ރާއްޖެއަށް ޑިމޮކްރެސީ ގެނެސްދެއްވި ބަޠަލުންނަށް ވޯޓު ދެއްވާށެވެ.
(މިއީ 7 އޭޕްރީލް 2009 ގައި ދިވެހި އޮބްޒާވަރ ވެބްސައިޓުގައި ޝާއިޢުކުރެވިފައިވާ އިނގިރޭސި ލިޔުމެއް އަސްލަކަށް ބަލައިގެން ތައްޔާރުކުރެވިފައިވާ ލިޔުމެކެވެ.)
ކުރިމަތިވަމުން އަންނަ ރައްޔެތުންގެ މަޖިލީހުގެ އިންތިޚާބަކީ ދިވެހިން ކުރިމަތިލާ އިމްތިޙާނަކަށް ވާނެއެވެ. މި އިންތިޚާބު ކައިރިވަމުން އަންނަވަރަކަށް ހަލަބޮލިކަން އިތުރުވާނެކަމާމެދު ޝައްކެތް ނުކުރެވެއެވެ. އެހެންނަމަވެސް، މި އިންތިޚާބަކީ ފުދޭވަރެއްގެ މިނިވަންކަމަކާއެކީ ހިންގިދާނެ އިންތިޚާބެއްކަމުގައި ބެލެވެއެވެ. ޚާއްޞަކޮށް، ކުރީގެ މައުމޫނުގެ ސަރުކާރުގެ ދުވަސްވަރުގައި، ސަރުކާރުގެ ނުފޫޒުގެ ދަށުގައި ބޭއްވުނު އިންތިޚާބުތަކާއި ބަލާފައި މިއަންނަ އިންތިޚާބު ވަރަށްވެސް މިނިވަންވާނެއެވެ. ކުރިމަތީގައި އޮތް އިންތިޚާބުގައި ކޮންމެ ކެންޑިޑޭޓަކަށް ވޯޓުލިޔަސް ވިސްނާލަންޖެހޭ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެހެންނަމަވެސް، ޑިކްޓޭޓަރު މައުމޫނުގެ ހިޔަނީގައި ތިބެގެން ރައްޔެތުންނަށް އޮޅުވާލާ ރައްޔެތުންގެ ނާޖާއިޒު ފައިދާ ނަގާ ޤައުމުގެ މުއްސަނދިކަމުން ފޭރިގަނެ ޤައުމު ދާވާލާ ހަފުސްކޮށްލުމުގައި އެކިގޮތްގޮތުން ބައިވެރިވީ އެއްވެސް ފަރާތަކަށް އަންނަ އިންތިޚާބުގައި ވޯޓު ނުދިނުން މަޖުބޫރުވާ ގިނަ ސަބަބުތަކެއްވެސް އެބަހުއްޓެވެ. މިހެންކަމުން، ކުރިއަށް އޮތް ރައްޔެތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ އެކިއެކި ގްރޫޕްތަކުގައި ހިމެނޭ އެކިއެކި ފަރާތްތަކަށް ކުރުގޮތަކަށް ބަލާލަމާތޯއެވެ.
މާ ޢިލްމީ ބައެއްކަމުގައި ބުނެ، ސީދާ ޙަރަކާތްތަކުގައި ބައިވެރިވުމަށް މަގުމައްޗަށް ނުނުކުންނާންތިބި މީހުން
މި ގްރޫޕުގައި ހިމެނޭ ފަރާތްތަކަކީ މައުމޫނުގެ ސަރުކާރުގެ އެތެރެއިން ބަދަލުގެނައިކަމަށް ނުވަތަ ބަދަލުގެންނަށް މަސައްކަތް ކުރި ކަމަށް ދައުވާ ކުރާ ބައެކެވެ. މިމީހުންނަށް ލިބިފައިވާ މަތިވެރި ޢިލްމަކާއި ވިސްނުމެއްގެ ބޭނުން ހިފައިގެންކަމަށް ބުނެއެވެ. މިމީހުން ތައްޔާރުކޮށްގެން ނެރުނު މަގު ޗާޓު އެންމެފަހުން އެއްވެސް ތާކު ލައްވައެއް ނުލިއެވެ. އެއަށް ބަލައިގެން އަޅުގަނޑުމެން ދިވެހިން ދަތުރު ކުރިނަމަ މިއަދު އަޅުގަނޑުމެން ތިބޭނީ އެފްރިކާ ބައްރާއި ދިމާލުން އެންމެ ކުރިން ޖެހޭ ފަރަށް އަރާ ހިކިފައެވެ. އަދި ރާއްޖެއަށް ޑިމޮކްރެސީ އައުމަށް މި ފަރާތްތަކުން ޙަޤީޤަތުގައިވެސް ބޭނުންވިތޯ މިއީ ސުވާލު އުފެދޭ ކަމެކެވެ. ސަބަބަކީ މުޅި ދުނިޔޭގެ އެންމެން ޑިކްޓޭޓަރ މައުމޫނަށް މަލާމާތް ކުރަމުން ގެންދިޔައިރުވެސް، މިމީހުން ދިޔައީ މައުމޫނުގެ ތަޞައްވަރު ރަނގަޅުކޮށް އޭނާ ޕްރޮމޯޓް ކުރުމަށްޓަކައި ފޫގަޅައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދައުލަތުގެ ފައިސާއިން އެތައް މިލިއަން ޑޮލަރެއް ބޭނުން ކޮށްގެން އިނގިރޭސި ވިލާތުގެ ހިލް އެންޑް ނޯލްޓަން ކިޔާ ޕަބްލިކް ރިލޭޝަންސް ކުންފުންޏެއް ލައްވާ މައުމޫނުގެ ގެއްލިފައިވާ އަބުރު ސިއްރު ކުރުމަށް އަދި އޭނާއޭ ކިޔައިގެން އެކި ޒާތްޒާތުގެ ސަނާތައް ކިޔާ މުޅި ދުނިޔެއަށް ފަތުރަމުންނެވެ. އަދި މިމީހުން މައުމޫނަށް ‘ޑިމޮކްރެސީގެ ބައްޕަ’ގެ ލަގަބުވެސް ދިނެވެ. ޑިމޮކްރެސީއަށްޓަކައި އެތައް ޤުރްބާނީއެއްވި އެތައް އެކްޓިވިސްޓުންނެއް ޖަލައްލުމުގައި މިމީހުން އިސްރޯލެއް ކުޅުނެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިވަންކަމާއެކު ސިޔާސީ ބަހުޘްތައް ކުރެވެން ފެއްޓުނު އެމްޑީޕީގެ ‘ހަރުގެ’ ރޫޅާލުމުގައި މިމީހުން އިސްވެހަރަކާތްތެރިވިއެވެ. މިމީހުންނަކީ ހަމަ ގައިމުވެސް ޑިމޮކްރެސީއަށް މާބޮޑު ޝައުގުވެރިކަމެއް ހުރި ބައެއް ނޫނެވެ. މިމީހުންނަކީ އެހެން ކޮންމެވެސް އުޞޫލުތަކަކަށް ތަބާވާ ބައެކެވެ. ވީމާ މިމީހުންނަށް ވޯޓު ލުމުގެ ކުރިން ކޮންމެވެސް ފުންކޮށް ރަނގަޅަށް ވިސްނާލައްވައްޗެވެ.
ރައީސް ކަމުން ދުރުކުރެވިފައިވާ ޑިކްޓޭޓަރ މައުމޫނާއި އޭނާގެ އާއިލާއާއި އެކުވެރިން
މި ގްރޫޕުގައި ހިމެނެނީ މިހާރު ރައީސްކަމުގެ މަޤާމުން ދުރު ކުރެވިފައިވާ ޑިކްޓޭޓަރ މައުމޫނާއި އެކި ގޮތްގޮތުން އެހީތެރިވެދީ މިދިޔަ 30 އަހަރު ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށްޓަކައި އެކިގޮތްގޮތުން މަސައްކަތްކޮށް އަދި ރައްޔިތުންގެ އަސާސީ ޙައްޤުތައް ނިގުޅައިގަނެފައިވާ ޑިކްޓޭޓަރ މައުމޫނުގެ އާއިލާގެ މެމްބަރުންނާއި އޭނާގެ އެކުވެރިންނެވެ. އެމީހުން މިހާރުވެސް ދިރިއުޅެމުން އެގެންދާ މުއްސަނދި ދިރިއުޅުން ނިކަން ބައްލަވާށެވެ. އެމީހުންނަކީ ރައްޔިތުންނަށް އިޚްލާޞްތެރި ބައެއް ނޫނެވެ. އަދި އެމީހުން ދުވަހަކުވެސް ރައްޔިތުންނަކަށް އިޚްލާޞްތެރިއެއް ނުވާނެއެވެ. އަދި އިޚްލާޞްތެރިވާކަށް ނުވެސް އެނގޭނެއެވެ. އެމީހުން ހަމައެކަނި ބޭނުންވަނީ ޤައުމުގެ މުއްސަނދިކަމަށް އަތްފޯރާ ހިސާބުގައި ތިބެގެން، ޑިކްޓޭޓަރ މައުމޫނުގެ ޒަމާނުގައި ދިރުއުޅެމުން ގެންދިޔަ މުއްސަނދިކަމާއި އަރާމުގައި މިހާރުވެސް ދުވަސްތައް ގުނާށެވެ. ދިވެހިންނަކީ ގަމާރު ގުނބޯތަކެކޭ މި ގްރޫޕުގައި ހިމެނޭ ފަރާތްތަކަށް ހީވާ ކަހަލައެވެ.
އަމިއްލަގޮތުން ވާދަކުރައްވާ ތެދުވެރި ކެންޑިޑޭޓުންނާއި މަޖިލިސް މެމްބަރުންގެ ބޮޑު މުސާރައިގެ ދަހިވެތިކަމުގައި އުޅޭ ކެންޑިޑޭޓުން
އަމިއްލަގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި އިޚްލާޞްތެރި ކެންޑިޑޭޓުން ތިއްބެވިތޯ ތިޔަބޭފުޅުން ނިންމަވަންވާނީ މި ކެންޑިޑޭޓުންގެ ފުރިހަމަ ދިރާސާއެއް ކުރެއްވުމަށްފަހުގައެވެ. މި ކެންޑިޑޭޓުން އަމިއްލަގޮތުން މި ވާދަކުރަނީ ޕާޓީގެ ޓިކެޓު ނުލިބިގެންތޯއެވެ؟ ނޫނީ މި މީހުންނަކީ ޕާޓީ ސިސްޓަމް ޤަބޫލު ނުކުރާ ބަޔަކީތޯއެވެ. އަދި މީގެ ތެރެއިން މަޖިލީހުގެ މެމްބަރުންގެ ބޮޑެތި އިނާޔަތްތަކާއި މުސާރައިގެ ދަހިވެތިކަމުގައި އިންތިޚާބަށް ކުރިމަތިލައިގެން އުޅެނީ ކިތައް މީހުންތޯވެސް ރަނގަޅަށް ބައްލަވާލާށެވެ.
