Maldivian Democratic Party » ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ވަކި މުއްދަތެއްނެތި ހުއްޓާލުމާއި ގުޅިގެން އެމް.ޑީ.ޕީ ޕާލިމެންޓަރީ ގްރޫޕުން ނެރޭ ނޫސްބަޔާން
mdp_banner

Wednesday, July 21, 2010

ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ވަކި މުއްދަތެއްނެތި ހުއްޓާލުމާއި ގުޅިގެން އެމް.ޑީ.ޕީ ޕާލިމެންޓަރީ ގްރޫޕުން ނެރޭ ނޫސްބަޔާން

21 ޖުލައި 2010

ރައްޔިތުން މަޖިލީހަކީ ދިވެހި ދައުލަތުގެ ޤާނޫނުހަދާ ބާރުކަމަށް ވީހިނދު ރައްޔިތުންގެ މަޖިލީހުގެ އެންމެހައި ކަންތައްތައް ކުރިއަށް ގެންދަންވާނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ރޫހާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް މިގްރޫޕުން ޤާބޫލުކުރަމެވެ.
ނަމަވެސް މީހާރަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިންނަވައިގެން އެމަޖިލިސް ހިންގަވަމުން އަންނަ ގޮތާމެދު މި ގްރޫޕުން ނިހާޔަތަށް ކަންބޮޑުވެއެވެ. އަދި މިއަމަލު މި ގްރޫޕުން ކުއްވެރިކުރަމެވެ.
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ދިވެހި ގައުމުގެ ސަލާމަތީ ބާރުތަކާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތާއި ވާޖިބުގެ ދަށުން އެމް.އެން.ޑީ.އެފްގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމްއަށް ހިމާޔަތް އަރުވާފައިވަނީ އެމަނިކުފާނާއި، މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައިކަން ވަނީ އާންމުކޮށް އަންގާ އިއުލާނުކޮށްފައެވެ. އަދި މިކަންވަނީ އެމް.އެން. ޑީ.އެފްގެ ފަރާތުން ފޮނުއްވެވި ސިޓީއެއްގައި ވަރަށް ތަފްސީލްކޮށް ރައްޔިތުންގެ މަޖިލީހުގައި ދަންނަވާފައެވެ.
ނަމަވެސް މިކަން ބަހަނާއަކަށް ދައްކަވާއިގެން މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަށް ހުއްޓުމަށް ގެނައުމަށްޓަކައި ރިޔާސަތުން ކުރައްވަމުން ގެންދަވާ އަމަލަކީ ޤަބޫލުކުރެވޭނެ އަދި ބަލައިގަނެވޭނެ އަމަލެއް ނޫނެވެ.
މިގޮތުން 20 ޖުލައި 2010ވީ އަންގާރަ ދުވަހު ރައްޔިތުން މަޖިލީހުގެ ޖަލްސާ ހުއްޓުވާލައްވާނެ ސަބަބެއް ދުރާލާ ލިޔުއްވައިގެން ވަޑައިގެން، މަޖިލީހުގެ ރައީސް ހިމެނި ވަޑައިގެންނަވާ ޕާޓީގެ ޕާލަމެންޓްރީ ލީޑަރު އަޙްމަދު ތަސްމީން އަލީގެ ނިޒާމީ ނުކުތާއަކަށްފަހު އެ ސަބަބު ވިދާޅުވެ ޖަލްސާ ނިންމަވާލެއްވި ނިންމަވާލެއްވުމަކީ ފަހަކަށް އައިސް މަޖިލިސްގެ ރައީސް އަބްދުﷲ ޝާހިދު މަޖިލިސް ގެންދަވާ އަމިއްލަފުޅު ގޮތްތަކުގެ ސިލްސިލާގެ ތެރެއިން ހިމެނޭ ބޮޅެއްކަމަށް އަޅުގަނޑުމެން ދެކެމެވެ. ދިވެހި ރައްޔިތުންގެ ހައްގުގައި ހަމަހަމަކަމާއެކު މަޖިލީހުގެ އެންމެހާ ކަންކަން އަމާންކަމާއެކު ގެންގޮސް ދިނުމަށް މިފުރުސަތުގައި މަޖިލީހުގެ ރައީސްއަށް އިލްތިމާސް ކުރަމެވެ.
