Maldivian Democratic Party » ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤު ކުރައްވައިފި
mdp_banner

Sunday, September 5, 2010

ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤު ކުރައްވައިފި

5 ސެޕްޓެމްބަރ 2010

މިދިޔަ އޯގަސްޓް މަހުގެ 19 ވި ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި “ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލް” ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.
މި ޤާނޫނަކީ، މީސްމީހުންގެ ފުރާނައާއި ހަށިގަނޑާއި މުދަލަށް ގެއްލުން ލިބޭގޮތަށް، ނުވަތަ ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް، ތޫނު އެއްޗެއްސާއި ހަތިޔާރު ފަދަ ތަކެތި ގެންގުޅުމާއި، މީސްމީހުންނަށް ބިރުދައްކައި، އިންޒާރުދީ ހެދުމާއި، މިފަދަ ކަންކަން ކުރުން މަނާކުރުމުގެ ޤާނޫނެވެ.
މި ޤާނޫނުގެ 2 ވަނަ މާއްދާގައިވާ ގޮތުން، މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ޢާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުމަކީ ނުވަތަ އިންޒާރުދިނުމަކީ ކުށެކެވެ. އަދި މީހެއްގެ ގެދޮރަށް ނުވަތަ މުދަލަށް ނުވަތަ އޭނާގެ ބެލުމުގެ ދަށުގައިވާ ތަނަކަށް ނުވަތަ އެއްޗަކަށް ނުވަތަ ފުރާ ދުއްވާ އުޅަނދަކަށް ނުވަތަ އެއްގަމު އުޅަނދަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުމަކީ ނުވަތަ އިންޒާރުދިނުމަކީ ކުށެކެވެ. އަދި މަޤުބޫލު ސަބަބެއް ނެތި، އެއްވެސް ބާވަތެއްގެ ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ޢާންމު ތަނެއްގައި ގެންގުޅުމަކީ އަދި ޢާންމު ތަނެއް ފިޔަވައި އެހެން ތަނެއްގައި، މަޤްބޫލު ސަބަބެއް ނެތި ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ބެހެއްޓުމަކީވެސް ކުށެކެވެ. މި ދެންނެވި ދެ ކުށުގެ އަދަބަކީ 6 (ހައެއް) މަސްދުވަހާއި 12 (ބާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
މި ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގައި ބުނާފަދަ އެއްޗެއް ގެންގުޅެފައިވަނީ ޢާންމު ތަންތަނުގެ ތެރެއިން ސްކޫލްތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، މިސްކިތްތަކާއި، ދައުލަތުގެ އިމާރާތްތަކާއި، އެކިއެކި ޙަފްލާތަކާއި ތަފާތު މުނާސަބަތުތަކާ ގުޅިގެން މީހުން އެއްވެއުޅޭ ތަންތަނާއި، ސިޔާސީ ޕާޓީތަކުގެ ބައްދަލުވުންތައް ބާއްވާ ތަންތަނުގައާއި، ޢާންމު ދަތުރުފަތުރުކުރާ ބަސް، ފެރީފަދަ ގިނަމީހުން ދަތުރުކުރާ އުޅަނދުފަހަރުގައި ކަމުގައިވާނަމަ، މި މާއްދާގެ (ނ) ގައި ބުނާ އަދަބުގެ ތެރެއަށް 1 (އެކެއް) އަހަރުދުވަހާއި 3 (ތިނެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތެއްގެ ޢުޤޫބާތް އިތުރުކުރެވޭނެއެވެ.
މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ، ހުޅުވާ ލެއްޕޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ފްލިކް ނައިފްއާއި، ބަޓަފްލައި ނައިފްއާއި މި ޤާނޫނުގެ 10 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ތަކެތީގެ ތެރެއިން ޢާންމު ދިރިއުޅުމުގެ ބޭނުންތަކާއި މަސައްކަތުގެ ބޭނުމަށް ބޭނުންކުރާ ތަކެތި ފިޔަވައި އެހެނިހެން ތަކެއްޗާއި ބައިނަލްއަޤްވާމީ ގޮތުން ނުވަތަ ދުނިޔޭގެ ގިނަ ޤައުމުތަކުގައި ހަތިޔާރެއްގެ ގޮތުގައި ބަލާ ތަކެތި ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމަކީ ކުށެއް ކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ސްކޫލް، ކޮލެޖް އަދި އިންސްޓިޓިއުޝަން ފަދަ ތަންތަނުގައި ތޫނު ހަތިޔާރު ހިފައިގެން އުޅޭކަމަށް ތުހުމަތު ކުރެވޭނަމަ، އެތަންތަނުގެ މުވައްޒަފުންނާއި، ފުލުހުންނަށް، ތުހުމަތު ކުރެވޭ ފަރާތްތައް ބަލައި ފާސްކުރުމުގެ ބާރު މި ޤާނޫނުން ލިބިދީފައިވެއެވެ. ހަމައެއާއެކު، 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ވަޅިފަދަ ތޫނު ހަތިޔާރުގެ ގޮތުގައި ހިމެނޭ ތަކެތި ވިއްކުމަކީވެސް މި ޤާނޫނުން މަނާކޮށްފައިވާ ކަމެކެވެ.
މި ޤާނޫނުގައިވާ ގޮތުން، މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިންނެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި އެ ގަވާއިދުތައް ހަދައި ނިންމަންވާނެ ކަމަށާއި މިފަދަ ގަވާއިދަކަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް އެ ގަވާއިދެއް ހުށަހަޅަންވާނެ ކަމަށްވެސް މި ޤާނޫނުގައި ބުނެފައިވެއެވެ.