ރާއްޖެއަށް ޑިމޮކްރެސީ ގެނެސްދެއްވި ބަތަލުން
އަޅުގަނޑުމެން ދިވެހި މުޖްތަމަޢުއަށް ދިމާވެފައިވާ ބޮޑު ބިރުވެރިކަމުން ސަލާމަތްކޮށްދީ، ޖާހިލުކަމުން ނެރެ ތަހުޒީބުގެ މަގަށް އެޅުވީ އަދި އަޅުގަނޑުމެންނަށް ދިމާވެފައިވާ ފަޤީރުކަމުން ނުކުމެވުމުގެ އުންމީދެއް ކިރިޔާވެސް މިއަދު އާލާވެފައި އޮތްނަމަ، އެކަން އެގޮތަށް މިވީ 2003 ވަނަ އަހަރު އެމްޑީޕީ ރެޖިސްޓްރީ ކުރެވި ރާއްޖެއަށް އިޞްލާޙް ގެނައުމަށްޓަކައި އެޕާޓީން އިސްނަގައިގެން ކުރެވުނު ގިނަގުނަ މަސައްކަތްތަކާއި ހެދިއެވެ. މި ދެންނެވި ޙާރަކާތްތަކުގައި އެތައް ޤުރްބާނީތަކެއްވި ބަޠަލުން އެގޮތަށް އެ މަސައްކަތް ނުކުރެއްވިނަމަ، އަދިވެސް އަޅުގަނޑުމެން ތިބޭނީ ފުލުހުންނާއި ސިފައިންދެކެ ބިރުންނެވެ. ހިތުގައިވާ ޝުއޫރެއް ފާޅުކޮށްލުމަށް ނުވަތަ ސިކުނޑީގައިވާ ޚިޔާލެއް ފާޅުކޮށްލުމަށް އަނގަ ހުޅުވާލަން ނުކެރިފައެވެ. ޑިކްޓޭޓަރު މައުމޫނާއި އޭނާގެ އާއިލާ އަދި އެކުވެރިން އުފަލާއި އަރާމާއި މުއްސަނދިކަމުގައި ދިރިއުޅެމުން ގެންދާއިރުގައި، އެތަން ބަލަން އަމިއްލަ ވަޒަނުގައިވެސް ބީރައްޓެހިންގެ ގޮތުގައެވެ. އެމްޑީޕީގެ އެންމެ ބޮޑު ކާމިޔާބީއަކީ ރައްޔިތުންގެ ތެރެއިން ބޮޑުބައެއް އެކަތި ގަނޑަކަށް ހަދާ އެއް އަމާޒަކަށް ދަތުރުކުރުވާ، ޑިކްޓޭޓަރު މައުމޫނު ވެރިކަމުން ދުރުކުރުވާ ޞުލްޙަވެރިކަމާއި ޑިމޮކްރެސީގެ ހަމަތަކުގެ މަތިން ރާއްޖޭގެ ވެރިކަން ބަދަލުކޮށްލިކަމެވެ. ޕާޓީއެއް ހިންގުމުގެ އަސާސީ އޮނިގަނޑެއް ފުރަތަމަ ތައްޔާރުކޮށް، އެއޮނިގަނޑުގެ މަތީގައި ޕާޓީ މިހާތަނާ ޖެހެންދެންވެސް ހިންގިފައިވާ ހަމައެކަނި ސިޔާސީ ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއެވެ. ތެދެކެވެ. އެމްޑީޕީގައިވެސް އުނިސިފަތަކެއް، ނުވަތަ ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ހުރެދާނެއެވެ. އެހެންނަމަވެސް، ޙަޤީޤަތަކީ ރާއްޖެއަށް ޕާޓީ ސިސްޓަމް ތަޢާރަފް ކުރުވުމުގައި އަދި ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމެއް އަށަގެންނެވުމުގައި މިހާތަނާ ޖެހެންދެންވެސް އެންމެ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވަނީ އެމްޑީޕީ ކަމެވެ.
މިހެންކަމުން، ކުރިމަތިވަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކަންތައް ކުރަންވީގޮތް ވަރަށްވެސް ސާފެވެ. ޑިމޮކްރެސީގެ ހަމަތައް ޤަބޫލު ކުރައްވާނަމަ، އަދި ދިވެހީންނަށާއި ދިވެހިރާއްޖެއަށް ރަނގަޅު ގޮތްތަކެއް މެދުވެރިވާނީ ޑިމޮކްރެސީގެ މަގުގައި ކުރިއަށް ދެވިގެންކަމުގައި ޤަބޫލު ކުރައްވާނަމަ، ރާއްޖެއަށް ޑިމޮކްރެސީ ގެނެސްދިނުމުގައި މަތިވެރި ބޮޑެތި ޤުރްބާނީތައް ވެފައި ތިބި ކެންޑިޑޭޓުންނަށް ވޯޓު ދެއްވާށެވެ. މިއަދު ޅަފަތުގައި މިއޮތް ޑިމޮކްރެސީއަށް ރަނގަޅު ކުރިމަގެއް ހޯދައިދީ، މުސްތަޤްބަލްގައި ގައުމު ހިންގުމުގެ ކަންކަން ރައްޔިތުންގެ އިޙްޞާޞްތަކާއި އެއްގޮތް ކުރެވޭނީ އޭރުންނެވެ.
(ނިމުނީ)









އަސްލުވެސް އަހަރުމެން ގެ ވެރިކަމުގައި ބޭނުމީ ހަމަޖެހުމާއި މަސްލަހަތު… ވައްކަން ކުރާމީހުން ކުރާނެ އެމީހުންނަށް އެކަށީގެންވާ އަދަބު ނުލިބެންޏާއި އެކަންތައް ތަކުރާރުކޮށް… ކޮންމެވެސް ހިކުމަތެއް އިނީމަދޯ އިސްލާމީ ސަރީއަތުގައި އެގޮތަށް އެކަން އެއޮތީ… އުއްމީދު ކުރަން މި ފަސް އަހަރު އަޅުގަނޑުމެން ބޭނުން ވާ ކަހަލަ ރަގަޅު ވެރިކަމެއް ހިގާނނެ ކަމަށް… ރައިސް ވެސް ކުރާ ރަގަޅު ކަންކަމަށް އަޅުގަނޑުމެން ތާއިދު ކުރަން… ހެޔޮވެރިކަމެއް އަބަދުވެސް އަޅުގަނޑުމެންގެ މެދުގައި ލައްވާށިއޭ…އާމީން…
Comment by ahoo — Monday, October 26, 2009 @ 5:44 pm
ޑިމޮކްރަސީގެ ރޫޙާއި އެއްގޮތައް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޤާނޫނީ ގޮތުން ރައްޔިތުންނަށް ލިބިފައި އޮތުމަކީ، އެކަމުގެ ހައްޤު އިންތަކުން އެއްވެސް ބަޔަކު އެއްކިބާވުމެއް ނޫނެވެ. ވަކިން ޙާއްސަކޮށް، މުޖުތަމަޢުގެ މަސްޢޫލިއްޔަތާއި ހަވާލުވެތިބި ތަޢުލީމީ ފަރާތްތަކުން ވެސް ބޭރުވުމެއް ނޫނެވެ. ހަޤީގަތުގައި ބިނާކުރަނިވި އުސޫލުން ސަރުކާރު ހިންގުމުގެ މައިގަނޑު ސިޔާސަތުގެ މައްޗަށް ފާޑުކިއުމަކީ، ސިޔާސީ ނަޒަރަކުން ވިސްނާއިރު، ދައުލަތް ހިންގުމުގެ ސިޔާސަތު ހަރުދަނާ ކުރުވުމެވެ. އެހެންމެ އިސްލާމީ މުޖުތަމަޢެއްގައި ފިޠުރީ ހަމަތަކުގެ މައްޗަށް ތަވާޒުނުވެ ދީނުގެ އަސްލުތައް ކިނލަބުނުވާ ޙާލުގައި ތިބެ އެބައެއްގެ ވެރިކަމާއި އަދި ސުލަޙަވެރި ފިކުރިއްޔާތާއި ގުޅުންހުރި ވެރިކަން ހިންގުމުގެ ޤާނޫނީ ބާރުތައް ސައްޙަ ކުރުމުގެ ނިޔަތުގައި ބިނާކުރަނިވި އުސޫލުން ފާޑުކިއުމަކީ މުޖުތަމަޢުގެ ކަންކަން އިސްލާޙުވުމުގެ މައްޗަށް އޮތް ވަރަށް މުހިއްމު މަސްދަރަކަށް ވީހިނދު، ރާއްޖޭގެ ޚަބަރު ފަތުރާ ވަސީލަތް ތަކުގެ ވިސްނުމާއި، ޚިޔާލު ހުރީ މިހިކުމަތުގެ މައްޗަށް ތޯއެވެ؟
Comment by Hassan Mahir/ ADDU — Wednesday, February 10, 2010 @ 2:26 am
ހަރުދަނާ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންގެ ކިބައިގާ ހުންނަން ޖެހޭ، ވަރަށް މުހިއްމު ފަސް ސިފަތަކެއް ވެއެވެ. އެއީ (1) ޠަބީއީ ތެދުވެރިކަމާއި (2) ރިވެތި އަޚުލާގާއި، (3) ޤާނޫނުގެ މައްޗަށް އިޙްތިރާމް ކުރުމުގެ ސިފަތަކާއި، (4) ފަނޑިޔާރުންގެ ކިބައިގާ ހުންނަން ޖެހޭ ޕްރޮފެޝަނަލިޒަމާއި، (5) އެކަމުގެ ފުރިހަމަ ފަންނު ވެރިކަމާއި ޚުލްގު ހެއުކަމެވެ. މިމުހިއްމު ފަސް ސިފަތަކުން އެއްކިބާވެ އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގައި މަސައްކަތް ކުރުމަކީ، މުޖުތަމަޢުގެ ހަލާކެވެ. ޙަގީގަތުގައި ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނަކީ، ސިޔާސީ ގޮތުންނާއި އިޖުތިމާޢީ ގޮތުން މުޖުތަމަޢުގެ އެންމެހާ ކަންކަމުގެ މައްޗަށް ތަޖުރިބާ ލިބިފައިވާ އަދުލުވެރި ބަޔަކަށް ވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޚާއްސަކޮށް، ރާއްޖެއަކީ، މިއަދު ސިޔާސީ ގޮތުން މުޅި މުޖުތަމަޢު ބަދަލު ވަމުންދާ ގައުމަކަށް ވީހިނދު، ކެއްތެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި ގާނޫނީ މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ފަނޑިޔާރުންނާއި، ގާނޫނީ ވަކީލުންވުމަކީ، ތިމާގެ އަމިއްލަ މަސްލަހަތު އޮތް ކަމެއްކަމުގައި ވިޔަސް ވަކިފަރާތަކަށް ނުޖެހި ހައްގު ގޮތުގައި އެ މަސްއޫލިއްޔަތު އުފުލަން ޖެހޭ ބައެކެވެ.
ޔަގީންވާ އެއްކަމެއް އެބައޮތެވެ’ އެއީ މުޖުތަމަޢުގެ ތެރޭގައި ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުން އެބައިމީހުންގެ ގައުމީ މަތިވެރިވާޖިބު އަދާކުރަމުން ދާހިނދު، މުޖުތަމަޢުގެ ތެރޭގައި ހިނގާ ތަފާތު މައްސަލަ ތަކުގެ މައްޗަށް އިޙްލާސްތެރިވުމާއި، ޢަދުލުވެރިކަން އުއްމަތައްޓަކާ ގާއިމުކުރަން ޖެހެއެވެ. ހަމައެކަނި ތިމާގެ އަމިއްލަ މަސްލަހަތުގެ މައްޗަށް އޮތް ކަމެއްނޫނެވެ. އެއީ ހައްގާއި ބާޠިލުގެ ދެމެދުގައި ޙާކިމާ ހުކުމް ކުރަށްވާ އިރު، ތެދުވެރިވުމަށް މުސްލިމުންގެ މައްޗަށް ﷲ ވާޖިބު ކުރެއްވި ތަޢުހީދުގެ ހުކުމް ފުޅެކެވެ. ކަންއޮތީ މިހެންކަމުގައި ވީހިނދު، ރާއްޖޭގެ ސިޔާސީ ޝަރުޢީ މުސްތަގުބަލް ހަރުދަނާ ކުރުމަށް މަސައްކަތް ކުރެވިދާނެ ގާނޫނީ ފުރުސަތުތަކެއް ވެރިކަން ހިންގުމުގެ ޑިމޮކްރަޓިކް އުސޫލުތަކުގެ ތެރޭގައި ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުންނަށް ފުޅާ ދާއިރާއެއްގައި ލިބިދީފައި އޮތް ހިނދު، ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ވިސްނުމާއި، މުޖުތަމަޢުގެ ވިންދާއި، ގުޅުންހުރި އެންމެހާ ކަންކަމުގެ މައްޗަށް ޙައްގު ގޮތުގައި އަދުލު އިންސާފު ގާއިމުކުރުމުގެ ބުރަ މަސްއޫލިއްޔަތު ގުދުރަތުން އަޅުއްވާފައިވާ ބަޔަކީ، ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާއި މުޖުތަމަޢުގެ ތެރޭގައި ހިމެނޭ އެފަދަ މީހުންކަމުގައި ވީހިނދު، ތިމާގެ އަމިއްލަ މަސްލަޙަތާއި ގާތްތިމާގެ މީހާގެ އެދުމަށް ވުރެ، ބޮޑަށް މުޖުތަމަޢުގެ މަސްލަޙަތުގެ މައްޗަށް އިސްކަން ދެއްވުމަކީ، ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންގެ ގައުމީ ވާޖިބެކެވެ. މިވިސްނުމުގެ އަލީގައި ގައުމަށް ޚިދުމަށް ކުރައްވާ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން މިރާއްޖޭގައި އެބަތިބި ހެއްޔެވެ؟
Comment by Hassan Mahir/ ADDU — Friday, February 12, 2010 @ 4:13 pm
ދުނިޔޭގައި ކުރެވުނު ބައެއް ބޮޑެތި އަނިޔާވެރި ވެރިކަމުގެ މައްޗަށް ތާރީޚީ ނަޒަރަކުން ވިސްނާއިރު، 20 އެޕްރީލް 1889 އަހަރު އޮސްޓްރިއާގެ ކުޑަ އަވަށަކަށް އުފަންވި އެޑޮލްފް ހިޓިލަރަކީ ވެސް އޭނާ ވިދާޅުވާ ގޮތުގައި ޖަރުމަން ވިލާތުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ވެރިކަން ކުރެއްވި ވެރިއެކެވެ. 1925 އަހަރު ޔޫގަންޑާއަށް އުފަންވި އީޑީ އަމީނަކީ ވެސް އޭނާ ވިދާޅުވާ ގޮތުގައި އެގައުމުގައި ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ވެރިކަން ކުރެއްވި ވެރިއެކެވެ. 19 މޭ 1928 އަހަރު ކެންބޯޑިއާ އުފަންވި ޕޮލްޕޮޓަކީ ވެސް އޭނާ ވިދާޅުވާ ގޮތުގައި ކެންބޯޑިއާގެ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ވެރިކަން ކުރެއްވި ވެރިއެކެވެ. ޙިޔާލަކީ ތަފާތު އެއްޗެކެވެ. ބައެއް މީހުންގެ ނަޒަރުގައި މަތީގައި ނަންގަނެވުނު އަނިޔާވެރި ވެރިންނަކީ ވެސް ރައްޔިތުންގެ ޙައްޤުގައި ރަނގަޅަށް ވެރިކަން ކުރިބައެކެވެ. ކަންއޮތީ މިހެންކަމުގައި ވީހިނދު، މިއީ އިބުރަތް ހާސިލު ކުރަންޖެހޭ މިސާލުތަކެވެ. 1978 އަހަރު މިރާއްޖޭގެ ވެރިކަމާއި ހަވާލުވި އަލް އުސްތާޛު މައުމޫން އަބުދުލް ގައްޔޫމް ރާއްޖޭގެ ވެރިކަން ކުރެއްވީ ވެސް އޭނާ ވިދާޅުވާ ގޮތުގައި ގާނޫނާއި އެއްގޮތް ވާގޮތުގެ މަތިން އަދި ގައުމަށް ތަރައްގީ ގެނަސްދެއްވި ވެރިއެއްގެ ގޮތުންނެވެ. ނަމަވެސް ދިވެހިދައުލަތް ހިންގުމުގެ އެންމެހާ ބާރުތައް އޮތީ ވެރިއާގެ އަންބޮނޑި ދަށުގައެވެ މިވެރިކަމަށް ތަޢުރީފް ކުރާ މީހުންވެސް އެބަ އުޅުއްވައެވެ. މިއީ ދުނިޔަވީ ޙަޔާތުގެ ތެރެއިން އިންސާނުންގެ މެދުގައި ޡަބީޢީ ގޮތުން ވާރުތަވަމުން އަންނަ ސިފަތަކެވެ. މިފަދަ ހުރިހާ ވެރިންވެސް ވިދާޅުވެފައި ވަނީ، ތިމާމެން ވެރިކަން ކޮށްފައި ވަނީ ގާނޫނާއި އެއްގޮތް ވާގޮތުގެ މަތިންކަމުގައެވެ. މިއީ މިފަދަ ވެރިންގެ އަމިއްލަ ޙިޔާލުތަކެވެ އެއީ ތެދުފުޅެކެވެ. އެބޭފުޅުން ގާނޫނާއި ޙިލާފަށް ވެރިކަން ނުކުރަށް ވައެވެ ސަބަބަކީ އެބޭފުޅުން ވެރިކަން ކުރެއްވީ އެބޭފުޅުންގެ އަމިއްލަ ނުފޫޒު ގާނޫނު ހަދާ މަޖިލީހަށް ފޯރުވާ އެބޭފުޅުން ބޭނުން ފުޅު ވާގޮތައް ގާނޫނު ހައްދަވާއިގެން ކަމަށްވާތީއެވެ. ވީއިރު، މަތީގައި ނަންގަނެވުނު ވެރިންނަކީ، ޙައްޤު ގޮތުގައި ވެރިކަން ކުރެއްވި ވެރިންބާވައެވެ؟
Comment by Hassan Mahir/ ADDU — Friday, February 12, 2010 @ 8:17 pm
ފިނި ހަނގުރާމަ ނިމުމަށް ފަހު ވެސް ގިނަ ގައުމުތަކުގައި ކުރެވުނު ވެރިކަމުގެ ސިފަޔަކީ ވެރިކަމުގެ މައްޗަށް ވެރިކަމުން އަލާނުކެނޑޭ މައުމޫނު ފަދަ ވެރިންގެ ނުފޫޒާއި އަސްކަރީ ބާރު އެ ގައުމުތަކުގެ ވެރިކަމުގެ މައްޗަށް އިންތިހާޔަށް ނުފޫޒް ފޯރުވާފައިވާ ވެރިކަމުގެ ބާރުތަކެވެ ސަބަބަކީ ޙޮދުމުޙުތާރު ވެރިންގެ ނުފޫޒާއި ބާރު އެގައުމުތަކުގެ އަސްކަރިއްޔާ އަށް ވަދެއޮތުމެވެ. ވަކިން ޙާއްސަކޮށް މެދު ޒަމާނުގައި ވެރިކަމާހުރެ ރައްޔިތުންނަށް އަނިޔާވެރިވީ ޖައްބާރު އަނިޔާވެރި ވެރިންގެ ސަބަބުން އެ ޤައުމުތަކުގެ އަސްކަރިއްޔާއަކީ އެގައުމުތަކުގެ ރައްޔިތުންނަށް ބޮޑެތި މުސީބާތްތައް ކުރިމަތި ކުރުވި ބާރުތަކެވެ. ނަމަވެސް ފިނި ހަނގުރާމަ ނިމި ދުނިޔޭގެ އެތައް ގައުމެއްގައި ދިރިއުޅުނު އެތައް މިލިއަން ރައްޔިތުން ހަނގުރާމައެއްގެ ނުރަށްކަލުން ސަލާމަތްވެ ޝާހީ ބޮޑެތި ރަސްރަސް ކަލުންގެ ވެރިކަމުގެ ކިއްލާތައް އިންގިލާބްކޮށް އުފާ ލިބިގަތުމަށް ނޭވާލީ ހިނދު، އަނެއްކާވެސް ދުނިޔޭގެ ބައެއް ގައުމުތަކުގެ ރައްޔިތުން ކުރިމަތިލާން ޖެހުނީ ޖައްބާރު އަނިޔާވެރި ވެރިން ވެރިކަމުގެ ދަހިވެތިކަމުގައި ރައްޔިތުން އަޅުދާސް ކުރަމުން ދިޔަ ހާދިސާތަކާއެވެ. ވެރިކަމަކީ، ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ އެބައިމީހުންގެ ގާނޫނީ ބާރަކަށް ވީހިނދު، އެހައްޤުން މަހުރޫމުކޮށް، އެގައުމުތަކުގެ ރައްޔިތުންގެ މައްޗަށް އަސްކަރީ ނުފޫޒު ފޯރުވާ އެ މިނިވަންކަން ނަގާލެވުނެވެ. ޙާއްސަކޮށް އިސްލާމީ ގައުމުތަކުގެ ބޮޑު ބަޔަކީ، މިފަދަ އަނިޔާވެރި ވެރިންގެ އަސްކަރީ ނުފޫޒުން ސަލާމަތް ނުވެވި އެގައުމުތަކުގެ ރައްޔިތުން އުޅެންޖެހުނު ގައުމުތަކެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބައިނަލް އަގުވާމީ މުޖުތަމަޢުގެ ކުރިމަތީގައި 1965 އަހަރު ޖުލައި 26 ގައި އިނގިރޭސިންގެ ހިމާޔަތުން މިރާއްޖެ ކެނޑި މިނިވަންވެ އޮތަސް ދާޙިލީ ގޮތުން ރައްޔިތުން ތިބީ 2008 އަހަރާއި ހަމައަށް ސިޔާސީ އަޅުވެތި ކަމެއްގެ ތެރޭގައެވެ. އެހެންކަމުން މިހަގީގަށް އެއްވެސް ބަޔަކަށް ނަފީކުރެވޭނެ ހެއްޔެވެ؟ ދަންނަވަން ތޯއެވެ؟ ޙައްގުގެ ކުރިމަތީގައި މަޝްހޫރު ވަނާމަޖޫ އަންބާގައި ވަރެއް ނުހުންނާނެއެވެ. މިބީދައިން މިސަރުކާރުގެ ޙައްގު ސިޔާސަތު ކަސިޔާރު ކޮށްލަން މަސައްކަތް ކުރާ މީހުންގެ މަގުސަދު ޙާސިލުވުމަކީ، މުސްތަޙީލު ކަމެކެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި ކުރެވުނު ޙޮދުމުޚުތާރު ވެރިކަން ބަޔަކު ނިކުމެ އިންގިލާބުކޮށް އެގައުމުތަކަށް ޑިމޮކްރަސީ ގެނެވުނު ހިނދު، ބައެއް ގައުމުތަކަށް ކުރިމަތިވީ ބޮޑެތި މައްސަލަތައް ހުއްޓެވެ. އެމައްސަލަ ތަކުގެ ތެރޭގައި ޙޮދުމުޙުތާރު ވެރިކަން ކުރެއްވި ވެރިންނާއި އެބައި މީހުންނަށް ތަބާވީ މީހުންގެ ފަރާތުން ގައުމުތަކަށް ގެނެވުނު އިސްލާހީ ބަދަލުތައް ގަބޫލުނުކޮށް، ޑިމޮކްރަސީ ނުދަންނަ ނާގަވާރުން މެދުވެރިކޮށް މުޖުތަމަޢުގެ ތެރޭގައި ހަމަނުޖެހުން އުފައްދާ ގައުމުތައް ފިތުނަވެރި ކުރުވިއެވެ. މިއަދު މިރާއްޖެއިން ފެނިގެންދާ މަންޒަރުތައް ފަދައިން، މިފަދަ ހަމަނުޖެހުން އުފެއްދުމުގެ މޭސްތިރީންނަކީ، ކުރިން ވެރިކަން ކުރެއްވި ވެރިންނާއި، އެފަދަ މީހުންނަށް ތަބާވީ ގައުމަށް ޢަދަރުވެރިވި މީހުން އަޑީގައި ތިބެގެންނެވެ. މިފަދަ ހމަނުޖެހުން އުފެއްދުމުގެ އެންމެ ބޮޑު މަގުސަދަކީ، ވެރިކަން ކުރެއްވި އިރު، އެމީހުން ހިގާފައިވާ ބޮޑެތި ޖަރީމާތައް ފޮރުވުމާއި، އެފަދަ މައްސަލަތައް ބެލޭނެ މަގު ތަނަވަސްކޮށް ނުދިނުމެވެ. ސިޔާސީ އިލްމުވެރިން ވިދާޅުވާ ގޮތުގައި މިފަދަ މީހުންގެ އަމަލުތައް ސުލްހަވެރި ގޮތުގައި ނައްތާލެވޭނީ ޙޮދުމުޙްތާރު ވެރިކަން ބަދަލުވުމަށް ފަހު ޑިމޮކްރަސީ ހަމަތަކުގެ މަތިން އިންތިޙާބުވީ ސަރުކާރުން ވީއެންމެ އަވަސް ފުރުސަތެއްގައި ކުރީގެ ޙޮދުމުޙްތާރު ސަރުކާރުން ހިންގާފައިވާ އިންސާނިއްޔަތާއި، ޙިލާފް ބޮޑެތި ޖަރީމާތައް ބެލުމާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތް ތެރިވެފައި ވޭތޯ ބެލުމާއި، މަގާމުގެ ބޭނުން ނަހަމަގޮތުގައި ކޮށްފައި ވޭތޯ ބެލުން ފަދަ މައްސަލަތައް ބެލިގެންނެވެ. ގައުމެއްގައި ޙޮދުމުޙްތާރު ވެރިކަން ބަދަލުވުމަށް ފަހު ސުލްހަ މަސަލަސްކަން ދެމެހެއްޓޭނީ ޓްރާންސް ސިޝަނަލް ޖަސްޓިސް ތަންފީޒް ކޮށްގެންނެވެ. މިއަދު ދިވެހި ރާއްޖެއިން ފެންނަމުންދާ ސިޔާސީ ހަމަނުޖެހުމުގެ މައިގަނޑު ސަބަބުތަކަކީ، ޓްރާންސް ސިޝަނަލް ޖަސްޓިސް ތަންފީޒް ނުކުރުމުގެ ނަތީޖާއެވެ.
Comment by Siyaasee murushidu/ Huludoo — Saturday, February 13, 2010 @ 12:32 am
އުއްމަތުގެ ހަމަޖެހުން ނިސްބަތް ވަނީ، ލާމަރުކަޒީ އުސޫލުތަކުގެ މައްޗަށް ދައުލަތް ހިންގި ގެންނެވެ. މުސްކުޅި ކާބަފައިންގެ ތާރީޚަށް ނަޒަރު ހިންގާއިރު، ރާއްޖެ އިސްލާމް ވުމުގެ ކުރިންވެސް އަދި ފަހުންވެސް ދިވެހި ދައުލަތް ހިންގުމުގެ ފުރަމާނީ ބާރު މިއަދާއި ހަމަޔަށް ވެސް ދެމިގެންއައި ގޮތުން ރާއްޖޭގެ ތަރައްގީއަށް ޒަމާނާއި އެކަށޭނަ ގޮތުންވެސް ހުރަސްތައް ކުރިމަތިވެފައި އޮތްކަމީ ދޫދޫމަތިން ދެކެވޭ ތާރީޚީ ވާހަކަތަކަށް ވިސްނާ އިރު، ގަބޫލު ކުރަންޖެހޭ، ހަގީގަތެވެ. ވީހިނދު، ކަމުގެ ހަގީގަތް އަޅުގަނޑުގެ މުސްކުޅި ކާބަފައިންގެ ފަތްފުށް ތަކުން ސާބިތު ކުރެވެން އެބައޮތެވެ. މުޙައްމަދު ޝަމުސުއްދީނު ބޮޑު ފަނޑިޔާރު ތައްޚާނުގެ ޚާންދާނަށް ނިސްބަތްވީ ދޮޅަހަކަށް ފަނޑިޔާރުންގެ ތާރީޚީ ލިއުއްވުން ތަކުން ވެސް ރާއްޖޭގެ ރަސްކަމުގެ ދަރުބާރުން ރަސްރަސް ކަލުންގެ އަމުރު މައުރޫފު ނެރުއްވި ގޮތާއި އެފަދަ އުސޫލުތައް އެނގެން އެބައޮތެވެ. މާޒީގެ ސަފްޙާތަކުން އިބުރަތް ހާސިލުކުރަން ޖެހެއެވެ.
ހަގީގަތަކީ މިއީކަމަށް ވީހިނދު، ވެރިކަން ހިންގުމުގެ ނަމުގައި ޚުދުމުޚުތާރިއްޔާ އަށް ތަންދެވި ހިންގުނު ދިގުޝާހީ ރަސްކަމާއި 1953 އަހަރު ފުރަތަމަ ޖުމުހޫރިއްޔާގެ ބިންގާ ނަމެއްގައި އެޅުނުއިރު، ނަމުން ޑިމޮކްރަސީއެވެ. ކަމުން ވެރިކަމުގެ ފުރަމާނީ ބާރާއި، ވިސްނުން ހުރީ ތީމުގޭ މަހަކަލަ މިންޖާގެ ރަސްކަމުން ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު އަބްދުލް ޤައްޔޫމާއި ހަމަޔަށް ވެސް، ބޯދާޝާހީ ބިންގާ މަތީގައެވެ. ނަމެއްގައި ޖުމުހޫރިއްޔަތުގެ ބިންގާ އެޅުނުއިރު ވެސް، ވެރިންގެ ވިސްނުމާއި ސިޔާސަތު ފިޔަޖަހަމުން އައީ އިސްވެ ނަންގަނެވުނު ބޯދާ ވިސްނުމުގެ މަތީގައެވެ. ތިމާއުޅޭ ރަށާއި ތިމާޔަށް ދުރުން ފެންނަ ސަރަހައްދު ފިޔަވައި އެހެންތަނެއް ނުފެންނަ ބައެއްގެ ގޮތުގައެވެ. މިފަދަ ދޯދިޔާ ވިސްނުން ތަކުގެ މައްޗަށް ދިވެހިދައުލަތް ހިންގުމުގެ މުސީބާތް މިއަދު އުއްމަތަށް ކުރިމަތި ވެފައިވާކަމީ، ރާއްޖޭގެ ދެކޮޅުން ފެންނަން ހުރި ހަގީގަތެވެ. ރާއްޖޭގެ އުތުރުވަނީ، ފަޅުވެފައެވެ. ދެކުނު ވަނީ، ފަޅުވެފައެވެ. ޙާއްސަކޮށް، މިދިޔަ 30 އަހަރުތެރޭގައި މިނަން ގަނެވުނު ބޯދާ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ އުތުރާއި ދެކުނުގެ އުމުރާނީ ކުރިއެރުން ޚަރާބުވެ 2 އަކަކިލޯ މީޓަރު ހަމަނުވާ މާލެއަށް ރާއްޖޭގެ އެތައްބަޔަކު ހިޖުރަކުރަން ޖެހުމުގެ ސަބަބުން ދިވެހިއެތައް ޢާއިލާއެއްގެ އިއްޒަތާއި ގަދަރު ޙަރާބުވެ ބޮޑުވެގެންވާ އިޖުތިމާޢީ ހުސްކަމެއްގެ ތެރެއަށް ގައުމު ވެއްޓިފައި ވާކަމީ ރާއްޖޭގެ ގިނަ އާއިލާތަކަށް ވިސްނާއިރު، ދިވެހިދައުލަތުގެ މަތިވެރި އަމާނާތް ރައްޔިތުންގެ މައްޗަށް އަދާ ކުރުމުގައި ގައުމުގެ ސިޔާސަތު ރާވާ ހިންގެވި ވެރިންގެ ދޯދިޔާ ވިސްނުން ސާބިތު ކޮށްދޭ ކަމެކެވެ.
