ސޫއޯ މޮޓޯގެ ނަމުގައި ހިޔުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުން ސްޕްރީމް ކޯޓަށް ޙާޟިރުކުރުމާމެދު ކަންބޮޑުވުން ފާޅުކުރުން

noosbayan

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރސީއެމް) ގެ ފަރާތުން، އދ. ގެ ހިޔުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާ ރިޕޯރޓެއްގައި ސްޕްރީމް ކޯޓާ ބެހޭގޮތުން ބަޔާންކޮށްފައިވާ ވާހަކަތަކަކާ ގުޅިގެން އެޗްއާރސީއެމް ގެ މެމްބަރުންގެ މައްޗަށް ސޫއޯ މޯޓޯގެ ނަމުގައި ސްޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަށް މައްސަލަ ބެލުމަށްފަށައި، އެޗްއާރސީއެމް ގެ މެމްބަރުން މިއަދު އެ ކޯޓަށް ޙާޟިރުކޮށްފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމެވެ.

އެޗްއާރސީއެމް ސްޕްރީމް ކޯޓަށް ޙާޟިރުކޮށްފައިވަނީ އދ. ގެ ހިޔުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާ ޔުނިވާރސަލް ޕީރިއޮޑިކް ރިވިޔޫ (ޔޫޕީއާރ) ގައި އެޗްއާރސީއެމް ގެ ފަރާތުން ސްޕްރީމް ކޯޓަށް ފާޑުކިޔައި ބަޔާންކޮށްފައިވާ ވާހަކަތަކަކާ ގުޅިގެންކަން ފާހަގަކުރަމެވެ.

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރސީއެމް) އަކީ ޤާނޫނު އަސާސީގެ 189 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ މިނިވަން އަދި މުސްތަޤިއްލު ކޮމިޝަނެކެވެ. އެ ކޮމިޝަނުގެ ދުސްތޫރީ އަދި ޤާނޫނީ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، ކުރިއެރުވުމާއި، އެ ޙައްޤުތައް ހޯދައި ދިނުމަށް މައްސައްކަތްކުރުމާއި، އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތާ މިންވަރު ބަލާ ވަޒަންކުރުން ހިމެނެއެވެ. އަދި އިންސާނީ ޙައްޤުތަކާ ބެހޭގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުމާއި، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމުގެ ގޮތުން ކޮމިޝަނަށް ފެންނަ ޚިޔާލުތަކާއި ހުށަހެޅުންތައް ހުށަހެޅުން ހިމެނެއެވެ.

މިދެންނެވި މަސްއޫލިއްޔަތުތަކާއެކު، ރާއްޖޭގައި އިންސާނީ ޙައްޤުތައް ކުރިއަރުވާ ފަރާތެއްގެ ޙައިޞިއްޔަތުން އެ ކޮމިޝަނުގެ މައްޗަށް ބައިނަލް އަޤުވާމީގޮތުން މަތިކޮށްފައިވާ ޒިންމާއެއް އަދާކުރުމުގެގޮތުން އދ. ގެ ހިޔުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާ ޔުނިވާރސަލް ޕީރިއޮޑިކް ރިވިޔޫ (ޔޫޕީއާރ) ގައި އެޗްއާރސީއެމް ގެ ފަރާތުން ސްޕްރީމް ކޯޓަށް ފާޑުކިޔާފައިވާކަމަށް ބުނެ އެ ކޮމިޝަނުގެ މެމްބަރުންގެ މައްޗަށް ސޫއޯ މޯޓޯގެ ނަމުގައި ސްޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަށް މައްސަލަ ބެލުމަށްފަށައި، އެޗްއާރސީއެމް ގެ މެމްބަރުން މިއަދު އެ ކޯޓަށް ޙާޟިރުކުރި ކުރުމަކީ ޤާނޫނޫ އަސާސީން އުފައްދާފައިވާ މިނިވަން މުސްތަޤިއްލު ކޮމިޝަނެއްގެ ޤާނޫނީ ބާރުވެރިކަން ގެއްލިދިއަ ކަމެއްކަމުގައި މި ޕާރޓީން ދެކެމެވެ.

ސްޕްރީމް ކޯޓުން އެޗްއާރސީއެމް ގެ މެމްބަރުންގެ މައްޗަށް ސޫއޯ މޯޓޯގެ ނަމުގައި އަމިއްލައަށް އިސްނަގައިގެން އެޗްއާރސީއެމް ގެ މެމްބަރުން ކޯޓަށް ޙާޟިރުކޮށްފައިވަނީ އެކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުންނާއި، ކޮމިޝަނަށް ލިބިދޭ ބާރުތަކުގެ ދަށުން ޢަމަލުކުރުމުގެ ގޮތުން ޤާނޫނުގައިވާ ގޮތުގެ މަތިން ނުވަތަ ޤާނޫނަކުން ލިބިދޭ ބާރެއްގެ ދާއިރާގެތެރޭގައި، ކޮމިޝަނުގެ ރައީސް ނުވަތަ ކޮމިޝަނުގެ ނައިބު ރައީސް ނުވަތަ ކޮމިޝަނުގެ މެމްބަރަކު، ނުވަތަ މުވައްޒަފަކު ރަސްމީ ޙައިޞިއްޔަތުން، ހެޔޮނިޔަތުގައި ކުރާކަމަކާމެދު، ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އެއްވެސް މަދަނީ ނުވަތަ ޖިނާޢީ ދައުވާއެއް ނުއުފުލޭނޭކަމަށް ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރުކަން ފާހަގަކުރަމެވެ.

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓާމެދު އދ. އިންނާއި ދުނިޔޭގެ ބޮޑެތި ޑިމޮކްރެޓިކް ޤައުމުތަކުންނާއި ބައިނަލް އަޤުވާމީ އެތަކެއް ޖަމިއްޔާތަކަކުން މީގެ ކުރިން ވެސް އާދަޔާ ޚިލާފަށް ފާޑުކިޔާފައިވީހިނދު، ސްޕްރީމް ކޯޓުން އެޗްއާރސީއެމް ގެ މެމްބަރުންގެ މައްޗަށް މިފަދަ ޢަމަލެއް ހިންގުމަކީ ސްޕްރީމް ކޯޓާމެދު އެކިފަރާތްތަކުން އިތުރަށް ފާޑުކިޔައި، އަދި އިތުރަށް އިތުބާރު ގެއްލިގެންދާނޭ ކަމަކަށްވާތީ، ސްޕްރީމް ކޯޓުން އެފަދަ އަމަލުތައް ހިންގުން ހުއްޓާލުމަށް މި ޕާރޓީން އިލްތިމާސްކުރަމެވެ.

23 ސެޕްޓެމްބަރ 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް