Maldivian Democratic Party » މަތީ ތައުލީމު ހޯދާފައިތިބޭ މީހުން މަސައްކަތްކުރަން އެންމެ އެކަށީގެންވަނީ މޯލްޑިވްސް ކޮލެޖް ފޯރ ހަޔަރ އެޑިޔުކޭޝަން ގައެވެ.

Tuesday, April 7, 2009

މަތީ ތައުލީމު ހޯދާފައިތިބޭ މީހުން މަސައްކަތްކުރަން އެންމެ އެކަށީގެންވަނީ މޯލްޑިވްސް ކޮލެޖް ފޯރ ހަޔަރ އެޑިޔުކޭޝަން ގައެވެ.

(ޚަބަރުސިޓީ ވޮލިއުމް 01، ނަންބަރު 10 ގައި ޝާއިއުކޮށްފައި)

ދިވެހީންގެ ތެރެއިން ބައެއް މީހުން، މަތީ ތައުލީމު ހާސިލު ކުރަނީ ހަމައެކަނި މައުލޫމާތު އުނގެނުމުގެ ބޭނުމުގައެވެ. ނަމަވެސް އަނެއްބައި މީހުން މަތީ ތައުލީމު އުނގެނުމުގެ ބޭނުމަކަށް ވަނީ ސަރުކާރުގެ އޮފީހަކުން މަތީ މަގާމެއް ހޯދުމަށެވެ. އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގައި މިއަދު މަތީ ތައުލީމު ހާސިލުކުރުމަކީ ނުވަތަ ޕީއެޗްޑީ ނެގުމަކީ ފެޝަނެކެވެ. މާސްޓާރޒް ނުވަތަ ޕީއެޗްޑީއަކީ ސިޔާސީ މަގާމަކަށް ދިޔުމަށް ހޯދާ ޓިކެޓެކެވެ. ކޮންމެ މީހަކުވެސް މިފެންނަނީ މާސްޓަރޒް އަދި ޕީއެޗްޑީ ފަދަ ޑިގްރީތައް ނެގުމަށްފަހު ރައީސްކަމަށް ނުވަތަ މިނިސްޓަރަކަށް ނުވަތަ މަޖިލިހަށް ކުރިމަތިލާ ތަނެވެ. ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރާ ގިނަ ދިވެހީންނަކީ އެމީހުންނަށް އެފުރުސަތު ދިނުމަށް ރައްޔިތުންގެ ފައިސާއިން ގިނަ އަދަދެއްގެ ފައިސާ ޚަރަދުކުރެވޭ ބައެކެވެ. ނަމަވެސް އެކަމަށް ޚަރަދުވާ ފައިސާއާ އަޅާ ބަލާއިރު މަތީ ތައުލީމު އުނގެނިގެން އަންނަ މީހުންގެ ފަރާތުން ގައުމަށް ނުވަތަ ރައްޔިތުންނަށް ލިބެންވާ ފައިދާ އޭގެ އެންމެ އެކަށޭނަ ގޮތަކަށް ނުލިބެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި މިކަން މިހެން ދިމާވަނީ މަތީ ތައުލީމު އުގެނިގެން އަންނަ މީހުންގެ ފައިދާ އެންމެ ރަގަޅުގޮތުގައި މުޖްތަމައަށް ހިފޭނެ މަގާމުތަކުގައި އެމީހުން މަސައްކަތް ކުރަމުން ނުގެންދިޔުމެވެ. އެކިއެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލުކޮށްގެން އައިސް ހިންގުމުގެ ދާއިރާގައި މަތީ ތައުލީމު ހާސިލުކުރުމުން އެ ތައުލީމަކުން ހިފޭ މާބޮޑު ބޭނުމެއް އޮންނާނެހެން ހިއެއް ނުވެއެވެ.