މިއަދު އަޅުގަނޑުމެން ވިސްނަންވީ މިދެންނެވި ހާލަތަށް މިގައުމު ވެއްޓުނު ސަބަބުތަކާއި މެދުގައެވެ. އެސަބަބުތަކަކީ ކޮބާތޯ ބަލާ ހޯދުމެވެ. މިފަދަ ބޯދާ ޖާހިލު ވިސްނުން ދޫކޮށް، ކުޑަސިޓީ ހެދުންފަދަ ޖާހިލު ވިސްނުމާއި އެފަދަ ސިޔާސަތުން ދުރުވެ އަލުން މިގައުމު އާރާސްތު ކުރެވޭތޯ ރަނގަޅު ސިޔާސަތު ރާވާ ހިންގުމެވެ. ލާމަރުކަޒީ އުސޫލުތަކުގެ މައްޗަށް ދިވެހިދައުލަތް ހިންގުމެވެ. ހަގީގަތުގައި ރާއްޖެއަކީ ކުޑަ ގައުމެއްނޫނެވެ. ތިލަދުންމަތީ ތުރާކުނުން އައްޑޫގެ ނިޔަލަށް 95000 އަކަ ކިލޯމީޓަރު އެބަހުއްޓެވެ. ރާއްޖޭގެ ބޮޑުބަޔަކީ، ކަނޑު ކަމަށް ވީހިނދު، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ޒަރޫރީ ކަންކަމާއި ވަޒީފާ އަދާކުރުމާއި، ވަޒީފާ ލިބިގަތުމާއި ތަޢުލީމު ލިބިގަތުމާއި ސިއްޙީ ޚިދުމަށް ލިބިގަތުމީ ބޯދާ ސިޔާސަތުގެ ތެރެއިން ދިވެހި އުއްމަތުގެ މައްޗަށް ޒަމާނާއި އެކަށޭނަ ގޮތުންވެސް އުނިވެފައި އޮތް އަސާސީ ހައްގުތަކެވެ ބޮޑު ޖަރީމާއެކެވެ. ގައުމެއްގައި ސަރުކާރެއް ދެމިއޮތުމުގެ ބޭނުމަކީ، ރައްޔިތުންގެ މައްޗަށް ދައުލަތުގެ މަތިވެރި އަމާނާތް އަދާ ކުރުމާއިއެކު، ރައްޔިތުންނަށް ޚިދުމަތް ކުރުމެވެ. ހަގީގަތުގައި ދިވެހިރައްޔިތުންގެ ހަމަޖެހުމާއި މިގައުމުގެ މުސްތަގުބަލް ބިނާވެގެން ވަނީ، މިގައުމުގެ ވެރިކަން ލާމަރުކަޒީ އުސޫލުން ހިންގައި ދިވެހިދައުލަތުގެ މަތިވެރި އަމާނާތް އާއްމުކޮށް ރާއްޖޭގެ އެންމެހާ ރައްޔިތުންގެ މައްޗަށް ފުރިހަމައަށް އަދާ ކުރެވިގެންނެވެ.
ވީހިނދު، އަދުގެ ސަރުކާރުން މިފަދަ ލާމަސީލު ސިޔާސަތެއްގެ މައްޗަށް ދިވެހިދައުލަތް ހިންގުމުގެ ތައްޔާރީތައް ވަމުންދާ އިރު، މުޅިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ފަހިވެގެންދާނެ މިފަދަ ސިޔާސަތު ތަކާއިމެދު ވިސްނުމެއް ނެތި އިދިކޮޅަށް ފާޑުކިޔުމީ އުއްމަތުގެ ހެވާއި ލާބަޔަށް ބަޔަކު ހުރަސް އެޅުމެވެ. 3000 ނުވަތަ 2500 އަހަރުވީ ބޯދާ ގައުމެއްގެ ކުރިއެރުމާއި ތަރައްގީ ރައްޔިތުންނަށް މުސީބާތަކަށްވީ ބޯދާ ޝާހީ ވިސްނުން ތަކުގެ މައްޗަށް ދިވެހިދައުލަތް ހިންގުމުގެ ސަބަބުންނެވެ. މިއަދު ގައުމު ތަރައްގީ ކުރުމަށްޓަކާ ޢިބުރަތް ހާސިލު ކުރަންވީ ތޮއްޖެހިފައިވާ މާލެއިންނެވެ. ލާމަރުކަޒީ އުސޫލުތަކާއި ނުލާ ގައުމުގެ ހަމަޖެހުމާއި ކުރިމަގެއް ނެތެވެ. ޔަގީނުން ވެސް ގައުމުގެ ހަމަޖެހުން ނިސްބަތް ވަނީ، ލާމަރުކަޒީ އުސޫލުތަކުގެ މައްޗަށް ތަންދެވި ގެންނެވެ. ވީހިނދު އެމްޑީޕީ އިއްތިހާދީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތު ގަބޫލު ނުކުރުމަށް އޮތް ބަހަނާއަކީ ކޮބާހެއްޔެވެ؟ އިއްޒަތްތެރި ރައީސެވެ’ ދިވެހި ދައުލަތް ހިންގުމަށްޓަކާ ގާނޫނީ ތަރަހައިގެ ތެރެއިން މަނިކުފާނަށް ލިބިފައިވާ އެންމެހާ ގާނޫނީ ބާރުތައް ކަސިޔާރު ކުރުމެއް ނެތި ލާމަރުކަޒީ އުސޫލުން އަވަހަށް މިދައުލަތުގެ މައްޗަށް ތަންފީޒު ކުރައްވާށެވެ. ޔަގީނުން ވެސް މަނިކުފާނުގެ ޚިދުމަށް ދިވެހި ތާރީޚުގެ ތެރެއަށް ދާނީ މުޅި އުއްމަތް ސިޔާސީ ގޮތުންނާއި އިޖުތިމާޢީ ގޮތުންނާއި އިގުތިސާދީ ގޮތުން އެއް އުއްމަތަކަށް ހެއްދެވި ވެރިއެއްގެ ގޮތުންނެވެ.
