Maldivian Democratic Party » ދޭދޭ ވާހަކަ: އެދަތުރު
mdp_banner

Sunday, August 29, 2010

ދޭދޭ ވާހަކަ: އެދަތުރު

29 އޯގަސްޓް 2010

ލިޔުނީ: ފުނަމާ

ދިއްދޫއިން ފުރައިގެން ފެރީގައި އަހަރެން ދަތުރު ކުރަމުން ދިޔައިރު ގެއްލިފައި އިނދެވުނީ ދިއްދޫގެ ބިން ހިއްކާފައި އޮތްވަރުން އެކަމާ ވިސްނާށެވެ. އެހާކުޑަ ދުވަސްކޮޅަކުން އެވަރުގެ މަސައްކަތެއް ނިންމާލުމުން އަހަރެން ހަމަ ޙައިރާން ވެއްޖެއެވެ. މީގެ ފަނަރަވަރަކަށް ދުވަހުގެ ކުރީން އަހަރެންނަށް ދިއްދޫއަށް ދެވުނު އިރު މުޅި ރަށުގެ އެންމެން ދައްކަނީ އެރަށުގެ ބިމަށް ވިއްސަކަށް ހެކްޓަރގެ ބިން އެންމެ ދިހަވަރަކަށް ދުވަހުން ހިއްކައި އިތުރު ކުރުމުގެ މަސައްކަތެއް ފަށަން އުޅޭ ވާހަކައެވެ. އަހަންނަށްވެސް އެއިރު އެވާހަކަ އިވިފައިވީ ބޮޑު ޖޯކަކަށެވެ. އެހެންނާ އަހަރެމެން ރަށުގައި ދޯނިއެހެލާ ތަންކޮޅެއް ހަދާންވެސް ހައެއްކަ މަސްދުވަހު މަސައްކަތް ކުރާން ޖެހުނެވެ.
އެރަށުގެ ބައެއް މީހުން މިކަމާ ޖޯކުޖަހަމުން ގެންދިޔައިރު އަހަރެންގެ ރައްޓެހި ލަތީފަކީ މިސަރުކާރު ހިންގާ ޕާޓީޔާހުރެ މޮޔަވެފައި ހުންނަ މީހަކަށް ވާތީވެ އޭނާ ފިސާރި ރުޅިގަދަވެގެން އުޅޭތީވެ މަށަށްވެސް މާބޮޑަކަށް އެވާހަކަ ދައްކާކަށެއް ނުކެރުނެވެ. އެކަމަކު އިއްޔެ އެރަށަށް ދެވުމުން އަހަރެން މުޅީން އަޖާބުވެ އަންތަރީސް ވެއްޖެއެވެ. ހީވަނީ މުޅީން އެހެން ރަށަކަށް ދެވުނު ހެންނެވެ. ކުރީން ދިޔަފަހަރު އެކަމާ ޖޯކު ޖަހައި އުޅުނު ގިނަ ބަޔަކު މިހާރު ދައްކަނީ މުޅީން އެހެން ވާހަކައެކެވެ.
އިބްރާހީމްފުޅާ ހިއްކި ބިމުން ދިމާވެގެން އަހަރެން އަހާލީމެވެ. ” ބަލަ ކަލޭ ބުނީމުނު މިއީ ދައްކާލި ހުވަފެނެކޭ – އެއުޅެނީ ކައުންސިލް އިންތިޚާބަށް ހަނދުބަލާތީވެ މައުމޫނުވެސް ހަދާކަހަލަ ދޮގުތަކެއް ހަދާށޭ” އަހަރެން މިހެން ބުނެލުމުން އިބްރާހީމްފުޅުގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.
” ވާނީ އެހެން- އެހެންނާ މިގެ ކުރީން މިކަހަލަ ކަންކަމަކީ ގަބޫލުކުރާން ދަތި ކަންތައް ވިއްޔަ . އަނެއްކާ ކަލޭ އެހެންމީހެއް ކައިރީ މަތިހެން ބުންޏޭ ނުބުނައްޗޭ- މިހާރު މަށަށްވެސް މިސަރުކާރުގެ އެބުނާ އޯގާތެރިކަން ފެނިއްޖެ އަދި ބަހާ އަމަލާ ދިމާވާތަންވެސް ފެނިއްޖެ. ” އިބްރާހިމްފުޅު ބުނެލިއެވެ.
އަހަރެންގެ ރައްޓެހި ލަތީފު ހީވަނީ އަނގައިގައި އިތުރު ހައެއްކަ ދޫ އިތުރުވެގެން އުޅޭހެންނެވެ. ބޮލައްއުނދަގޫވާވަރަށް އަނގަތަޅާ މިކަމުގެ ވާހަކަ ދައްކަމުން ދުވާއިރު ހީވަނީ އެހެން ކަމެއް ހެންނެވެ. މާރީތިކޮށް ބެގީކޮށްފައި ބޫޓަކަށް އަރާފައި ހުރުމުން ” އަނެއްކާ މިރަށުގެ ކައުންސިލަރުކަން ލިބުނީތޯވެސް” އަހަރެން އަހާލީމެވެ. ސަމާސާގެ ގޮތުގައެވެ.
