އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕްގެ މެމްބަރ އަލްޙާން ފަހުމީއަށް ދިން މަރުގެ ޙަމަލަ ކުށްވެރިކުރުން

noosbayan

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޕާރލަމެންޓްރީ ގްރޫޕުގެ މެމްބަރ، ފޭދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ، އަލްޙާން ފަހުމީ ރޭގައި “ބްރޭކް ވޯޓާރސް” ނަމަކަށް ކިޔާ ކެފޭއެއްގައި އިތުރު ބޭފުޅުންތަކާއެކު އިންނަވަނިކޮށް ބަޔަކު މީހުން އެތަނަށް ވަދެ އަލްޙާން ފަހުމީގެ ބުރަކަށިކޮޅަށް ތޫނު އެއްޗަކުން ޙަމަލާދީ ވަރަށް ބޮޑަށް ޒަޙަމްކޮށްލާފައިވާތީ، އެ ނުރައްކާތެރި ޢަމަލު އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.
އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން ދެކޭގޮތުގައި އަލްޙާން ފަހުމީއަށް ރޭގައި ދިން ޙަމަލާއަކީ ބަޔަކު މީހުން ކުރިން ގަސްތުގައި ރާވައިގެން ދީފައިވާ މަރުގެ ޙަމަލާއެކެވެ. އަދި މި ނުރައްކާތެރި ޙަމަލާގެ ސަބަބުން ޢަލްޙާން ފަހުމީގެ ޙާލުކޮޅު ވަރަށް ކްރިޓިކަލްވެ، އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދިނުމަށްފަހު ރޭގެ ވަގުތެއްގައިވަނީ އިތުރަށް ފަރުވާކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ގެންގޮސްފައިކަން ފާހަގެކުރެވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަމާޒުކޮށް ގިނަ ބައެއްގެ ކުރިމަތީގައި ހާމަކަން ބޮޑުގޮތެއްގައި އެއްވެސް ޖެހިލުމެއްނެތި މިފަދަ ނުރައްކާތެރި މަރުގެ ޙަމަލާތައް ދޭދިނުމަކީ އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން ނުހަނު ކަންބޮޑުވާކަމެކެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގައި މިނިވަންކަމާއެކު މަސައްކަތްކުރުމަށް ހުރަސްއަޅައި ބިރުދެއްކުމުގެ ގޮތުން ހިންގާ ޖަރީމާތަކެއްގެ ގޮތުގައި ދެކެމެވެ. ހަމައެއާއެކު މިކަމުން ވެސް އެގެނީ މުޖުތަމައުގައި އަމަންއަމާންކަން ގެއްލިފައިވާ މިންވަރާއި އަދުއިންސާފު ގެއްލިފައިވާ މިންވަރެވެ.
އަލްޙާން ފަހުމީއަކީ އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުގައާއި ރައްޔިތުންގެ މަޖިލީހުގައި ވަރަށް ޖެހިލުންކުޑަ އަދި ހިތްވަރުގަދަ ގޮތެއްގައި ކަންކަމާމެދު ވަކާލާތުކުރައްވަމުން ގެންދަވާ ޒުވާން ޕޮލިޓިޝަނެކެވެ.
އަލްޙާން ފަހުމީއަށް ރޭގައި އެ ނުރައްކާތެރި މަރުގެ ޙަމަލާދިން ފަރާތްތައް ހޯއްދަވައި، ރަނގަޅު ތަޙްޤީޤެއް ހިންގަވައި، އެފަރާތްތަކަށް ޙައްޤު އަދަބު ދެއްވުމަށް އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން ގޮވާލަމެވެ. އަދި އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން މިކަން ހިނގާގޮތް ގާތުން ބަލަމުންދާނޭކަމުގައި ވެސް ދަންނަވަމެވެ. އަލްޙާން ފަހުމީއަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރަމެވެ.

2 ޖެނުއަރީ 2014

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުޙައްމަދު ޞާލިޙް