މަޖިލީހުގެ ރައީސްއަކީ އެއްއުސޫލަކުން ހަމަހަމަކަމާއެކު އަމަލު ކުރައްވާ ބޭފުޅެއްނޫންކަން، މިޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ތިމަރަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު މުސްޠަފާ އެގޮނޑިއަށް އިންތިހާބުވެފައި ވަނިކޮށް، ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ ބަހެއް ނޯންނަގޮތެގައި އަދި މަޖިލީހުގައި އެދާއިރާގެ އިއްޒަތްތެރި މެންބަރަށް އޭނާގެ ޤާނޫނީ ވާޖިބް އަދާކުރާނެ ފުރުޞަތެއް ނުދެއްވާ، އެތައް ދުވަސްތަކެއް ވަންދެން މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންގޮސްފައިވާ ގެންދިއުމުން ދޭހަވާ ގޮތުގައި މަޖިލީހުގެ ގޮނޑިއެއް ތަމްސީލްކުރެވޭ މެމްބަރަކު ނެތަސް އަބްދުﷲ ޝާހިދު މަޖިލިސް ކުރިއަށް ގެންދަވާކަން ވަރަށް ރަނގަޅަށް ސާބިތުވެއެވެ. އެކަން އޭރުވެސް މި ގްރޫޕުން ކުއްވެރިކުރަމުން ގެންދިޔައީމެވެ. އަދި މަޖިލީހުގެ ޤާނޫނީ އަދަދު ހަމަނުވާކަން ނިޒާމީ ނުކުތާތަށް ނަގާ ފާހަގަކުރަމުން ގެންގޮސްފައި ވާނެއެވެ.
މިފަހަކަށްއައިސް މަޖިލީހުގެ ރިޔާސަތާއި، ކޮމެޓީތަކުގެ މުގައްރިރުކަން އިދިކޮޅު، ޑީ.އާރް.ޕީ އަދި ޕީއޭ ކޯލިޝަންއަށް ނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ޤާނޫނު އަސާސީގެ 3 ވަނަ ބާބުގައި ރައްޔިތުންގެ މަޖިލީހުން އަދާކުރަންޖެހޭކަމަށް ބުނާ ވާޖިބު އެންމެ ފުރިހަމައަށް އަދާނުކުރެވޭކަމަށް މި ގްރޫޕުން ދެކޭ ހިނދު، ދިވެހި ގައުމު ބޮޑު ސިޔާސީ ހަމަނުޖެހުމަކަށް ވެއްޓި އަދުލު އިންސާފު ގާއިމްކުރާ ދާއިރާއާއި، ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ރުހުމަށްއެދި އާދޭސް ކުރަންޖެހިފައިވުމުން މުޅި ގައުމުގެ އަދުލު އިންސާފާއި ހަމަހަމަކަން ގެއްލި ރައްޔިތުން ބޭނުންވާ ތަރައްގީއާއި ކުރިއެރުމަށް ހުރަސްއެޅި ރައްޔިތުންގެ މެދުގައި ދުވަހެއް ދުވަހަކަށް ކަންބޮޑުވުމާއި ހާސްކަން އިތުރުވެ ހަމަނުޖެހުމަކަށް ގައުމު ހިނގާދާނެތީ ޑިމޮކްރަސީގެ ރީތި އުސޫލާއި އެއްގޮތަށް ވަކިމީހަކަށް ނުވަތަ ވަކި ޕާޓީއަކަށް ނޫންނަމަ މެޖޯރިޓީ އޮތްފަރާތެއްގެ ބާރުގައި ރައްޔިތުންގެ މަޖިލިސް ހައިޖެކް ކޮށްފައި ނުބޭވުމަށް އެދި އިލްތިމާސްކުރަމެވެ.
ޤާނޫނު އަސާސީގައި 14 ވަނަ ބާބުގައި އިންތިގާލީ ކަންތައްތަކާއިބެހޭ ގޮތުން މުއްދަތުތަކެއް ދެވި އަންނަ އޯގަސްޓް މަހުގެ 7 ވަނަ ދުވަހާއި ހަމައަށް އެމުއްދަތު ހަމަވާއިރު މަޖިލީހުން އަދާކުރަންޖެހޭ ޒިންމާ އާދާނުކުރުމަކީ މުޅި މަޖިލީހުގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަން ހަދާންކޮށް މަޖިލީހުގެ މަސައްކަތްތައް ހެޔޮގޮތުގައި ކުރިއަށް ގެންގޮސް ދެއްވުމަށް އެމް.ޑީ.ޕީ ޕާލަމެންޓަރީ ގްރޫޕުން އެދެމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން

3 Comments »

  1. މާއްދާ 27 ހުގެ ޤާނޫނީބާރު ލިބިހުރެ، އެމްޑިޕީ ޕާލަމެންޓްރީ ގުރޫޕުގެ ނޫސްބަޔާނަށް ހަވާލަދީ އަޅުގަނޑުގެ ހިތުގެ ޝުއޫރު ފާޅުކޮށްލުމުގެ އުފާ ލިބިގަންނަމެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ޤާނޫނީ ޙަޔާތުގައި މިއަދު ވެރިކަން ހިންގުމުގެ ބާރުތަކުގެ މައްޗަށް ދިމާވެގެން މިދަނީ ދެމައްސަލަ އެކެވެ. ފުރަތަމަ މައްސަލައަކީ ޤާނޫނުތައް ފަރުމާކުރަން ނުވަތަ އެކަށައަޅަން އެނގިވަޑައި ނުގަންނަވާ އެކަމުގެ އިލްމުވެރިކަމާއި ފައްނުވެރިކަން ލިބިފައި ނެތްމަދު ބައެއްގެ ތެރެއިންނާއި، ޑިމޮކްރަޓިކް ވިސްނުން ހުރި މަދުބައެއްގެ މެދުގައި ބޮޑެތި ކޯޅުންތަކެއްގެ ތެރެއިން، އިސްލާޙު ކުރެވުނު ޤާނޫނު އަސާސީއަކަށް ވީހިނދު، އަދި އިންތިގާލީ މަރުހަލާ ކުޑަތަން ވަމުންދާ ހިނދު، ހަދަންޖެހޭ އާއްމު އެތައް ޤާނޫނެއް ނެހެދި ހުރި ހިނދު، ޤާނޫނު ރައްޔިތުންގެ މައްޗަށް ތަންފީޒް ކުރަން ޖެހުނު ވަގުތު ޤާނޫނީ މުޅި ތަރަހައިގެ ތެރޭގައި ފުށުއެރުންތަކެއް އެބަވާކަން އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. ދެވަނަކަމަކީ ޑިމޮކްރަޓިކް އުސޫލުތައް އެނގިވަޑައި ނުގަންނަވާ ނުވަތަ ގަބޫލުކުރަން ބޭނުންނުވާ ބަޔަކު މަޖިލީސް ތަމްސީލްކޮށް، އޮޕްޒިޝަން ޕާޓީއެއްގެ ދައުރު މަޖިލީހުގައި އަދާކުރުމެވެ.

    Comment by Mahir/Huludu — Thursday, July 22, 2010 @ 3:12 am

  2. ދިވެހީންގެ ރައްޔަތުންގެ މަޖްލިސް މިއަދު އެންމެ ވައްތަރީ ޑީއާރުޕީގެ ފީކުދާނަކާއެވެ. ސައްކެޔޮގަހަށް މަކުނެއް އަރާއިންނަހެން ލޯނުޝާހިދު އަރާ ރައީސްކަމުގެ ގޮނޑީގައި އިނދެގެން ރައްޔަތުންގެ މަސްކަނީއެވެ. މިމީހުންގެ މުސީބާތުން މިޤައުމު ސަލާމަތް ކޮށްދެއްވުން އެދި ދުޢާކުރުމާއިއެކު އިތުރު މަސައްކަތް ތަކެއް ނުކޮށް ތިބެވޭކަށް ނެތެވެ. ޤާނޫނު އަސާސީއާ ތަޢާރަޒުވާ ޤަވާއިދަކުން ބާރުހޯދައިގެން ހިތުހުރިގޮތެއް ރައްޔަތުންނަށް ހަދަމުން ގެންދާއިރު ރައްޔަތުން މިގޮތަށް ބަލާންތިބުމަކީ ކުރާން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އެމްޑީޕީއިން މިކަމުގައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމުގައި އަވަސްވުމަށް ގޮވާލަމެވެ.

    Comment by baanbe — Thursday, July 22, 2010 @ 10:34 am

  3. އަބްދުﷲ ޝާހިދަށް ރަގަޅަށް އެއްޗެއް ވިސްނާދޭންވެއްޖެ. އޭނާ ފަހަރުންތުވަންވީ. އުޅުމަށް އުނދަގޫކުރަންވީ. ދެން އޭރުން ސަލާމަތީ ބާރުތަކުން އޭނާ ގެންގޮސްފަޅު ރަށެއް ހޯދައިފައި އެތަނަށް ލާފައި ބައިދަފާނު. ހީވަނީދެން މަޖިލީހުގެ ރައީސްކަން ލިބުނީމަ އޭނަ ބޭނުންހާ ގޮތަކަށް ކަންކުރަން އޮންނަތަނެއްހެން އެއީ.. އަރާ ހުންނަން ބޭނުންވަނީ ގާނޫނު އަސާސީއަށްވުރެން މަތީގަ، އަހަރެމެން މިހެން ބަލަންތިބެގެން ވާކަށްނެތް. މިކަމަށް ހައްލެއް ހޯދަންވެއްޖެ.

    Comment by Saara — Thursday, July 22, 2010 @ 2:29 pm

Leave a comment