ރަނިންގްމޭޓް ޑރ. މުސްތޮފާ ލުތުފީގެ ހއ އަދި ހދ އަތޮޅުގެ ކެމްޕެއިން ދަތުރުފުޅުގައި މިއަދު ދިއްދޫގައި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދުގެ ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ ހއ. އަދި ހދ.ގެ ބައެއް ރަށްރަށަށް 25 އޮކްޓޯބަރ ގައި ފެއްޓެވި ދަތުރުފުޅުގައި މިހާރު ހުންނެވީ ހއ ދިއްދޫގައިކަމަށް އެމަނިކުފާނު މައުލޫމާތު ދެއްވިއެވެ.

25އޮކްޓޯބަރ2013ގައި ފެށުނު މިދަތުރުފުޅުގައި މިހާތަނަށް ޒިޔާރަތްކުރެއްވި 4 ރަށުގައި ( ހަނިމާދޫ، އިހަވަންދޫ، ހޯރަފުށި، އަދި ދިއްދޫ) ވަނީ އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ހަރުދަނާ އިންތިޒާމެއްގެ ތެރެއިން ކުރިއަށް ގެންގޮސްފައެވެ. މިގޮތުން އެއްމެ މުހިންމު ގޮތުގައި ކެމްޕެއިން ސެމިނާރތަކާއި، މަޝްވަރާ ބައްދަލުވުންތަކާއި، ތަމްރީނު ދިނުމުގެ ބައްދަލުވުންތައްވެސް ވަނީ ބާއްވާފައެވެ. މީގެ އިތުރުން، ރަށްރަށުގައި ހަރަކާތްތެރިވާ ކެމްޕެއިން ޓީމްތަކަށް އަމާޒުކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާ، ރަށްރަށުގެ ފޯކަލް ގްރޫޕްތަކާއި ވަނީ ބައްދަލުކުރައްވާފައެވެ. މިގޮތުން މުދައްރިސުންނާއި، ސިއްހީ ދާއިރާގެ ބޭފުޅުންނާއި، މަދަނީ، ކްލަބް ޖަމިއްޔާތަކާއި، އަދި ޒުވާނުންނާއި ބައްދަލުކުރެއްވައި ކަންމަތީ ބައްދަލުވުން ބާއްވާ، ކެމްޕެއިނާއި ގުޅޭ މެޓީރިއަލް ބެހުމުގެ ހަރަކާތްވެސް ވަނީ ބާއްވާފައެވެ.

އާބާދީގެ ނިސްބަތަށް ބަލާ ވަގުތު ބަހާލައިގެން ކުރިއަށްގެންދާ މި ކެމްޕެއިން ދަތުރުފުޅުގައި ރައްޔިތުންގެ ވެރިކަމަކީ ކޮބައިކަމާއި، ރައްޔިތުންގެ ވެރިކަމެއްގައި ދެމިތިބެވޭނީ ކިހިނެއްކަމާއި، ޑިމޮކްރަޓިކް ވެރިކަމެއްގައި ފަރުދުންނަށްއޮތީ ކޮން ފައިދާތަކެއްކަމާއި، އުއްމީދެއްތޯއާއި، ޙުދުމުޙުތާރު ވެރިކަމެއްގައި ރައްޔިތުންނަށް ލިބޭނެ ދެރައާއި ގެއްލުންތައް އޮޅުންފިލުވައިދީ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައްވަނީ ހިންގާފައެވެ.

ކުޅުއްދުއްފުށިން ނިންމަވާ މި ކެމްޕެއިން ދަތުރުފުޅުގައި ރަނިންގްމޭޓް ޑރ މުސްތޮފާ ލުތުފީއާއި އެކު މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަނީ ޑިއާރޕީގެ ނައިބު ލީޑަރ އިބްރާޙީމް ޝަރީފާއި(މަވޯޓާ) ޑީއާރޕީގެ ކައުންސިލް މެމްބަރ އަޙްމަދު ނިޒާމާއި، ޔޫތު ކައުންސިލް މެމްބަރ ޖައުޝަން ޝަރީފާއި އަދި ކައުސިލް މެމްބަރ ޢަލީ ޝަރީފާއި އަދި ހއ ހދ އަތޮޅުގެ ދާއިރާތަކުގެ ބައެއް ކެމްޕެއިން ލީޑަރުންނެވެ.