މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް 1 މެއިގައި އެމްޑީޕީން ނުކުންނަނީ

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް 1 މެއިވާ ބުރާސްފަތި ދުވަހު އެމްޑީޕީގެ ހިނގާލުން މުޅިރާއްޖޭގައި އޮންނާނެއެވެ.

2006 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން އަންނަނީ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރަމުންނެވެ. އެމްޑީޕީގެ ސަރުކާރުގައި އެ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅި ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ޖަމްޢިއްޔާ އައިއެލްއޯގައި ދިވެހިރާއްޖެ ބައިވެރިވެ، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާއި ދެމެދު ހިނގާ ދެބަސްވުން ހައްލު ކުރުމަށް ޤަވާއިދެއް އެކުލަވާލައި އެޤަވާއިދަށް އަމަލުކުރަން ފެށި، އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް އެކުލަވާލެވި، ލޭބަރ ޓްރައިބިއުނަލް ޤާއިމުކުރެވި 2012 ވަނަ އަހަރު މަސައްކަތްތެރިންނަށް އުޖޫރައިގެ ގޮތުން ދެވޭ އެންމެ ކުޑަ މުސާރަ ކަނޑައެޅުމަށް ނިންމައި އެކަމާ ގުޅޭ އެންމެހައި ދިރާސާތައް ކުރެވި، އެކަން މޮނިޓަރ ކުރުމަށް އައު ބޯޑެއް އެކުލަވާލެވި، މަސައްކަތްތެރިޔާ ދިރިއުޅޭ ތަން ހުންނަންޖެހޭ އެންމެ އަސާސީ މިންގަނޑު ކަނޑައެޅުމުގެ ޤަވާއިދު އެކުލަވާލާފައިވާހިނދު މިއަދުވެސް މަސައްކަތްތެރިންގެ އެތައް ޙައްޤުތަކެއް ރައްކާތެރިނުކުރެވި ސަރުކާރުންނާއި ދައުލަތުން މަސައްކަތްތެރިންގެ ޙައްޤުތައް ނިގުޅައިގަނެ ބިރުދައްކެމުގެ ޚުދުމުހުތާރު އާދަތައް އަނބުރާ އިއާދަވަމުން އަންނަކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ.

މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތްކޮށް، މިނިމަމް ވޭޖް ކަނޑައަޅައި އައިއެލްއޯގެ ކޮންވެންޝަން ނަމްބަރ 155، ކޮންވެންޝަން އޮން އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހަލްތުގައި މިހާރުން މިހާރަށް ދިވެހިރާއްޖެއިން ބައިވެރިވެ އަދި މިނޫންވެސް، މަސައްކަތްތެރީންގެ ޙައްޤުތައް ހިމާޔަތް ކުރުމަށް އެކުލަވާލާފައިވާ އައިއެލްއޯގެ ކޮންވެންޝަންތަކުގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް އެމްޑީޕީން ގޮވާލަމެވެ. މިކަންކަމާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ބަޔާންކޮށް މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ގޮވާލާ ޕެޓިޝަންގައި ސޮއިކުރުން ހިނގާލުމުގައި ކުރިއަށްދާނެއެވެ. އަދި ޕެޓިޝަންތައް ރައްޔިތުންގެ މަޖިލިހުގެ ޕެޓިޝަނާ ބެހޭ ކޮމިޓީއާ ހަވާލުކުރެވޭނެއެވެ.