” ކައުންސިލަރުކަން ކުރާނީ އެކަންކުރަން ތިބިމީހުން އަހަރެމެން މިދިޔަ ހަތަރު ފަސްއަހަރު ކުރި މަސައްކަތުން މިސަރުކާރު އުފެދި މިވަރުގެ ބޮޑުކަމެއް ވީމަ އަހަރެމެންނަކީވެސް ބައެއްކަން މިހާރު މިމީހުންނަށްވެސް އެނގޭނެތާ އެހެންވެ މިހާރު ގެއިން ނުކުންނަނީވެސް ފިސާރި އެބުނާގޮތަށް ޑީސަންޓުކޮށޭ އޭރުން އެއްކަލަ ލޯއެޅިމީހުންގެ ހިތައްވެސް އެއްޗެއް އަރާނެތާދޯ” އޭނާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
އަހަރެން ހެނދުނު ދިއްދޫއިން ފުރައިގެން އައިއިރުވެސް ރަށުގެ ރައްޔިތުން ހީވަނީ އެހެން ކަމެއް ހެންނެވެ. ހިއްކި ބިމުގައި ހީވަނީ ކާނިވަލެއް ހުޅުވައިގެން އުޅޭހެންނެވެ. މާގިނައިރެއްނުވެ ރަށަކަށް ލެފުމުން އަހަރެން ކައްޕިގާތު ފުރަނީ ކޮންއިރަކުންތޯ އަހާލީމެވެ. އޭނާ ބައިގަޑިއިރެއްހާއިރު ވާނެޔޭ ބުނުމުން އަހަރެންވެސް މިރަށަކީ އަދި ދުވަހަކުވެސް ނާދެވޭ ރަށަކަށް ވާތީވެ ރަށްބަލާލާނަމޭ ހީކޮށް ރަށަށް ފައިބައިފީމެވެ. ރޯދަމަސްކަމުން މިރަށުގެ ތެރޭގައި މާބޮޑު ހޭލިމޭލިވުމެއް ވަގުތުގެ ގޮތުން ނެތެވެ. އަތިރި މަތީން ހިނގައިގަތްތަނުން ހޮޅުއަށިގެއެއް ފެނުމުން ރަށުތެރޭގައި ހިނގާލުމަށްވުރެ އެތަނުގައި މަޑުކޮށްލުމުން މިރަށުގެ ޚަބަރު ދަބަރުވެސް ސާފުކޮށްލެވޭނެތީއާ އަނެއްކާ ރައްޓެއްސަކުވެސް ލިބިދާނެތީވެ އެދިމާލަށް ދިޔައީމެވެ.
ހޮޅުއަށީގައި ހަތަރު މީހަކު އޮށޯވެލައިގެން ތިއްބެވެ. އހަރެން ކައިރިވެލައި ސަލާމް ގޮވާލުމުން ޖަވާބެއް ނުލިބުނެވެ. އަނެއްކާ އަހަރެން ސަލާމް ގޮވާލި އަޑު އެމީހުންނަށް ނީވުނީކަމަށް ހީކޮށް އެމީހުން އޮށޯވެ ތިބި ހޮޅުއަށީގެ އެއްކޮޅުގައި އަހަރެންވެސް ޖައްސާލީމެވެ. ނަލަރޯޅި ވެއެވެ. “ކޮބާ ބޭބެމެންގެ ހާލު ކިހިނެއްތަ؟” އަހަރެން ސުވާލު ކޮށްލީމެވެ. އެތަނުން އެކަކު ކެއްސަމުން ތެދުވެ ހޮޅުއަށި ކައިރިއަށް ކުޅުގަނޑެއް ޖަހާފައި އނެއްކާވެސް އޮށޯވެއްޖެއެވެ. ކުރުއަތް މައްޗަށެވެ. ހީވަނީ މާބޮޑަށް ވަރުބަލިވެފައި ތިބީމަ ހެންނެވެ. އަނގަޔަކުން ބަހެއް ނުބުންޏެވެ.
މިއީއަނެއްކާ ކޮންކަހަލަ ބަޔަކު އުޅޭ ރަށެއްބާވައެވެ. އަހަރެން ހިތާހިތާ ކިޔާލީމެވެ. އަނެއްކާ މިއީ ބަންގާޅީންތަކެއް ނޫންބާވަޔޭ ހިތައްއެރުމުން ހިނިވެސް އަޔެވެ. އެކަމަކު ހަމަ ވާހަކަ ދައްކާލާހިތުން އަނެއްކާވެސް ފެށީމެވެ. ކޮބާ ދިއްދޫ ހާދަ ބޮޑަކަށް ހިއްކާލައިފިޔޭދޯ. އަނެއްކާ ހާދަ އަވަހޭދޯ. ޖަވާބެއްނެތެވެ. އެކަމަކު އެތަނުން އެކަކު ލޯބޮޑުކޮށްގެން މަށާދިމާލަށް ބަލަހައްޓައިގެން އޮތްތަން ފެނުމުން އަނެއްކާވެސް ތަޅުވަން ފެށީމެވެ.
މިހާރުދެން ބޭބެމެން އުމުރުގެ މީހުންނަށްވެސް ވިސްނާކަށް ނުޖެހޭނެދޯ ކޮންމެ މަހަކުވެސް ފައިސާ ލިބޭނެދޯ . ބޭސްފަރުވާވެސް ހިލޭ ލިބޭނެތާ. އަނެއްކާ މިހާރު ހޮސްޕިޓަލަށް ކުރާދަތުރުވެސް ކިހާހެޔޮވާނެދޯ .