Comment by Hassan Mahir/Huludoo — Saturday, February 13, 2010 @ 2:09 am
މިރާއްޖޭގައި ވެރިންނަށް ގަދަރު ނުލިބުނީ، ދަންތުރަ ސިޔާސަތުގެ ސަބަބުންނެވެ. ބޯދާ ޒަމާނުގައި ވެސް އިންސާނުންނަށް އެންމެ ބޮޑު އުނދަގުލަކަށް ވެއޮތީ އިންސާނުންގެ މެދުގައި އޮތް ޖަންގަލީގެ ގާނޫނު ނައްތާލުން ކަމަށް ވިހިނދު، މިއަދުވެސް އެފަދަ ފިކުރު އިންސާނުންގެ ކިބައިން ނައްތާލުމަކީ، ހަގީގަތުގައި ފަސޭހަކަމެއް ނޫނެވެ. މިއުސޫލުން ވިސްނާއިރު، ދިވެހިދައުލަތް ކުރިން ހިންގެވި ވެރިންގެ މައްޗަށް ވެސް ޝުޙުރަތެއް ނެތެވެ. އެފަދަ ވެރިންނަށް އިހުތިރާމާއި ގަދަރު ނުލިބުނީ، ދައުލަތާއި ރައްޔިތުންނަށް ކުރިއެރުންތައް ހޯއްދަވާ ދެއްވުމުގައި އިހްމާލުވެ ފަރުވާ ކުޑަކުރުމުގެ ސަބަބުންނެވެ. ޔަގީންވާ އެއްކަމެއް އެބައޮތެވެ. ރަސްރަސްކަލުންނާއި އަމީރުންނާއި އަދި އަމީރާއިންގެ ކިބައިންވެސް ވަރަށް މަދު ޝާހީ ރަސްކަލެއްގެ ކިބައިން މެނުވީ ދިވެހި އުއްމަތައް ޒަމާނާއެކަށޭނަ ގޮތުންވެސް ގައުމީ ތަރައްގީއަށް ކުރިއެރުން ލިބިފައިނެތެވެ. ދިވެހި ރައްޔިތުންގެ ވެރިކަން ހިންގުމުގެ ޝާހީ އުސޫލުތައް ނައްތާލުމުގެ ފިކުރު ހިތުތެރޭގައި ސިއްރެއްގެ ގޮތުގައި އޮވެމެ އެފިކުރު ހާމަކުރުމަކީ، ފުރާނަ ދިއުންކަމުގައި ގަބޫލުކޮށް މުސްކުޅި ކާބަފައިން މިދުނިޔެ ދޫކޮށްފިއެވެ. މީލާދީ ސަނަތުން 16 ވަނަ ގަރުނުން 19 ވަނަ ގަރުނާއި ހަމައަށް ރާއްޖޭގެ ވިޔަފާރީގެ މުގޫ އޮތީ ރައްޔިތުންގެ އަތް މަތީގައިކަން މުސްކުޅި ވިޔަފާރީގެ މައްޗަށް އާދަމް ހަލީމު 13 ފެބްރުއަރީ 2010 ގެ ހަވީރު ނޫހުގައި ލިއުއްވާފައިވާ ލިއުމުގައި އެބައޮތެވެ. ސުއާލަކީ، ދިވެހިންގެ އަތްމަތީގައި އޮތް ވިޔަފާރީގެ މުގޫ ދިވެހިންގެ އަތްމަތިންބީވެ ދިޔައީ ކީއްވެހެއްޔެވެ؟ މައްސަލަތައް ވަރަށް ސާފެވެ. މުސްކުޅި އައްޑޫ ހަރުބަހެއްގައި އޮވެއެވެ. ބުއްދިވެރި މީދާވެސް އޭތި އާއްމުކޮށް ދިރިއުޅޭ ރުކުގެ ކާށި ކާ ނަހަދާނެއެވެ. ކީއްވެ ހެއްޔެވެ؟ ރުއްވެރިޔާ ރުއްސާފުކޮށް އެސޮރުގެ ދިރިއުޅުން ބަދަލު ކުރްނަޖެހި ދާނެތީއެވެ. ދަންނަ ވަންތޯއެވެ؟ ރާއްޖޭގެ ފުރަމާނީ ވެރިކަމުގެ ބާރުތަކާއި ހަވާލުވީ ވެރިންނަށް ވެރިކަމުގެ މަތިވެރި ވާޖިބު އަދާކުރުމުގައި އުއްމަތުގެ މައްޗަށް މިވަރުވެސް ނުވިއެވެ. ދައުލަތް ހިންގުން ސަރުކާރަކާއި ހަވާލުކުރަނީ، ރައްޔިތުންނާއި ދައުލަތައް ވެރިމީހާގެ ރީތިކަމާއި ޗާލާކީނުކަން ދެކޭކަށް ނޫނެވެ. ވެރިއެއްގެ ކިބައިން ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ލިބިގަތުމެވެ. ޅޮސްގަހަކުން ދޭފަތެއް ހަދަންނޭގުނު ކިއްސަރު ވަޑާމަށް ދަޢުވާކުރި މާވަޑިޔާއަށް ޅޮސްގަސް ހުސްވީއިރު، ދޭފަތް ނެހެދުނު ބީދައިން، މިގައުމު ހިންގި ވެރިންނަށް ރައްޔިތުންގެ ގަދަރު ލިބޭނެ ހެއްޔެވެ؟ މިފަދަ އުސޫލެއްގެ މައްޗަށް ހިގަމުން ދިޔަ ވެރިކަމެއްގެ ތެރޭގައި ދިވެހި އުއްމަތް ތާށިވެ އޮންނަތާ 2500 އަހަރުވީ ހިނދު، ދިވެހިންގެ ފުދުން ތެރިކަމާއި، ތަނަވަސްކަން ވަނީ ބައިގަރުނަށް ފަހަތައް ސޮއްސާލާ ފައެވެ. އައުފެށުމަކުން ގައުމުއޮތީ ފަށަންޖެހި ފައެވެ. ކަންއޮތީ މިހެންކަމުގައި ވިޔަސް ބޭރުފުށުން ތަރައްގީގެ ގިރިޓީ ދެއްކުމުގެ ސަބަބުން ރައްޔިތުންގެ ބޭނުންތައް މިއޮތީ އާސްމާނު މަތީގައެވެ. ތެދެކެވެ’ ފޮރިންއިންވެސްޓް މަންޓުގެ އަމާޒަކީ، ﷲ އަށްޓަކާ ކުރާކަމެއް ނޫނެވެ ކިއެއްތަ’ އެފަދަ ވިޔަފާރީގެ ޕްރޮފިޝަނަލިޒަމްގެ ހިކުމަތަކީ، ފިނިހަނގުރާމަ ނިމި ދުނިޔޭގެ ވިޔަފާރިއަށް އައި ބަވަނަ ކުރުމުގެ ސިޔާސަތުގެ ތެރެއިން ދުނިޔެ ކޮލޮނައިޒް ކުރުމުގެ ބިރުވެރިކަން ނެތި އެއް ދުނިޔެއެއްގައި އުޅުމުގެ ވިސްނުމުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީވުމުގެ ގޮތުން ދެފަރާތައް މަންފާޢަ ލިބިގަތުމަށް ކުރާކަމެކެވެ. އަދަކީ ވޯރާ ވިޔަފާރީގެ ޒަމާނެއް ނޫނެވެ. ނުވަތަ ފިނި ހަނގުރާމައިގެ ދުވަސްވަރެއް ވެސް ނޫނެވެ. ގައުމުތަކުގެ އިންފްރާސް ޓްރަކްޗަރ ޕްރައިވަޓައިޒް ކުރުމުގެ ވިސްނުން އިންސާނުންނަށް އައީ ކީއްވެހެއްޔެވެ؟ އިންސާނީ ތަޖުރިބާއިންނެވެ. ސަބަބު” ސަރުކާރަކީ ތަންފީޒީ ބާރެއްގެ ގޮތުގައި އޮވެ ދައުލަތް ހިންގާ ފަރާތަކީ ވެސް ސަރުކާރުކަމަށް ވުމަކީ، ދައުލަތެއްގެ މުދަލާއި ފައިސާއަށް ޚިޔާނާތް ތެރިވުމަށް ސަރުކާރުގެ އިސްވެރިންނަށް ފުރުސަތު ބޮޑުވާކަމެކެވެ. މިރާއްޖޭގެ ތަޖުރިބާއިން، މިހަގީގަތުގެ މައްޗަށް ތަޖުރިބާ ހޯދާށެވެ’ މައިގަނޑު ގޮތެއްގައި ޕްރައިވަޓައިޒް ކުރުމުގެ ހިކުމަތަކީ، މިއީއެވެ. އާނއެކެވެ’ ދިވެހި ދައުލަތުގެ ވެރިކަމުގެ ބާރުތައް ހިންގުން މިއޮތީ އަނެއް ރާއްޖޭގައެވެ. ބަލަން ތިބޭށެވެ ބުލްބުލްތަކާ ކޮކާތައް އުދުހޭނެއެވެ. އެކަމަކު ތިޔަފަދަ ވިސްނުން ދޯހަޅި ބަޔަކަށް އެދުވަސް ގަބޫލު ކުރާކަށް އެނގިވަޑައި ނުގަންނަ ވާނެއެވެ. ހަވީރު ނޫހުގެ ކޮލަމްގެ އަލިފު މިނަމުގައި ދެވަނަ ވިސްނުމަކަށް މިސުރުޙީގެ ދަށުން ލިއުއްވި ލިއުންތެރިޔާއަށް ސާބަހެވެ.
Comment by siyaasee murushidu/ Huludoo — Saturday, February 13, 2010 @ 3:00 pm
މަލްޓިޕާޓީ ނިޒާމުގެ މައްޗަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެރިކަން ހިންގުމުގެ އުސޫލުތައް ސިޔާސީ މުފަތްކިރުން ތަޢާރަފް ކޮށްފައި ވަނީ، ކޮންބޭނުމެއްގައި ތޯއެވެ؟ އޮޅުމެއް ނެތެވެ. އެކަމުގެ ހަގީގީ ޙިކުމަތަކީ، ވާދަވެރި ރޫޙެއްގައި ފުރޭނިގެން އެތައް ޕާޓީއެއްގެ ތެރެއިން ސިޔާސީގޮތުން ދައުލަތް ހިންގާދޭނެ އެންމެ ރަނގަޅު ހުށަހެޅުންތަކެއް ހުށަހެޅުއްވި ޕާޓީއަކަށް ދައުލަތް ހިންގުމުގެ ފުރުޞަތު ފަހިކޮށް ދިނުމެވެ. އަދި އެފަދަ ޕާޓީއަކަށް ނިސްބަތްވާ ބޭފުޅަކު އިންތިޚާބު ކުރުމެވެ. ހަގީގަތަކީ، މިއީ ކަމަށްވާއިރު، އެމްޑީޕީ އިއްތިހާދެއްގެ ތެރެއިން ރައްޔިތުންގެ ފެންނަ ނުފެންނަ އާއްމު ވޯޓަށް ގޮސް ރައްޔިތުންގެ އަޣުލަބިއްޔަތުން އިންތިޚާބު ކުރެވުނު ދެވަނަ ޖުމުހޫރިއްޔާގެ 3 ވަނަ ރައީސްއަކީ، ގާނޫނީ ހަމަތަކުގެ މަތީން ގައުމުގެ ރައީސުލް ޖުމުހޫރިއްޔާ ކަމުގައި ވީހިނދު، އެ މަނިކުފާނަށް ވޯޓް ނުދޭ ފަރާތްތަކުން ވެސް، އިޙްތިރާމާއި ގަދަރުދޭން ޖެހެއެވެ. އެހެނީ، އެއީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ރައްޔިތުންގެ ތެރެއިން އަޣުލަބިއްޔަތު ހޯދިފަރާތް ކަމުގައި ވާތީއެވެ.
ހަގީގަތުގައި މިއަދު އެމަނިކުފާނަކީ، ރައްޔިތުން ފަޚުރުވެރި ވާންޖެހޭ، މިގައުމުގެ ރައީސުލް ޖުމުހޫރިއްޔާ އެވެ. މިއީ ޑިމޮކްރަސީގެ މައިގަނޑު އަސާސްތަކުގެ ތެރެއިން މުހިއްމު އެއްބައެވެ. ނުވަތަ ޑިމޮކްރަސީގެ ހަމަތަކެވެ. ދެވަނަބަޔަކީ، އަޣުލަބިއްޔަތު ނުލިބޭ ފަރާތެވެ. އެފަރާތުން ވެސް، އަޣުލަބިއްޔަތު ލިބުނު ފަރާތަށް އިހުތިރާމް ކުރަން ޖެހެއެވެ. އެއްބާރުލުން ދޭންޖެހެއެވެ. އަޣުލަބިއްޔަތުން އިންތިޚާބުވީ ސަރުކާރު ގަބޫލުކުރަން ޖެހެއެވެ. ސަބަބަކީ ކޮބައިތޯއެވެ؟ ސަބަބަކީ ގިނަބަޔަކަށް ފެންނަ ނުވަތަ ގިނަބަޔަކު ދެކޭގޮތަކީ އެންމެ ރަނގަޅުގޮތެވެ. އެހެނީ، ކަންކަމުގެ މަސްލަހަތު ދެމިއޮންނާނީ އެގޮތުގައި ކަމަށްވާތީއެވެ.
