އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ
9 ސެޕްޓެމްބަރ 2010
އޮސްޓްރޭލިއާގެ ބޮޑުވަޒީރުކަމަށް މިޒް ޖޫލިއާ ގިލާޑް އިންތިޚާބުވެ ވަޑައިގަތުމާގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެކަމަނާއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
މިޒް ގިލާޑަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، އެކަމަނާގެ ބޮޑުވަޒީރުކަމުގައި، އޮސްޓްރޭލިއާއަށް އިތުރު ތަރައްޤީއާއި ކުރިއެރުން ލިބިގެންދާނެ ކަމަށާއި، މޫސުމަށް އަންނަ ބަދަލުތައްފަދަ، ދުނިޔޭގެ މުހިންމު މައްސަލަތަކުގައި، އޮސްޓްރޭލިއާއިން މުހިންމު ދައުރެއް އަދާކުރަމުން ގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ރާއްޖެއާއި އޮސްޓްރޭލިއާއާ ދެޤައުމުގެ ދެމެދުގައި އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމަށް މުހިންމު މައްސަލަތަކުގައި ގުޅިގެން މަސައްކަތް ކުރުމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.











No Comments »
No comments yet.
Leave a comment