މިމީހުން ކަހާތަން ހިރުވާވެސް ނުލައެވެ. މިއީ އަދި ދުވަހަކުވެސް ރާއްޖޭގެ ރަށަކުން އަހަރެންނާ ދިމާވި ކަމެއް ނޫނެވެ. އެކަމަކު އަހަންނާ ދިމާލަށް ބަލަން އޮތް މީހާއާއި ދިމާލަށް ” ބޭބޭ މިރަށްތޯ؟ އަހާލީމެވެ.
” ކަލް އަންނަނީ—ދީވެސް ނޭނގެނީ” އެމީހަކު އެބުނި އެއްޗެއް މުޅީން ނޭގުނަސް އެއީ ދިވެއްސެއް ނޫންކަން އެނގުނެވެ. އަނެއްކާ މިވާނީ މިރަށަށް ގެނެސްގެން އުޅޭ ބިދޭސީންތަކެއްކަމުގައި ހީކޮށް އަވަހަށް އެތަނުން ދާނަމޭ ހީކޮށް ހިނގައިގަތީމެވެ. އެއިރު ހޮޅުއަށިގެޔާ ދިމާލަށް މެދުއުމުރުގެ މީހަކުއާދެއެވެ. އަހަރެން އޭނާއާ އަރާހަމަނުވަނީސް އޭނާ މަށަށް ސަލާން ގޮވާލިއެވެ.
އަހަރެން އުފަލުން ސަލާން ކޮށްލީމެވެ. ކޮން ރަށެއްތޯ އަހާލުމުން ދަތުރު ވަރެއްގައި މިހިސާބަށް އައިސްއުޅޭ މާލޭގެ މީހެކޭ ބުނެލީމެވެ. މިދަނީ ކެލަޔަށޭވެސް ބުނިމެވެ. އަދި ހޮޅުއަށީގައި ތިބި މީހުންނާ ބެހޭ ގޮތުން ސުވާލުކޮށްލީމެވެ. ” އެއީ މުޅީންވެސް ބޭރުމީހުންތަ؟”
” އެތަނުގައި އެއޮތް އެކަކީ ބޭރުމީހެއް ދެންއެތިބީ މިރަށު ތިންމީހުން ” އޭނާ ޖަވާބުގައި ބުނެލިއެވެ. ކިހިނެއްވީތަ؟”
” ދެން ކަމެއް ނުވޭ . އެކަމަކު އެވެރިން ތިބީ މާގަދައަށް ނިދާފަކަންނޭގެ ވާހަކައެއް ނުދައްކާ” އަހަރެން ބުނެލީމެވެ.
އެމީހާގާތައް ހިނިއައެވެ. އެތަނުން އެކަކީ އިސްމާލުބޭ ދަށްއުޑުން ހޮނުގުގުރި ޖެހިޔަސް އެފަކީރަކަށް އަޑެއް ނީވޭނެ. ދެންއެއޮތީ މިރަށު މަނު އެއީ މަންމަނެއް. ދެންއެއީ ވަރަށް ބަލި މީހެއް ގަދަހުމެއް ޖެހިފައި ހުންރަނގަޅުވީއިރު ލޮލަކަށް ނުފެނޭ ކަންފަތަކަށް އަޑެއްވެސް ނީވޭ އެބިދޭސީ މީހާއެއީ އޭނާ ބަލަންވެގެން އިއްޔެ މިރަށަށް ގެނައި މީހެއް އޭނާއަށް ދިވެހި ދޭހަކޮށްދޭން ޖެހެނީ ހަތަރެސްފައިން.” އެއީ ތިވީގޮތަކީ އެމީހުންނާ ވާހަކަދެއްކިޔަކަސް ޖަވާބެއް ނުދޭނެއެއްނު”
މިވީގޮތް އެނގުނީ އަދިކިރިޔާއެވެ. އހަރެން ލަދު ފޮރުވާންވެގެން ފެރީ ފުރާން އުޅެނީޔޭ ބުނެފައި އެމީހާގެ ނަންވެސް އަހާނުލައި އަވަހަށް ފެރީއާއި ދިމާލަށް ހިނގައިގަތީމެވެ.
އަހަރެންގެ ހިތައްއެރިއެވެ. ބަހަކުން ބަހެއް ނުދަންނަ ކަންފަތައް ނީވޭ ލޮލައްނުފެންނަ މަންމަނުންނަށް މިގޮތައް ކިތަންމެއިރަކު ވާހަކަ ދެއްކިޔަސް އަދި ކުރިމަތީގައި ކިތަންމެ ބޮޑުކަންތައް ތަކެއް ހިނގިޔަސް ނޭނގޭނެތާދޯއެވެ. މިރަށުގަ ނޫނަސް މިހާލުގައިތިބި ވަރަށްގިނަ މީހުން މިޤައުމުގައި މިހާރު އެބައުޅޭތާއޭވެސް ހިތާހިތާ ކިޔާލެވުނެވެ. ސަލާމަތުން އޮތްމީހާއަކީވެސް އިއްޔެ ރޮލާ ކަނޑާލައިފައިއޮތް ބަންގާޅީއެއް ވިއްޔާއެވެ. މަށަށް މިކުރެވުނު ކަމެއްދޯއެވެ.

