މިއަދު އަނެއްކާވެސް ކުރިމަތިލާން ޖެހިފައިމިވަނީ ރައްޔިތުންގެ ވެރިކަމެއް އަލުން ގާއިމްކުރުމުގެ މަސައްކަތާއި : ތަސްމީން އަލީ

ދިވެހިން މިއަދު އަނެއްކާވެސް ކުރިމަތިލާން ޖެހިފައިމިވަނީ ރައްޔިތުންގެ ވެރިކަމެއް އަލުން ގާއިމްކުރުމުގެ މަސައްކަތާއި ކަމުގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރޕީ)ގެ ލީޑަރ ތަސްމީން އަލީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދަށް ތާއީދު އިތުރުކުރުމުގެ ގޮތުން ފަށައިފައިވާ ކެމްޕެއިން ދަތުރުގައި ރޭ (1 ނޮވެމްބަރ 2013) ށ. ކޮމަންޑޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.

2008 ވަނަ އަހަރު ދިވެހި ރައްޔިތުން ބުރަ މަސައްކަތުން ހާސިލް ކުރީ ރައްޔިތުންގެ ވެރިކަމުގެ އުސޫލުކަމަށާއި، އެއީ ރައްޔިތުން އެދޭ ގޮތަށް ވެރިކަން ބައްޓަންކުރުގެ ފުރުސަތުކަމަށް ތަސްމީން ވިދާޅުވިއެވެ. އެއުސޫލަކީ ހިތުހުރިގޮތަކަށް ވެރިކަން ނުކުރެވޭނެ ނިޒާމެއްކަމަށާއި ދިވެހި ރައްޔިތުންނަށް އޭރުވެސް ތަރައްޤީ ލިބޭނީ އެރައްޔިތުންގެ އަތުގައި ބާރު އޮވެގެންކަން އެނގޭކަމަށް ތަސްމީން ވިދާޅުވިއެވެ.
މިހާރު ފެނިގެން މިދިޔައީ ރައްޔިތުން އެދޭކަންތައް ފުރިހަމައަށް ހާސިލްވެގެން ނުދިޔަތަންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިސްލާހީ މަސައްކަތުގައި އެންމެ ބުރަކޮށް މަސައްކަތްކުރެއްވީ ރައީސް ނަޝީދުކަމާއިމެދު މިހާރު ޝައްކުކުރާނޭ މީހަކު ނުހުންނާނެކަމުގައި ތަސްމީން ވިދާޅުވިއެވެ. އަދި އެމަސައްކަތުގައި ދިވެހި ރައްޔިތުން ވަރަށް ބޮޑު ގުރުބާނީއެއްވި ކަމަށާއި އޭގެ ތެރެއިން ގިނަ މީހުން ތިބީ އެމްޑީޕީގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދާއި ހަމައަށް އައިއިރު ރައްޔިތުން ބޭނުންވާ ނިޒާމް ތަންފީޒުކުރެވޭނީ އެމްޑީޕީގެ ފަހަތުގައި ތިބެގެންކަން ފާހަގަކުރައްވާ ތަސްމީން ވިދާޅުވީ 30 އަހަރު ރާއްޖޭގެ ވެރިކަން ކުރި ފަރާތްތައް މިއަދުވެސް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުންދާކަމަށެވެ. މިމަހު ބޭއްވޭ އިންތިޚާބުގައި ބައިވެރިވާ ކެނޑިޑޭޓުންނަށް ބެލީމާ އެކަން އެނގޭކަމަށާއި، މިއަދު ކަންތައް ވަމުންދާގޮތުން އިދިކޮޅު ބޭފުޅުން ނާޖާއިޒު ފައިދާތަކާއި ގަދަބާރުން ވެރިކަން ދަމަހައްޓަން މަސައްކަތްކުރާކަމަށް ތަސްމީން ވިދާޅުވިއެވެ.
އިންތިޚާބު ދެވަނަ ބުރު ކުރިއަށް ގެންދިޔުމަށް އެބޭފުޅުން ހުރަސް އެޅި ކަމަށާއި، އެއީ ޑިމޮކްރެޓިކް އުސޫލްތައް ދޫކޮށް ފަހަތަށް އެޅި ފިޔަވަޅެއްކަމަށް ތަސްމީން ވިދާޅުވިއެވެ. އެބޭފުޅުންނާއެކު ޑިމޮކްރެޓިކް ނިޒާމް ފުރިހަމަ ކުރެވެން ނެތްކަމަށް ތަސްމީން ވިދާޅުވިއެވެ. އަދި އެފަދަ ނިޒާމަކަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން އެމްޑީޕީއަށާއި ރައީސް ނަޝީދަށް ތާއީދު ކުރެއްވުމަށް ތަސްމީން ގޮވައިލެއްވިއެވެ.