އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއަށް ކަޅުތެޔޮ ޖަހައިފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)ގެ ރައީސް އަދި ކުރީގެ ރައީސްގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއަށް ރޭގެ ވަގުތެއްގައި ކަޅު ތެޔޮ ޖަހައިފިއެވެ. އެމްޑީޕީގެ ޤައުމީ މަޖިލިސް މާލޭ ސިޓީކައުންސިލްގެ ހޯލުގައި ހިނގަމުން ދަނިކޮށް، އެސަރަހައްދުގައި ހުންނަ ގ. ކެނެރީގޭގެ ފާރާއި، ދޮރާއްޓަށް ކަޅުތެޔޮ ޖަހާފައި ވަނީ، ރައީސް ނަޝީދާއި އެމްޑީޕީގެ ލީޑަރޝިޕްގެ އިސްވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނަށް ތަފާތު އިންޒާރުތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ. އެމްޑީޕީގެ ހަރަކާތްތައް ފެށި މިއަދާއި ހަމައަށް އައިރު، ރައީސް ނަޝީދުގެ ގެކޮޅާއި އަދި ޕާޓީގެ އެހެނިހެން އިސްފަރާތްތަކުގެ ގެކޮޅުތަކަށް އެކި ފަހަރުމަތިން ކަޅު ތެޔޮޖެހާފައިވާކަން ފާހަގަކުރެވެއެވެ.

މާލޭގައި ބިރުވެރިކަން އުފެދޭ ގޮތަށް ދެވެމުން މިދާ ހަމަލާތަކަކީ ސިޔާސީ ގޮތުން އެމްޑީޕީ ބާރުގަދަވެ، ޕާޓީގެ ހަރަކާތްތަކުގައި އާއްމުން ބައިވެރިވާ ނިސްބަތް ގިނަ ވަމުންދާ ދަނޑިވަޅެއްގައި، އެމްޑީޕީ ފަހަތަށް ޖެއްސުމަށް ބަޔަކު ރާވާ ހިންގާ ކަންތައްތަކެއް ކަމުގައި ދުށުމުގެ ފުރުސަތު އޮތްކަމެކެވެ.