3 Comments »

  1. މީކީ މާ ބޮޑު ޤާނޫނެއް ހަދަންޖެހޭ ކަމެއްނޫން، ކުށް ކުރާ މީހުން އެތިބެނީ އެންމެންގެ ކުރިމަތީގައި މިނިވަންކޮށް، ހަށުކަށި ޤާނޫނެއް ނުހެދިޔަސް ޤާޟީންނާއި ވަކީލުން ރިޝްވަތު ނުހިފާ ނަމަ، އެމީހުން ހައްޔަރު ކުރެވޭނެ، އެހެންނަމަ ވެސް ރައްޔިތުން ގެ ލޮލުގާ އަނދުން އެޅުވުމަށް މިޤާނޫނު ވަރަށް ރަގަޅުވެދާނެއެވެ. ދެން އެގޭނީ ކޯޓުގާ ރަގަޅަށް ޝަރިޢަތް ތައް ހިގައިފިނަމައެވެ. ކުށްކުރާ މީހުން ވަކީލުންނާ ޤާޟީން ގަނެލީމާ ޤާނޫން އޮންނާނީ ފޮތުގައެވެ.

    Comment by Anonymous — Sunday, September 5, 2010 @ 4:28 pm

  2. ގާނޫނު ހަދަންޖެހެނީ ހުރިހާ ރައްޔިތުންގެ ސަލާމަތަށް. ކޯޓުތަކާއި ގާޟީން ބަލައި ނުގަންނަބަޔަކު ކިތައްމެ ބޮޑު ކުށެއްވެސްކޮށްފާނެ. ރައްޔިތުންނަށް އަދުލުއިންސާފުގެ ކަންތައްތަކާމެދު ބަލައި ނުގަނެވުނީ މިސަރުކާރުގެ ވެރިން ދައްކަވާ ވާހަކަތަކުންނާއި އަދި އެވާހަކަތައް ތެދުކުރުމުގެ ގޮތުން ބޮޑެތި ކުށްވެރިން ޝަރީއަތަށް ފޮނުވާއިރު ތަހުގީގުކުރާފަރާތުން (ޕޮލިސް) އެމީޙުން ތަހުގީގުކޮށްފައިހުންނަ ހެއްކާއި ހެކިންގެ ގޮތުގައި ތިބޭ ޕޮލިސް ސަރީއަތަށް ނުފޮނުވާތީ. އަދި ދައުލަތުގެ ފަރާތުން ވަޑައިގަންނަވާ ވަކީލުވެސް މައްސަލަ ސާބިތުކުރުމަކަށް މާބޮޑު ސަމާލުކަމެއްނުދޭ. އެއީ ހަމަ ކޯޓުތައް ބަދުނާމުކުރުމަށްޓަކާ. މިހެންވުމުގެ ސަބަބުން އެކަން ސާބިތެއްނުވޭ. ޝަރީއަތް ކުރެވޭނީ ޚަސްމުންދައްކާ ވާހަކައަށް ބަލާފަ. މިސަރުކާރަށް ކޯޓުތައް ބަލައިނުގަނެވުނީ ގާނޫނާއި ގަވާއިދާ ޚިލާފަށް މީހުން ހިފާ ހައްޔަރުކުރުމާއި ބަންދުކުރުމާއި މީހުންނަށް ގެއްލުންދިމުގައި ސަރުކާރުންކުރާ އަމުރަށް ކޯޓުތަކުން ކިޔަމަންނުވުގެ ސަބަބުން.

    Comment by nishaa — Monday, September 6, 2010 @ 9:23 am

  3. Nishaa kaley moyaveetha gaanoonunethigentha gaazeen ginalaari dey bayeh ge kolah molhuvaa gotah hukun kuranee

    Comment by kaani — Sunday, September 12, 2010 @ 3:34 am

Leave a comment