6 Comments »

  1. ތިވާހަކައިގައި އުޅޭ މޮޔައިންނާއި ބަންގާޅީ މީހާގެ ބަދަލުގައި އެތަނަށް ޑީއާރުޕީ މިހުންނޭ ބުނިނަމަ ތިވާހަކައިގެ ތެދުކަން މީހުންނަށް ގަބޫލުކުރެވޭނެ. އަދި ބިން ހިއްކުނުވަރުވެސް އެގޭނޭ. އެރަށުގެ ހިއްކިބައިގައި ކާރުން ގަޑިއަކު 60 ކިލޯމީޓަރު ބާރުމިނުގައި 15 ގަޑިއިރު ދުއްވޭކަމަށްވަނީ. ވީމާ އެތަނުގެ ބޮޑުމިން އިޙްސާސްކުރެވޭނެ ނޫންތޯ؟

    Comment by ibbe — Sunday, August 29, 2010 @ 12:19 pm

  2. ވަރަށްމަޖާ ވާހަކައެއް. އެކަމު ދެރައީ އަބަދުވެސް ކުރެވޭ މޮޅު ކަންތަކުގެ ވާހަކަ ދެއްކޭތީ. ޤައުމަށް ނުކުޅަދާނަ މާ ބޮޑެތި ކަންތައް އަތުން ބީވެގެން ދާއިރު ހޮޅުއަށީ ގައި ތިބި ކަހަލަ ބައެއްގެ ލޮލުގާ އަދުން ނާޅުވާ މީހުން ހެޔޮގޮތުގާ ހޭވެރި ކުރުވުން މިވަޤުތު މާ މުހިއްމު ކަމަށް ފެނޭ، މިޤައުމަކީ ހުސް ތެދުވެރި ވަފާތެރިން ތިބި ތަނެއް، މިތާކު އެއްވެސް އިރެއްގާ ޚިޔާނާތް ތެރި އެއް ނުބައި މީހެއް އަދި ކަމެއް ކޮށް ނުދެވޭ ވެރިއެއް އުޅެފައި ހުރި ކަމެއް ރައްޔިތުންނަކަށް ރަސްމީ ސިފައެއްގަ އެގިފައެއް ނެއް، ތުންތުން މަތިން ދެކެވޭ ވާހަކަ އެއް މިވެނިމީހަކީ ވަރަށް ނުބައި މީހެކޭ އޭނާ އަކަށް އެއްވެސް ކަމެއް ކޮށެއް ނުދެވުނޭ، ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރުގާ ކަމެއް ކޮށްދޭނެ. ބިސް އަޅާފަ ރޮނީ ކުކުޅު، ވެލާ ހާސްބިސް އަޅާފަ ދާއިރު އެގުމެއްވެސް ނުވޭ،

