ރިޔާސީ އިންތިޚާބަށް ހާއްސަ ކެމްޕެއިން ދަތުރު ފަށަނީ

ރިޔާސީ އިންތިޚާބަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ކުރަމުން އަންނަ ކެމްޕެއިންގެ ތެރެއިން ހާއްސަ ކެމްޕެއިން ދަތުރެއް މިއަދު (11 އޮކްޓޯބަރ 2013)ހަވީރު ފެށޭނެއެވެ. މިދަތުރުގައި އިސްކޮށް ހުންނަވާނީ ޕާޓީގެ ޕަރލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދުއެވެ.

މިގޮތުން ކެމްޕެއިން ޓީމް ފުރަތަމަ ދިޔުމަށް ހަމަޖެހިފައިވަނީ މ. މެދުފުށްޓަށެވެ. އެއަށްފަހު ހޮނިހިރު ދުވަހު (12 އޮކްޓޯބަރ 2013) ކޮޅުފުށި، މުލި، މުލަކު، ދިއްގަރަށް ވަޑައިގަންނަވާނެއެވެ. އާދިއްތަ ދުވަހު (13 އޮކްޓޯބަރ 2013) ހަރަކާތްތެރިވުމަށް ހަމަޖެހިފައިވަނީ ކުޑަހުވަދޫ، މީދޫ، ދަރަނބޫދޫ، ނިލަންދޫ އަދި ފިލިތެޔޮގައެވެ. ހޯމަ ދުވަހު (14 އޮކްޓޯބަރ 2013) މަހިބަދޫ، އޮމަދޫ، ހަންޏާމީދޫ، ބަތަލާއަށް އަދި އަންގާރަ ދުވަހު (15 އޮކްޓޯބަރ 2013) މާޅޮސް، ބޮޑުފުޅަދޫ، އުކުޅަސް، ތޮއްޑޫ އަދި ރަސްދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. ބުދަ ދުވަހު (16 ސެޕްޓެމްބަރ 2013) ހަރަކާތްތެރިވުމަށް ހަމަޖެހިފައިވަނީ ކާށިދޫ، ގާފަރު، ހުރާ އަދި ދިއްފުށީގައެވެ. ކެމްޕެއިން ދަތުރު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ތުލުސްދޫގައި ބުރާސްފަތި ދުވަހު (17 ސެޕްޓެމްބަރ 2013) ހޭދަކުރުމަށްފަހުގައެވެ.

މިދަތުރުގައި ވަޑައިގަންނަވާ ރަށްތަކުގައި ހަރުގެތަކާއި ޖަގަހަތަކުގައި ޖަލްސާތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ފޯކަސް ގްރޫޕުތަކާއި ބައްދަލު ކުރުމާއި، ވީހާވެސް ގިނަ ރައްޔިތުންނަށް ރައީސް ނަޝީދުގެ ސިޔާސަތުތައް އޮޅުންފިލުވައިދީ ރައީސް ނަޝީދަށް ތާއީދު އިތުރުކުރުމަށްޓަކައި ދޮރުންދޮރަށް ހިނގުމަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ މި ކެމްޕެއިން ދަތުރުގައިވެސް އަލީ ވަޙީދު ގެ އިތުރުން މ، ފ، އއ، އދ އަދި ކ އަތޮޅުގެ ކޯޑިނޭޓަރުންނާއި ކެމްޕެއިންގެ އިސް ހަރަކާތްތެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.