ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން އިންތިޚާބުގެ ދެވަނަ ބުރު އެމުއްދަތުގެ ތެރޭގައި ބާއްވަން އެބަ ޖެހޭ : ތަސްމީން އަލީ

2565

ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން އިންތިޚާބުގެ ދެވަނަ ބުރު އެ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ބާއްވަން ޖެހޭ ކަމުގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރޕީ)ގެ ލީޑަރ ތަސްމީން އަލީ ވިދާޅުވެއްޖެއެވެ. ދެވަނަ ބުރުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވަން ނިންނަމަވައިފައިވާ ތަސްމީން މިހެން ވިދާޅުވެފައިވަނީ ‘އިންސާފުގެ ދަތުރު ބާރަށް ކުރިއަށް’ ގެ ނަމުގައި ރޭ (25 ސެޕްޓެމްބަރ 2013) ރާޅުގަނޑު ސަރަހައްދުގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ)ގެ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ހޯއްދެވި ކާމިޔާބީއަކީ އެމަނިކުފާނާއި ދެންތިބި ކެނޑިޑޭޓުންނަށް ވާދަނުކުރެވޭވަރުގެ ކާމިޔާބީއެއްކަން ފާހަގަކުރައްވާ ތަސްމީން ވިދާޅުވީ މިއަދު ކުރިމަތިވާ މައްސަލަތަކުގެ އަސްލަކީ ދެވަނަ ބުރުގައި އިދިކޮޅު ފަރާތްތަކަށް ވާދަނުކުރެވޭ ވަރަށް ވުރެ ކުރީގައި ރައީސް ނަޝީދު ހުންނެވުންކަމަށެވެ.

ރާޅުގަނޑަށް އައިސް ވާހަކަދައްކަން ޖަހެުނީ ގާނޫނު އަސާސީގައި ދެވަނަ ބުރު ވަކި ތާރީޚެއްގައި ބޭއްވުމަށް އޮތްއިރު ސުޕްރީމް ކޯޓުން އިންތިޚާބު ފަސްކުރުމަށް ކުރި އަމުރު ގަބޫލު ނުކުރެވޭތީކަމަށާއި އެއަމުރަކީ ގާނޫނު އަސާސީގެ އެމާއްދާއާއި ކަނޑައެޅިގެން ޚިލާފު އަމުރެއްކަމަށް ތަސްމީން ވިދާޅުވިއެވެ. ނިމިގެންދިޔަ އިންތިޚާބުގެ ފުރަތަމަ ބުރަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު ދެފުށްފެންނަ އިންސާފްވެރި އިންތިޚާބުކަމަށާއި އެކަން މިކަން ބެއްލެވި ހުރިހާ ފަރާތްތަކުންވެސް ފާހަގަކުރާކަމަށް ތަސްމީން ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ފަރާތްތަކާއި މަދަނީ ޖަމިޢިއްޔާ ތަކުން އޮބްޒަރވްކޮށް އިންތިޚާބު އިންސާފްވެރިކޮށް ހިނގިކަން ބަޔާންކޮށްފައިވާކަމަަށް ތަސްމީން ވިދާޅުވިއެވެ. އިންތިޚާބު ބާތިލްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން އިންތިޚާބުގެ ނަތީޖާ ނިކުތުމާއި ހަމައަށް އެއްވެސް މައްސަލައަށް ހުށައަޅުއްވައިފައިނުވާކަމަށް އަލިއަޅުވައިލައްވާ ތަސްމީން ވިދާޅުވީ މިއަދުވެސް އިންތިޚާބު ބާތިލްކުރަން ހެއްކެއް ހުށަނާޅައިކަމަށެވެ.

ރަނގަޅު ފަނޑިޔާރެއްގެ ސިފަތަކަށް ބައްލަވައިލައްވަމުން ތަސްމީން ވިދާޅުވީ ރަނގަޅު ފަނޑިޔާރެއްގެ އަމަލްތައް ހުންނަންޖެހޭނީ ރައްޔިތުންގެ އިތުބާރު އެމީހުންގެ މަސައްކަތަށް ލިބޭ ގޮތަށްކަމަށެވެ. މިކަހަލަ ކަންކަމުގައި މާހަރުކަން އެއްއިރެއްގައިވެސް ވާހަކަނުދައްކާކަމަށް ތަސްމީން ވިދާޅުވިއެވެ. އެހެންނަމަވެސް ރޭގެ ޖަލްސާގައި ތަސްމީންވަނީ ސުޕްރީމް ކޯޓުގެ 4 ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކީ ރައްޔިތުންގެ އިތުބާރު ނެތް ފަނޑިޔާރެއްކަމަށް ވިދާޅުވެ ފާޑުކިޔުއްވައިފައެވެ. މިއީ ކަންބޮޑުވާންޖެހޭ ކަމަށާއި، މިކަމާއި ދެކޮޅަށް އަޑުއުފުލަން ޖެހޭކަމަށް ތަސްމީން ވިދާޅުވިއެވެ.

ދިވެހި ރައްޔިތުން، އަދި ޙާއްސަކޮށް އެމްޑީޕީގެ މެންބަރުން ފަށާފައިވާ އިންސާފްގެ ދަތުރުގައި 11 ނޮވެމްބަރ ރައްޔިތުން އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުމަށް އެޅޭ ހުރަހަކަށް ޖާގަ ނުދެއްވާނޭކަން ޔަގީންވާކަމުގައި ތަސްމީން ވިދާޅުވިއެވެ. އަދި އެމަސައްކަތުގައި ސާބިތުކަމާއެކު ދިވެހި ރައްޔިތުންނަވާނޭކަމަށް ތަސްމީން ވިދާޅުވިއެވެ.