ގާނޫނު އަސާސީގެ މާއްދާއެއް ނުވަތަ މާއްދާއިން ބައެއް ވިޔަސް މަޑު ޖައްސާލުން، ބާތިލްކުރުން އަދި ހިފެހެއްޓުމުގެ ހައްގު އެއްވެސް މުއައްސަސާއަކަށް ލިބިގެނެއްނުވޭ : އަބްދުﷲ ޝާހިދު

ގާނޫނު އަސާސީގެ މާއްދާއެއް ނުވަތަ މާއްދާއިން ބައެއް ވިޔަސް މަޑުޖައްސާލުން، ބާތިލްކުރުން އަދި ހިފެހެއްޓުމުގެ ހައްގު ރާއްޖޭގެ އެއްވެސް މުއައްސަސާއަކަށް ލިބިގެންނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ރާޅުގަނޑު ސަރަހައްދުގައި އިންސާފަށް ލޯބިކުރާ އެތައް ބަޔަކާއެކު ބޭއްވުނު ރޭ (24 ސެޕްޓެމްބަރ 2013) ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދެއްކެވީ ސުޕްރީމް ކޯޓުން އިންތިޚާބުގެ ދެވަނަ ބުރު ފަސްކުރުމަށް ކުރި ހުކުމަށް އިޝާރާތްކުރައްވަމުންނެވެ.

ގާނޫނު އަސާސީގެ 111 ވަނަ މާއްދާގެ ދަށުން އިންތިޚާބުގެ ފުރަތަމަ ބުރުން އެއްވެސް ކެނޑިޑޭޓަކަށް %50 ނުލިބުމުން ދެވަނަ ބުރެއް ބާއްވަންޖެހޭކަމަށާއި އެކަން 21 ދުވަސްތެރޭ ނިންމަންޖެހޭ ކަމުގައި ޝާހިދު ވިދާޅުވިއެވެ. ރާއްޖޭގެ ގާނޫނުގެ އެއްވެސް ބައެއް ހިފެހެއްޓުމުގެ ބާރު ލިބެނީ ރައީސުލްޖުމްހޫރިއްޔާއަށްކަމަށާއި މިހާރު ހުންނެވި ބޭފުޅާއަށް ކެރިވަޑައިގަންނަވާނަމަ މިހާރު ހިންގަމުންދާ ހަޑިމުޑުދާރު އަމަލު އެހެން މުއައްސަސާތައް ލައްވާކުރުމުގެ ބަދަލުގައި އަމިއްލަައަށް ކުރެއްވުމަށް ޗެލެންޖްކުރައްވާކަމަށް ޝާހިދު ވިދާޅުވިއެވެ. އެކަންވެސް ކުރެވެން އަންނަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވުމަށް ފަހުގައިކަމަށް ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭގައި ފެންނަމުންދަނީ ދެކަމެއްކަމަށާއި އެއްކަމަކީ ރައްޔިތުންގެ އަޑު އެހުމަށް ކެތްމަދުވެފައި ތިބި ބަޔަކު އެކަމަށް އެދި ގޮވާ ގޮވުމާއި، އަނެއްކަމަކީ ރައްޔިތުންގެ އަޑު އިވިދާނެތީ ކަންފަތުގައި އަތްއަޅާ އަނގަމަތީ މަލަން އަޅަން މަސައްކަތްކުރުންކަމަށް ޝާހިދު ވިދާޅުވިއެވެ. ރާއްޖޭގެ ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ އިންތިޚާބެއް އަވަސްކުރުމަށް ގޮވި ބަޔަކީ އެމްޑީޕީ ކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ އެމްޑީޕީ ތިބީ ރައްޔިތުން ބަސްބުނުމުން އެކަމާއި ދެކޮޅަށް ކުރާ މަސައްކަތް ނާކާމިޔާބުކޮށް، ރައްޔިތުންނަށް އިންތިޚާބު ބާއްވަދޭން ކަމަރު ބަނދެގެންކަމަށެވެ.

ރައީސް ނަޝީދު ރާއްޖެއަކީ ދޮށީ ރާއްޖެއެއްކަމަށް ވިދާޅުވި ވާހަކައަށް އަލިއަޅުވައިލައްވާ ޝާހިދު ވިދާޅުވީ މަދު މީހަކު ޖަހާ ސަކަރާތަކުން ގައުމު ހަލާކުކޮށްލައިގެންނުވާނެކަމަށެވެ. ރާޅުގަނޑަށް އެއްވެ އަޑު އުފުލަނީ ރައްޔިތުން ބޭނުންވާ އިންތިޚާބު ހޯދައިދިނުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު މިއޮތް ހާލަތަށް އާދެވުނީ ރައީސް ނަޝީދަށް ކުރެވެނު ދެރަކަމަކުންކަމަށް ޝާހިދު ސަމާސާ ކުރައްވަމުން ވިދާޅުވިއެވެ. އެއީ އިންތިޚާބަށް ނިކުމެ ރައްޔިތުންނަށް ޚިދުމަތްކޮށް އެރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކުރުމުގެ ވާހަކަކަމަށް ޝާހިދު ވިދާޅުވިއެވެ. ރާއްޖޭގެ ރައްޔިތުންނަށް ލިބެންޖެހޭ މުއްސަނދިކަން ހޯދަވައިދެއްވާނޭކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އެކަން ހުއްޓުވައި އަނގަމަތީ އަތްއަޅަން ބޭނުންވެފައި ތިބި މީހުންނަށް ނިކުންނަން މަޖުބޫރުވީކަމުގައި ޝާހިދު ވިދާޅުވިއެވެ. އަދިވެސް ރައީސް ނަޝީދު ކުރިއަށް ވަޑައިގަތުމަށް ގޮވައިލައިކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ފަހަތުގައި 28 ސެޕްޓެމްބަރ ގައި ބޭއްވޭ ވޯޓު ކާމިޔާބުކުރުމަށް ތިބިކަމުގެ ޔަގީންކަން ޝާހިދު ދެއްވިއެވެ.