދާ ހަމަލާތަކުގައި ރޭވެސް ޕާޓީގެ ޤައުމީ އިދާރާގެ ބިއްލޫރިތައް ތަޅާލައިފިއެވެ. ޤައުމީ އިދާރާ ހުންނަ ހ. ޝަރާސާގެ އެއްވަނަ ފަންގިފިލާއާއި ދެވަނަ ފަންގި ފިލާގެ ބިއްލޫރިތައް ރޭ ވަނީ ގައު އުކާއިގެން ތަޅާލާފައި ވަނީ، އަންގާރާ ދުވަހުގެ ރޭވެސް ޕާޓީގެ ޤައުމީ އިދާރާގެ ބިއްލޫރިތައް ތަޅާލައިގެން ފުލުހުންގެ ހިމާޔަތައް އެދިފައިވަނިކޮށެވެ.

އެމްޑީޕީގެ ޤައުމީ އިދާރާއަށް ހަމަލާދޭ ކޮންމެ ފަހަރެއްގައި ފުލުހުންނަށް އެމައްސަލަ ބަލާދިނުމަށް ހުށަހެޅި ނަމަވެސް، އެއިން އެއްވެސް ފަހަރެއްގައި ހަމަލާދޭ ބަޔަކު ހޯދިފައިނުވާއިރު، ޝައްކުކުރެވޭ މީހަކުވެސް ފުލުހުންނަށް މިހާތަނަށް ހޯދިފައިނުވާ ކަމަށް އެމްޑީޕީގެ އިދާރާއިން މަޢުލޫމާތުދެއެވެ. ޕާޓީއަށް ދެވޭ މިފަދަ ހަމަލާތަކާއި ގުޅިގެން، އެކަންކަން އެކަށީގެންވާވަރަށް ފުލުހުން ތަހްޤީގުކުރަމުން ނުދާތީ، އެފަދަ ކަންކަމަކީ ދައުލަތުން ހިތްވަރުދީގެން ކުރުވާ ކަންކަމުގެ ގޮތުގައި ރައްޔިތުންގެ ގިނަ ބަޔަކު ދަނީ ދެކެމުންނެވެ.