ރައީސް ނަޝީދު ސްރިލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ވަގުތީ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ސްރިލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭގެ ވަގުތެއްގައި އެނބުރި މާލެ ވަޑައިގެންފިއެވެ.
ރައީސް މުޙައްމަދު ނަޝީދުގެ މި ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ހިޒް އެކްސެލެންސީ މަހިންދަ ރާޖަޕަކްސެ އާ، ކޮޅުނބުގައި ހުންނަ ސްރީލަންކާގެ ރައީސްގެ ރަސްމީ ގަނޑުވަރުކޮޅުގައި ބައްދަލުކުރައްވާފައިވެއެވެ. އަދި ރައީސް ނަޝީދުގެ ޝަރަފުގައި ސްރީލަންކާގެ ރައީސް ރޭގަނޑުގެ ފަރިއްކޮޅެއް އަރުވާފައިވެއެވެ.
ރައީސް މުޙައްމަދު ނަޝީދު މި ދަތުރުފުޅުގައި ބައްދަލުކުރެއްވި އެހެން ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، އެމެރިކާގެ ސަފީރު ހަރ އެކްސެލެންސީ މިސް މިޝޭލް ޖޭ ސިސޮން އާއި، އިނގިރޭސި ހައިކޮމިޝަނަރ ހިޒް އެކްސެލެންސީ މިސްޓަރ ޖޯން ރޭންކިންގ އާއި، އޮސްޓްރޭލިއާގެ ހައިކޮމިޝަނަރ ހަރ އެކްސެލެންސީ މިސް ރޯބިން މިޔޫޑީ އާއި، ފަރަންސޭސި ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ޒޯން ޕޯލް މޮންޝައު އެވެ. މީގެ އިތުރުން އިންޓަރނޭޝަނަލް ފައިނޭންސް ކޯރޕަރޭޝަން (އައިއެފްސީ) ގެ ކަންޓްރީ މެނޭޖަރ މިސްޓަރ އެޑަމް ސެކް އާވެސް ރައީސް ނަޝީދުގެ ދަތުރުފުޅުގައި ބައްދަލުކުރައްވާފައިވެއެވެ.
ރައީސް މުޙައްމަދު ނަޝީދުގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތް މިޕާރޓީގެ ޕާރލަމެންޓްރީ ގްރޫޕުގެ މެމްބަރުންކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އޮނަރަބަލް ޢަބްދުﷲ ޝާހިދާއި، އޮނަރަބަލް މުޙައްމަދު އަސްލަމާއި، އޮނަރަބަލް އިލިޔާސް ލަބީބާއި، އައްޑޫ ސިޓީގެ މޭޔަރ އަލްފަޟިލް ޢަބްދުﷲ ޞާދިޤާއި އަލްފާޟިލް ޢުމަރު ޢަބްދުލް ރައްޒާޤު ވެސް ރޭގައި އެނބުރި މާލެ ވަޑައިގެންފައިވެއެވެ.