ކަންއޮތީ، މިހެންކަމުގައި ވީހިނދު، މިއަދު އަޅުގަނޑުމެންގެ ތެރެއިން ފެނިގެން މިދަނީ، ތަފާތު މަންޒަރު ތަކެވެ. އެހެނީ، 1978 އަހަރު ދިވެހިރާއްޖޭގެ ޖުމުހޫރީ ވެރިކަމާއި ހަވާލުވި ކުރީގެ ސަރުކާރު 30 އަހަރުފަހުން ގާނޫނީ ހަމަތަކުގެ މަތިން ސަރުކާރު ވެރިކަމުން ދުރުކޮށް، އައު ސަރުކާރަކާއި ވެރިކަން ރައްޔިތުން ހަވާލުކުރި ހިނދު، އަޣުލަބިއްޔަތު ނުލިބުނު ފަރާތްތަކުން މިއަދު މުޖުތަމަޢުގެ ތެރޭގައި ދައްކަނީ، ތަފާތު ވާހަކައެކެވެ. ތިމެންނަމެން މިސަރުކާރަކަށް ވޯޓުނުދެމެވެ. މިއީ ތިމަންމެން ގަބޫލުކުރާ ސަރުކާރެއް ނޫނެވެ. ތިމަންމެން ގަބޫލުކުރާ ވެރިއެއްނޫނެވެ. މިއީ ހިތާމަކުރަން ޖެހޭ، ފަދަ ވިސްނުމެއްގެ މައްޗަށް ދެކެވޭ ބޮޑެތި އަނާޅީން ދައްކާ ވާހަކަތަކެވެ.
އަޅުގަނޑުގެ ނަޒަރުގައި، އެފަދަ ވިސްނުން މުޖުތަމަޢަށް ވެރިވެފައި ވަނީ، އެކަކު 30 އަހަރު ވެރިކަން ކުރުމުގެ ސަބަބުންނެވެ. ހަގީގަތުގައި ޓާމްސް ލިމިޓުކުރުމުގެ ހަގީގީ ހިކުމަތަކީ، ގައުމެއްގައި ވެރިކަން ކުރައްވާ ވެރިންނަށް ޚުދުމުޚުތާރު ވިސްނުން ތަކުގެ މައްޗަށް ފުރުސަތު ނުދިނުމެވެ. އެހެނީ، ޚާއްސަކޮށް ތިންވަނަ ދުނިޔޭގެ ގިނަ ގައުމުތަކުގައި މިފަދަ ދިގު މުއްދަތަކަށް މީހަކުވެރިކަން ކޮށްފިނަމަ، އެމީހަކީ، ރަސްކަލެއްގެ ގޮތުގައި މުޖުތަމަޢުގައި ބަލައިގަތުމުގެ ބިރުއޮތުމާއި، ޚުދުމުޚުތާރުވުމަށް މަގުފަހިވާތީއާއި، ގައުމުގެ ޚަޒާނާކާ ހުސްކުރުމުގެ ފުރުސަތު ފަހިވުމާއި، އެފަދަ މީހެއްގެ ދެފަރާތުގެ އާއިލާތަކުގެ މީހުންނަށް ސަރުކާރުގެ މަތީ މަގާމުތައްދީ ރައްޔިތުންނާއި ދައުލަތުގެ ކުރިއެރުމަށް ހުރަސްއެޅޭ ފަދަ މަކަރުވެރި ފުރުސަތު ފަހިވާތީ، އެފަދަ ބާޠިލު ފާސިދު ވެރިންގެ ކިބައިން މުޖުތަމަޢު އެއްކިބާ ކުރުމެވެ. ވީހިނދު، މިފަދަ ޕޮލިޓިކަލް ސައިންޓިފިކް އުސޫލުތަކާއި ޚިލާފަށް މުޖުތަމަޢުގެ ތެރޭގައި މަތީގައި ނަންގަނެވުނު ފަދަ ވާހަކަދައްކާ މީހުންނީ މުޖުތަމަޢަށް ނިސްބަތްވާ ބޮޑެތި ޖާހިލުންނެވެ. އެއީ ވެރިކަމަށް ފާޑުކިއުމެއް ނޫނެވެ. ހަގީގީ ފާޑު ކިއުމަކީ، ބިނާކުރަނިވި އުސޫލުން ސަރުކާރަށް ފާޑުކިއުމާއި ސަރުކާރަށް މަގުދެއްކުމެވެ.
ހަގީގަތުގައި މިއަދު ދިވެހިރައްޔިތުން އިޙުތިރާމް ކުރަންޖެހޭ، ވަރަށް މުހިއްމު ކަމެއް އެބައޮތެވެ. އަޣުލަބިއްޔަތައް ތަބާވުމެވެ. އަޣުލަބިއްޔަތުން އިންތިޚާބު ކުރެވުނު ސަރުކާރަށް އެއްބާރުލުން ދިނުމެވެ. އެހެނީ، މި ސަރުކާރުން އިންތިޚާބުގައި ވާދަ ކުރިއިރު، ރައްޔިތުންނަށްވީ ވަޢުދު ސަރުކާރަށް ފުއްދޭނީ، އެކަށީގެންވާ ވަގުތު ސަރުކާރަށް ދެވިގެންނެވެ. ދުނިޔޭގެ އެތަންމިތާގައި ޢައިރު ދީންތަކުގެ އަހުލުވެރިން ވެސް އެދައްކާ ރިވެތިނަމޫނާ ނިކަން ދެކޭށެވެ’ ދާދިފަހުން އެމެރިކާގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި ރިޕަބުލިކަން ޕާޓީން ވާދަކުރި މެކޭންއާއި ޑިމޮކްރަޓިކް ޕާޓީން ވާދަކުރި މިސްޓަރ އޮބާމާ އިންތިޚާބު ކާމިއާބު ކުރެއްވުމުން ދެފަރާތުން އެދެއްކެވި ރީތި ނަމޫނާ ދެކޭށެވެ. އަޅުގަނޑުމެން ކުރީގެ ސަރުކާރު ބަދަލުކުރުމަށް ތަފާތު އެތައް މަސައްކަތް ތަކެއްކުރީ މިރާއްޖޭގައި ކުރިންއޮތް ބޯދާ ދުނިޔެ ގަބޫލުނުކުރާ ވެރިކަން ހިންގުމުގެ އުސޫލުތައް ނައްތާލުމަށް ޓަކައެވެ. 21ވަނަ ގަރުނުގެ ޑިމޮކަރަސީ ތަރައްގީ ވަމުންއަންނަ ގައުމުތަކުގެ ބައެއް ރައްޔިތުންނަށް ގަބޫލު ކުރެވޭނީ، ތަންކޮޅެއް ފަހުންނެވެ. ނަމަވެސް 4 އަހަރުފަހުން މިސަރުކާރަށް ކުރެވުނީ ކޮންކަމެއްތޯ ސުއާލު ކުރައްވާށެވެ.
ޙަގީގަތުގައި އަޅުގަނޑު މިސަރުކާރަށް ސަޖިދަ ޖަހަނީއެއް ނޫނެވެ. ނުވަތަ ބޮޑު މަގާމެއް ލިބި އެކަމުގެ ލާލަޗުގައި ބުގިސްވެ ހަމަބުއްދި ފިލާދަނީ އެއްވެސް ނޫނެވެ. އަޅުގަނޑަކީ، މަގާމެއް އޮތް މީހެއްވެސް ނޫނެވެ. އަޅުގަނޑު މިސަރުކާރަށް ތާއިދުކުރަނީ، މިސަރުކާރުގެ ސިޔާސަތާއި މެނިފެސްޓޯގައި ހިމެނޭ ވަޢުދުތަކުގެ މައްޗަށެވެ. ހަގީގަތުގައި މިސަރުކާރުގައި އަޅުގަނޑު ގަބޫލުނުކުރާ ކަންނުވެ ނަންވެގެން ބޮޑެތި މަގާމު ތަކުގައި ތިއްބެވި ބޭބޭފުޅުން ވެސް އެބަ އުޅުއްވައެވެ.
Comment by Boduhelavan / Huludoo — Saturday, February 13, 2010 @ 7:18 pm
މިއަދު މިޤައުމުގެ ޢިޖުތިމާއީ ހާލަތު އޮތްގޮތުން އުއްމަތުގެ މައްޗަށް ހަމައެކަނި ޢިޖުތިމާޢީ އަދާލަތު ގާއިމުކޮށް ދެވޭނީ ހަމައެކަނި ލާމަރުކަޒީ އުސޫލުތަކުގެ މައްޗަށް އެމްޑީޕީގެ ސިޔާސަތު ތަންފީޒްކޮށް ގެންނެވެ. މިރާއްޖޭގެ ހޮސްޕިޓަލް ތަކާއި، އެއަރޕޯޓް ފަދަ ތަންތަން ޕްރައިވަޓައިޒް ކުރެވިގެންނެވެ. މިހަޤީގަށް އޮޅުވުމަށްޓަކާ ބޯދާ ވިސްނުންތަކުގެ މައްޗަށް ޖާގަ ހޯދުމަށް މިސަރުކާރުގެ ސިޔާސަތާއި ދެކޮޅަށް މުޅިގައުމުގައި ނަޢަރާކުރާ މީހުންނަކީ، އުއްމަތުގެ ދުޝްމަނުންނެވެ. މިއަދު ރާއްޖޭގެ ލޮބުވެތި ރައްޔިތުންވަނީ، ޤާނޫނީ ގޮތުން ދަޢުލަތް ހިންގުން 5 އަހަރުގެ އެއްދައުރަށް އެމްޑީޕީ އިއްތިޙާދީ ސަރުކާރާއި ހަވާލުކޮށް ފައެވެ. މިސަރުކާރުގެ ފަސްއަހަރުގެ ނަތީޖާ ދެކެން ކެއްތެރިވެ ރައްޔިތުން ތިބެންވީއެވެ. ޔަޤީނުން ވެސް، އެމްޑީޕީގެ ސިޔާސަތަކީ، ލާމަރުކަޒީ ސިޔާސަތުގެ ތެރެއިން މިގައުމު ތަރައްޤީ ކުރުންކަމަށް ވީހިނދު، މިސިޔާސަތުގެ މައްޗަށް އޮތީ ކޮންބަހަނާއެއް ހެއްޔެވެ؟ ސިޔާސީ ކަންކަމުގައި އަޅުގަނޑު މެންގެ ވިސްނުން ހުރީ މީހާއަށް ތާއިދުކުރާ ވިސްނުމެވެ. ހަގީގަތުގައި ތާޢިދުކުރަން ޖެހެނީ، މީހަކަށް ނޫނެވެ ތާއިދު ކުރަންޖެހެނީ ޢަމަލުކުރަން އެކަށަ އަޅާފައި އޮންނަ ގާނޫނީ ސިޔާސަތުގެ މައްޗަށެވެ.