    Comment by ahmed — Sunday, August 29, 2010 @ 8:31 pm

  3. ދިއްދޫގައި 60 ކިލޯމީޓަރަށް 15 ގަޑިއިރު ކާރު ނުދުއްވުނެއްކަމަކު އެއޮތީ ހިއްކާފައެވެ. މިހާރު އެޖަހަނީ ބޮޑުހިލައެވެ. ޔާމީނު ގައްޔޫމު ނ އަތޮޅު ބަނޑުދަށުލައިގެން ވެލިދޫގައި މަސްވަޅުލައިގެން ވެރިކަންކުރިއިރު ވެލިދޫ ރައްޔިތުން ކުރި އާދޭސް އަޑުނީވުނީމައި ވެލިދޫވެސް އޮތީ ތިނެސްކަނަށެވެ. އެކަމަކު މިއަދު ލޯހުރިއްޔާ އެރަށްވެސް ހިއްކާލާތަން އިރާދަ ކުރެއްވިއްޔާ އެދަނީ ފެންނަމުންނެވެ. އިއްބެއަޅެ މިއަންނަ ބުދަދުވަހު ވެލިދޫބަލާލަން ދޭބަލާށެވެ. އޭރުން އެކަންވެސް ހިއްސުތައް ސަލާމަތުން ހުރިއްޔާ ފެންނާނެއެވެ. ** ބޯ އިސްތިއުފާއޭ ދިވެހީން ގޮވީ ހަމަގޮވާންވެގެންކަން އެނގޭނެއެވެ ހެހެހެހެ!

    Comment by kanzu — Sunday, August 29, 2010 @ 9:38 pm

  4. މީ މިސައިޓް ގާލިޔާކަހަލަ ވާހަކައެއްނޫން

    Comment by ahmed — Monday, August 30, 2010 @ 2:21 am

  5. ދެކެމުންއައި ހުވަފެންތަކުގެ ޙަޤީޤަތް ފެނި ސަރާސަރު ބޮޑެތި ބިންތައް ކުޑަކުޑަވަގުތުކޮޅެއްގެ ތެރޭގައި އެބިންތައް ގިރައި ނެތިގެންދާ ވާހަކަވަނީ އަޑުއިވިފައެވެ. ސުވާލަކީ މީހަމަ ޙަޤީގަތެއްތޯއެވެ.؟ ބިންހިއްކިވާހަކަ…..

    Comment by ammadey — Monday, October 4, 2010 @ 12:43 pm

  6. އޭ މިވާހަކަ ވަރަށް ސަޅި. އެކަމު ކުޑަ ފާޑެއް ކިޔާލާނަން، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން އިނގޭ…… { ވާހަކައިގެ ފުރަތަމަ ބައި ގެނެސްފަ އޮތްލެ ވަރަށް ފުރިހަމަ. ރަށްޓެހި ލަތީފު އުޅުނު ގޮތާ އޭނަ ވެފަ ހުރި އުފަލާ ސިފަ ކޮށްދީފައި ހުރިގޮތުން އޭނަ ލޮލަށް ފެނިގެންދާ ކަހަލަ. ވާހަކައިގެ ފަހުބައިގައި ވަރަށް ބޮދު ލަނޑެއް ލިބިގެން ދިޔަނަމަވެސް، ހީހީ ބަލިކޮށްލާ ވަރުގޮތަކަށް ބަޔާންކޮށްދެވި ނެތް. ޖުމްލަ ކޮށް މިވާހަކަ ވަރަށް ވަރަށް ނަޔާ. }

    Comment by ayya — Thursday, April 7, 2011 @ 12:56 pm

Leave a comment