Maldivian Democratic Party » ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ހިންގެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
dhaaira2010

Friday, July 30, 2010

ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ހިންގެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

30 ޖުލައި 2010

ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ހިންގެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ސަރުކާރުން ހިންގަވަމުން ގެންދަވާ ތަރައްޤީގެ މަޝްރޫޢުތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، ކުޅުދުއްފުށްޓަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުޅުއްވަމުން މިއަދު އެމަނިކުފާނު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ސަރުކާރު ހިންގެވުމާ ހަވާލުވެވަޑައިގަތީއްސުރެ، ރާއްޖެއަށް މިހާރުން މިހާރަށް ބޭނުންވާ ޢުމްރާނީ ބައެއް މަސައްކަތްތައް އަވަހަށް ފެށޭނެގޮތަކީ ކޮބައިތޯ ބައްލަވަމުން ގެންދެވިކަން ހާމަކުރެއްވިއެވެ. އަދި ކުރިއަށް މިއޮތް ދުވަސްތަކުގެ ތެރޭގައި، ތަރައްޤީގެ ވަރަށްގިނަ މަޝްރޫޢުތައް ފެށޭގޮތަށް ކަންކަން ރޭވި އިންތިޒާމް ކުރެވިފައިވާ ކަމަށް އެމަނިކުފާނު ކުރިން ވިދާޅުވެފައިވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.

މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ހަމައެކަނި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މިކަންކަން ހިންގަވާންވެއްޖެނަމަ، ވަރަށްދިގު މުއްދަތެއްގެ ތެރޭގައި ނޫނީ ރައްޔިތުންނަށް މިކަންކަން ފުރިހަމަގޮތުގައި ފޯރުއްވައިދެއްވެން ނެތް ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިބާވަތުގެ ކަންކަންކުރާ އުޞޫލުން، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް ނުވަތަ ސަރުކާރާއި ޢާންމު ވިޔަފާރިއާ ގުޅިގެން ތަރައްޤީގެ މަޝްރޫޢުތައް ހިންގޭނޭ އުޞޫލުތަކެއް ހޯއްދެވުމަށް ނިންމެވީކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އަދި މި އުޞޫލުން ވަރަށްގިނަ މަސައްކަތް މިހާރު މިވަނީ ހިންގަން ފެށިފައި ކަމާއި، ޚާއްޞަކޮށް، ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގެ ފެނާއި، ނަރުދަމައާއި އަދި މަގުތައް ހެދުމާއި، ކަރަންޓްގެ ނިޒާމާ، މިކަންކަން ސީދާގޮތުގައި ފެށޭނެ މަގު ސަރުކާރަށް މިހާރު މިވަނީ ފަހިވެފައިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މިގޮތުން ފަށްޓަވާފައިވާ ބައެއް މަޝްރޫޢުތަކަށާއި އަދި ފަށްޓަވަން ނިންމަވާފައިވާ ބައެއް މަޝްރޫޢުތަކަށް ރައީސުލްޖުމްހޫރިއްޔާ އިޝާރާތް ކުރައްވަމުން، މި މަސައްކަތްތައް ބާރު ސްޕީޑްގައި ހިންގެވެން އެބައޮތް ކަމުގައި ވިދާޅުވިއެވެ. “މިރާއްޖެއަށް، މިރާއްޖޭގެ ރައްޔިތުންނަށް މިފައިދާތަކާއި ފަސޭހަތައް، މިޚިދްމަތްތައް ފޯރުކޮށްދިނުމަކީ މިއަދުގެ ސަރުކާރަށް ކޮށްދެވެން އޮތް ކަމެއް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއަންނަނީ ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ހިންގުމަށް. ގެދޮރު ޢިމާރާތް ކުރުމުގެ ކަންތައް ފަހިކަމާއެކީގައި ގެންދެވޭނޭ އުޞޫލުތައް ހޯދަމުން. އަދި މަގުތައް ހެދޭނޭ ގޮތްތަކާއި، މުނިފޫހިފިލުވުމާއި، ކުޅިވަރުގެ ޙަރަކާތްތައް ހިންގޭނެ ގޮތްތަކާއި، މިހާރަށްވުރެ ރަނގަޅަށް އަޅުގަނޑުމެންގެ ދަރީންނަށް ތަޢްލީމު ދެވޭނެގޮތް ހޯދުމާއި، އަދި ހަމައެހެންމެ ރަނގަޅު ޞިއްޙަތެއް ފޯރުކޮށްދިނުމާއި އަދި އާމްދަނީ މަދު ނިކަމެތިންނަށް އަޅާލެވޭނެ ގޮތްތައް ސަރުކާރުން މިހާރު މިއޮތީ އިންތިޒާމް ކޮށްފައި. އަޅުގަނޑުމެންނަށް އޮތީ މިމަސައްކަތްތައް ބާރަށް ހިންގޭނެ ގޮތް ވެފައި.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

1 Comment »

  1. ސާބަސް…މަނިކުފާނު ތިކުރައްވާ ހިތްވަރަށް…!!! މަނިކުފާނު ތިކުރައްވާ މިންނެތް މަސައްކަތަށް…!!!! ދިވެހި ރައްޔިތުންނަށް އުޖާލާ މުސްތަޤްބަލެއް އޮތީ ހަމައެކަނި މަނިކުފާނުގެ ޒަޢާމަތުގައި… ދިވެހި ރައްޔިތުން ތިބޭނީ އަބަދުވެސް މަނިކުފާނާ އެކުގައި…!!!

    ތިޔައީ ޒަޢީމޭ އަދު ލޮބުވެތި
    މިދިވެހި ” ރައްޔިތުން ” ފަޚުރުވެރިވާ…!!!

    Comment by kaheenu beyya — Sunday, August 1, 2010 @ 10:05 am

Leave a comment