Comment by Gahleeshaa/ Huludoo — Sunday, February 14, 2010 @ 12:39 am
ވިސްނަމާތޯއެވެ؟ މަޢުމޫނުގެ ވެރިކަމުގައި ޤަޢުމުގެ އަސްކަރިއްޔާ އޮތީ ވެރިކަމުގެ ނުފޫޒުތަކުގެ ތެރޭގައެވެ. ނަމަވެސް މިއަދުގެ ޤާނޫނު އަސާސީ އެފަދައިން، އަދުގެ ސަރުކާރަށް ތަނެއްނުދެއެވެ. އަޅުގަނޑުގެ ނަޒަރުގައި، ޤައުމެއްގެ އަސްކަރީ ބާރުތަކުގެ ޙަގީގީ މަޤުސަދަކީ ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގައި 237 ބުނާފަދައިން، ދިވެހި ރާއްޖޭގެ އަމިއްލަވެރިކަން ރައްކާތެރިކޮށް، ސަރަޙައްދުގެ ރައްކާތެރިކަން ދަމަހައްޓައި، ޤާނޫނު އަސާސިއާއި ދިމޮޤްރާތީ މުއައްސަސާތައް ޙިމާޔަތްކޮށް، ޤާނޫނު ދަމަހައްޓައި، ތަންފީޛްކޮށް، އަމަންއަމާންކަން ދަމަހައްޓައި، އަދި ކުއްލި ހާލަތްތަކުގައި ސަލާމަތީ ޙިދުމަށްތަކުން އެހީތެރިކަން ދޭންވާނެއެވެ. މިހެންނެވެ. ވީހިނދު، ގައުމުގެ އަސްކަރީ ބާރަކީ ދައުލަތުގެ މަތިވެރި އަމާނަތެކެވެ. އެއީ ރައްޔިތުންނާއި ދައުލަތުގެ ދިފާޢުގައި ޤުރުބާން ތަކެއްވުމަށް ޤާނޫނީ ގޮތުން ވަކިޙާއްސަ ހުވައެއް ކޮށްގެން ދެމިއޮންނަ ގާނޫނީ ވަކިބާރަކަށް ވީހިނދު، ޤައުމުގެ އަސްކަރީ ބާރަކީ، ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ސިޔާސީ ޕާޓީތަކުގެ މެދުގައި ވާދަވެރި ރޫޙެއްގައި އަބަދުވެސް ބަދަލުވަމުން އަންނަ ވެރިކަމުގެ ޠަބީޢީ އުސޫލުތަކުގެ ތެރެއަށް ވަދެ އެއްވެސް ސިޔާސީ ޕާޓީއެއްގެ ސިޔާސީ ވަކި މަސްލަޙަތެއް ދެމެހެއްޓުމުގެ އެއްވެސް ދައުރެއް އަދާކުރަން ޖެހޭ ބާރެއްނޫނެވެ. އެފަދަ ވިސްނުމެއްގެ ތެރެއަށް އަސްކަރީ ބާރު ވަދެގަތުމަކީ، ވެރިކަން ހިންގުމުގެ ޑިމޮކްރަސީގެ ތަހްޒީބް އުސޫލުތަކުގެ މައްޗަށް ހިޔަނި އެޅިގެން ދިއުމެވެ. ނަމަވެސް ޑިމޮކްރަސީގެ ރިވެތި އުސޫލުން އަޢުލަބިއްޔަތުން އިންތިޙާބު ކުރެވޭ ސަރުކާރެއް ޤާނޫނީ ޙުދޫދުތަކުގެ ތެރޭގައި މަސްޢޫލިއްޔަތު އަދާކުރާހާ ހިނދަކު، ޤާނޫނީ ވެރިކަން އަދާ ކުރެވޭނެ އެންމެހާ މިނިވަން ވެއްޓެއް އެ ސަރުކާރަކަށް ޤާއިމުކޮށް ދިނުމަކީ، އިސްވެބަޔާން ކުރެވުނު 237 ވަނަ މާއްދާގައި ބުނާފަދައިން، ދިވެހިރާއްޖޭގެ އަމިއްލަވެރިކަން ރައްކާތެރިކޮށް ދިނުމަކީ، ޤައުމީ އަސްކަރިއްޔާގެ އިސް މަސްއޫލިއްޔަ ތަކަށް ވާންޖެހޭ އިރު، މިއީ އަސްކަރިއްޔާ ހިންގުމުގެ ޤާނޫނީ ސިޔާސަތުގެ ތެރޭގައި ނުވަތަ އަސްކަރީ ޖެނެރަލުންގެ ވިސްނުން ފުޅުގައި ލާމެހިފައި އޮންނަން ޖެހޭ، މުހިއްމު އަސްކަރީ މަސްދަރެކެވެ.
Comment by Mahir/ Huludoo — Sunday, February 14, 2010 @ 1:29 am
ޑިމޮކްރަސީ ގެނެސް ދެއްވި ބަތަލުންނަށް ވޯޓު ދިނުމަކީ މުހިންމު ކަމެއް ކަމުގައި ގަބޫލުކުރަމެވެ. ނަމަވެސް ވެރިކަން ހަމަ ބަދަލުވުމާއި އެކު ކުރިން ޑީ.އާރ.ޕީ ގައި ތިބިބަޔަކު ކުލަ ބަދަލުކޮށް ޕާޓީގެ ތިބި ބައެއްގެ ނުފޫޒުން ކައުންސެލަރުންނަށް އައްޔަންކޮށް ހެދީމާ ކުރިން ދިމޮކްރަސީ ގެންނަށް މަސައްކުރި ބަތަލުންނަށް ކުރަމުންދާ ޖެއްސުމަކީ ޕާޓީގެ އަޚުލަބިއްޔަތު މަޖުލީހުން ގެއްލެން ދިމާވި ކަމެކެވެ. އަދި މިމައްސަލަ ކުރިއަށް އޮތް ރަށު ކައުންސިލާއި އަތޮޅު ކައުންސިލްގެ އިންތިޚާބުގައި ދިމާވާނެއެވެ. މިދެންނެވި ހެން ކުރިން މައުމޫނާއި އެކު އުޅުނު ބައިގަޑެއް ވަޒީފާގެ ބޭނުމުގައި އެމް.ޑީ.ޕީ އަށް ވަދެ ޕާޓީއަށް ގެއްލުންދިނުމަށް ހިންގާ ފަސާދަ ނުހުއްޓުވިއްޖެނަމަ ވަރަށް ބޮޑަށް ޕާޓީ ތެރޭގައި ބައިބައިވުން އުފެދި ޕާޓީގެ މަގުސަދާއި ޚިލާފު ވާތަން ފެންނާނެ ކަމާއި މެދު ޝައްކެއްވެސް ނެތެވެ. އަޅުގަޑު ރައީސް ނަޝީދަށް ގޮވާލަން ބޭނުންވަނީ ސިޔާސީ މަގާމުތަކުގައި ތިއްބެ ބޭފުޅުން ކަންތައްކުރައްވާގޮތް ބައްލަވައި ވަގުތުން ފިޔަވަޅު އެޅުމަށާއި ލޯކަލް އިލެކްޝަނުގެ ކުރިން ހުރިހާ ކައުންސިލަރުން ވަޒީފާއިން ވަކުކުރެއްވުމަށެވެ.
Comment by Anonymous — Sunday, February 28, 2010 @ 1:53 pm
ކަމަކު ނުދޭ ..ހުރީހާ ބާރުހުރި މަގާމަކަށް ތިލަނީ ޑީއާރުޕީ މިހުން ހާއްސަކޮށް ރާޖެތެރޭގަ…މިހެންވުމުން ..އެމިހުން ހާދަމަލާމާތެއް އަހަރެމެނައްކުރެޔޭ….އަހަރެމެނައްވީ މޮޅެއް ނުވޭ….ހުރިހާމޮޅެއް ވަނީ ޑީއާރުޕީއަށް
Comment by sukoor — Wednesday, May 5, 2010 @ 1:15 pm
އެހެން… ވެގެން މިއުޅޭ ގޮތަކީ އެމް.ޑީ.ޕީ ގައި ތިބި އާންމު މެމްބަރުންނަށް އެމީހުންގެ ސައިޒް އޮޅުނީ!! ހަމަ ކަމެއް ދިމާވާއިރަށް ޕާރޓީގެ އިސް ފަރާތްތަކާއި ޝަކުވާ ކުރަނީ… މިހެން ކަންތައް ކުރީމާ ސަރުކާރު ހިންގުމަށް ހުރަސް ތަކަކާއި ކުރިމަތިވަނީ. ޕާރޓީއަށް އިތުރު މެމްބަރުން ހޯދުމަށް އުނދަގޫ ވަނީ.. އެންމެ ފަހުން މީގެ ހައްލަކަށް ފެނުނީ، މިދުވަސްވަރު އެމް.ޑީ.ޕީގެ މެމްބަރުން ރުހުނަސް ނުރުހުނަސް އިދިކޮޅު ހިޔާލްގެ މީހުން ކޮންމެ ގޮތެއް ހަދައިގެން ވިޔަސް ޕާރޓީއަށް ގެނެވޭ ތޯ ބަލަނީ… ދެން މިފަސް އަހަރު ނިމެން ވާއިރަށް، އަނެއް ދިވެހިރާއްޖެ ދައްކާލީމާ ތިޔަ ހިތް ނުތަނަވަސް ވެފައި ތިބި މެމްބަރުންގެ ހިތަށް ފިނިކަމެއް ލިބި އުފާވެރިކަން އަންނާނެތާ!! އަދުގެ ހިތި ހަނދާނެއް އެދުވަހަކުން ނުވާނެ. އެ ގުލްޒާރުގައި ފޮޅިފައިވާ ނޫރާނީ މާތަކުގެ ވަސް ޖެހުމުން އެންމެހާ ދިވެހި ރައްޔިތުން ތިބޭނީ އުފާވެރި ކަމުގެ މަސްތެއްގައި…
Comment by Anonymous — Tuesday, May 18, 2010 @ 2:04 pm