ލޯކަލް ކައުންސިލް އިންތިޚާބަށް ބޭއްވޭ އެމްޑީޕީ ‘ޓްރެއިނިންގް ވާރކްޝޮޕް’ ހޮނިހިރު ދުވަހު ރާއްޖޭގެ 28 ސަރަހައްދެއްގައި

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކެންޑިޑޭޓުންނާއި، ކެމްޕޭން މެނޭޖަރުންނާއި ދާއިރާތަކުގެ މެމްބަރުންނަށް އެމްޑީޕީން ބާއްވާ ‘ޓްރެއިނިންގް ވާރކްޝޮޕް’ ރާއްޖޭގެ 28 ސަރަހައްދެއްގައި ހޮނިހިރު (21 ޑިސެމްބަރ 2013) ދުވަހު ކުރިއަށް ގެންދެވުމުގެ އިންތިޒާމްތައް މިހާރު ވަނީ ހަމޖެހިފައި ކަމުގައި މި އިންތިޚާބަށް އެމްޑީޕީން ކަނޑައަޅުއްވާފަ ހުންނެވި ސްޕޯކްސްޕާސަން މުހަންމަދު ޝިހާބު ހާމަކުރައްވައިފިއެވެ. އެމްޑީޕީ އޮފީހުގައި މިއަދު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ޝިހާބު ފަހަގަކުރެއްވި ގޮތުގައި އިންތިޚާބަށް ތައްޔާރުވުމުގެ ވާރކްޝޮޕް ރާއްޖޭގެ 28 ސަރަހައްދުގައި ހިންގަވައިދެއްވާނެ ފަންނީ މެމްބަރުން މިހާރުވަނީ އެމްޑީޕީން ތަމްރީނުކުރައްވާފައެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް އޮވެގެން 827 ކެންޑިޑޭޓޫން ވާދަކުރައްވާނެ ކަމަށާއި، އެމްޑީޕީގެ ޓިކެޓްގައި ކެންޑިޑޭޓުން ބައެއް ދާއިރާގައި ފާހަގަ ނުކުރެއްވުނު ނަމަވެސް، އެމްޑީޕީގެ ތާއީދު އޮވެގެން ވާދަކުރައްވާނެ ކެންޑިޑޭޓުން ހުރިހާ ދާއިރާއަކުންވެސް ތިއްބަވާނެކަމުގައި ޝިހާބު ފާހަގަކުރައްވާފައިވެއެވެ.

ހޮނިހިރު ދުވަހުގެ ‘ކެމްޕޭން ޓްރެއިނިންގ ވާރކްސޮޕް” ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މިބާއްވަވަނީ، ލޯކަލް ކައުންސިލް އިންތިޚާބު ގެ އަހައްމިއްޔަތުކަން އެމްޑީޕީން ވަރަށް މަތީ ދަރަޖައެއްގައި ފާހަގަކުރައްވާތީ ކަމަށާއި، ލާމަރުކަޒީ ގާނޫނު ފުރިހަމަވަނީ ރައްޔިތުން ބާރުވެރިކުރުވިގެން ކަމަށާއި، ރައްޔިތުންނާއި ގާތުން، ރައްޔިތުން އިންތިޚާބު ކުރައްވާ ކެންޑިޑޭޓުންނަށް، ވަރަށް މުހިންމު ފަންނީ މައޫލޫމާތުތަކެއްވަނީ ބޭނުންތެރިވެފައި ކަމުގައި މިއަދުގެ ޕްރެސް ކޮންފަރެންސް ގައި ޝިހާބު ވިދާޅުވިއެވެ. ހަމައެއާއިއެކު ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރެއްވުމަށްޓަކައި ކޮންމެ ދާއިރާއަކުން ކެމްޕޭން މެނޭޖަރަކާއި، ޕްރެސް އޮފިސަރަކާއި އިތުރު ފަންނީ މެމްބަރުން މި ވާރކްޝޮޕް ތަކުގައި އައްޔަނުކުރައްވާނެ ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ޕޮލިސީ ޓީމުންނާއި ފަންނީ މެމްބަރުން އެއްކުރައްވާފަހުރި މަޢުލޫމާތުތަކުގެ އަލީގައި ކޮންމެ ރަށަކަށް ވަކި ތަޞައްވަރާއި އަމާޒުތައް ކަނޑައަޅުއްވާފަ އެބަހުރިކަމަށާއި، ލޯކަލް ކައުންސިލް އިންތިޚާބު ގެ ކެމްޕޭންވެސް އިފްތިތާހުކުރެވިގެންދާނީ ކޮންމެރަށަކަށް ޚާއްޞަ ވަކި އަމާޒުތަކެއް ނުވަތަ މެނިފެސްޓޯއެއް އޮވެގެން ކަމުގައި ޝިހާބު ފާހަގަކުރެއްވިއެވެ. އެމްޑީޕީގެ ކެމްޕޭން ލޯކަލް ކައުންސިލް އިންތިޚާބަށް އިފްތިތާޙު ކުރުން ހަމަޖެހިފައިވަނީ 28 ޑިސެމްބަރ 2013 ވާ ހޮނިހިރު ދުވަހުއެވެ.