އަޅުގަނޑު ދެކޭ ގޮތުގައި މަތީ ތައުލީމު، ޚާއްސަކޮށް ޕީއެޗްޑީ ހޯދާފައިތިބޭ މީހުން މަސައްކަތްކުރަން އެންމެ އެކަށީގެންވަނީ މޯލްޑިވްސް ކޮލެޖް ފޯރ ހަޔަރ އެޑިޔުކޭޝަން ގައެވެ. އެ ކޮލެޖަކީ އެމީހުންނަށް ލިބިފައިވާ އިލްމު އެންމެ ގިނަ މީހުންނަށް ރައްދުކޮށްދެވޭނެ ތަނެވެ. އަދި އަޅުގަނޑު ދެކޭގޮތުގައި މެރިން ރިސާޗް ސެންޓަރާއި، އެންވަޔަރަންމެންޓް ރިސާޗް އޭޖެންސީފަދަ ތަންތަނާއި ކުރީގައި ޕްލޭނިންގ މިނިސްޓްރީ ދަށުގައި އަދި މިހާރު ފިނޭންސް މިނިސްޓްރީގެ ދަށުގައި އެއޮތް ސްޓެޓިސްޓިކަލް ސެކްޝަން އާއި ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުފަދަ ތަންތަން ވާންޖެހޭނީ މޯލްޑިވްސް ކޮލެޖް ފޯރ ހަޔަރ އެޑިޔުކޭޝަންގެ ދަށުން ހިނގާ ތަންތަނަށެވެ.

ސަރުކާރު އޮފީހަކުން ވަކި ދާއިރާއަކާ ބެހޭ މައުލޫމާތު ހޯދަންވެއްޖެނަމަ ނުވަތަ ދިރާސާއެއް ކުރަންވެއްޖެނަމަ އެއޮފީހުން އެކަމަށް ކޮލެޖުގައި އެދޭނީއެވެ. ކޮލެޖުގައި އެ މަސައްކަތްކުރާނީ މާސްޓާޒް އާއި ޕީއެޗްޑީ ހަދާފައި ތިބޭ ޑޮކްޓަރުން ފަދަ މީހުންނެވެ. އަދި ކޮލެޖުގައި އެކި ދާއިރާތަކުން ކިޔަވަމުން ގެންދާ ދަރިވަރުން އެފަދަ މަސައްކަތްތަކުގައި އެހީވެވިދާނެއެވެ. ސަރުކާރު އޮފީސްތަކުން ދިރާސާއެއް ކުރަން ޖެހިއްޖެނަމަ ކޮލެޖާއެކު ކޮންޓްރެކްޓް ކޮށްގެން އެކަން ކުރެވިދާނެއެވެ. މިކަން މިހެން ކުރުމުން އެކި އޮފީސްތަކަށް ބޭނުންވާ މިފަދަ މައުލޫމާތު ހޯދުމަށް ކަނޑައެޅިފައިވާ ފައިސާ ކޮލެޖަށް ލިބޭނެއެވެ. އޭރުން މާލީގޮތުންނާއި މައުލޫމާތުގެ ގޮތުން ކޮލެޖު މުއްސަނދިވަމުން ދާނެއެވެ. މިހާރު މިފެންނަނީ މިފަދަ މަސައްކަތްތައް ކުރުމަށް ބޮޑު އަގު ދީފައި ބޭރުގެ ތަޖްރިބާ ކާރުން ގެންނަ ތަނެވެ. ހަގީގަތުގައި އެފަދަ މީހުންނަކީ މާ މޮޅު ބައެއް ނޫނެވެ. ނަމަވެސް އެކި މަޝްރޫއުތަކުން ރާއްޖެއަށް ދީފައި ހުންނަ ފައިސާގެ ބޮޑު ބައެއް މިފަދަ ކޮންސަލްޓަންޓުންނަށް ހުސްކޮށްލެވެއެވެ.

ވީމާ ރާއްޖޭގައި މާސްޓާޒް އާއި ޕީއެޗްޑީ ނަގާފައި ތިބޭ މީހުންގެ ދައުރަކަށް ވާންޖެހޭނީ އެމީހުންނަށް ލިބިފައިވާ މައުލޫމާތު އެހެން ދިވެހީންނަށް އުގަންނައިދީ ކޮލެޖުގައި ރާއްޖެއާ ބެހޭގޮތުން އެކި ދިރާސާތައްކޮށް ފޮތް ލިޔެ ދިވެހި މުޖްތަމައަށް މައުލޫމާތު ފެތުރުމެވެ. އަދި ރާއްޖެއާ ބެހޭގޮތުން ބޭރުގެ ގައުމުތަކަށް މައުލޫމާތު ދިނުމެވެ. އަދި މިފަދަ މީހުންނަކީ މީޑިޔާއަށް އެމީހެއްގެ ދާއިރާއާ ގުޅޭ ކަންކަމުގައި ޚިޔާލާއި ލަފާ ދެވޭނެ މީހުންނެވެ.

އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި ބައިނަލް އަގްވާމީ މާލީ ޖަމިއްޔާތަކުން ރާއްޖެއަށް ވެދީފައިވާ އެހީގެތެރެއިން ބޮޑު ބަޔެއް ޚަރަދުކޮށްފައިވަނީ ތައުލީމީ ދާއިރާއަށާއި ސިއްހީ ދާއިރާއަށެވެ. ނަމަވެސް މި ދެ ދާއިރާއަކީ މިއަދު ދިވެހި މުޖްތަމައުގައި އެންމެ ފަހަތުގައިވާ ދެ ދާއިރާއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ސަބަބަކީ މި ދެދާއިރާގައި ހިމެނޭ މަސައްކަތްތައް ކުރާނެ ފެންވަރު ރަގަޅު މީހުން ނެތުމެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ މި ދެދާއިރާއަށް ބިނާކޮށްފައިވާ މީހުންގެ ހުނަރާ މައުލޫމާތު އެދާއިރާތަކަށް ލިބިފައި ނެތުމެވެ. ތައުލީމީ ދާއިރާއަށް ނުވަތަ ސިއްހީ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށް ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލުމުން ކޮންމެހެންވެސް މަތީ ތައުލީމު އުނގެނުމުގެ ބޭނުމުގައި އެހެނިހެން ދާއިރާތަކަށް ޝައުގުވެރިވާ މީހުން މި ފުރުސަތުގެ ބޭނުން ކުރެއެވެ. އެމީހުން ސްކޮލަރޝިޕްތަކުގައި ބޭރުގެ ގައުމުތަކުން މަތީ ތައުލީމު ހޯދަން ފުރަނީ އެބުރިއައިސް ތައުލީމީ ނުވަތަ ސިއްހީ ދާއިރާގައި މަސައްކަތް ކުރުމަށް އިގްރާރުތަކުގައި ސޮއިކުރުމަށްފަހުއެވެ. ނަމަވެސް އެބުރިއައިސް ދެން ބަލަނީ މާސްޓާރޒްގެ ފުރުސަތެއް ކޮންމެވެސް ދިމާއަކުން ފެނޭތޯއެވެ. އެގޮތުން ސައިކޮލޮޖީއިން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށްފަހު މެރިން އިކޮލޮޖީއިން މާސްޓާރޒް އެއް ހަދަން ބޭރުގެ ކޮންމެވެސް ގައުމަކަށް ފުރައިގެން ހިގައިދާނެއެވެ. އަދި މާސްޓާރޒް ނިމުމަށްފަހު އެބުރި އައިސް ޕީއެޗްޑީ އަށް ކިޔަވަން ފުރައިގެން ހިގައިދާނެއެވެ. ބޭނުމަކަށް ވެފައި އޮންނަނީ ނަމުގެ ކުރިއަށް “ޑޮކްޓަރ” އިތުރު ކޮށްލުމެވެ.

ޔުނިވަރސިޓީއެއްގައި ކިޔަވާ ހުރިހާ އެންމެންނަކީ ކިޔެވުމަށް ޝައުގުވެރިވާ ބައެކޭ ނުވަތަ ތައުލީމީ ގޮތުން ގާބިލު ބައެކޭ ނުބުނެވޭނެއެވެ. އެއީ ޔުނިވަރސިޓީއެއްގައި ކިޔަވާ ބައެއް މީހުންނަކީ އަޅުގަނޑަށް ފެނުނު ތާގައި ފިލާވަޅުތައް ދަސްކޮށް، ފޮތްކިޔައި ދިރާސާތައް ކޮށް ތައުލީމީ ކަންކަމުގައި ބައިވެރިވާ ބައެއް ނޫނެވެ. ބައެއް މީހުންނަކީ ޔުނިވާރސިޓީއެއްގައި މަޖާކޮށްލަން ދާބައެކެވެ. އަނެއްބައި މީހުންނަކީ ކޮންމެވެސް ގޮތަކުން ޑިގްރީގެ ކަރުދާސްކޮޅު ހޯދާލުމަށް ދާ ބައެކެވެ. ބައެއް ޑިގްރީފާސް ހޯދަނީ ކިޔަވައިދޭ ލެކްޗަރައިންގެ ރުހުން ކޮންމެވެސް ގޮތަކުން ހޯދައިގެންނެވެ. ބައެއް މީހުން ކޮންމެވެސް ވަރަކަށް ކިޔެވުމަށް މަސައްކަތް ކޮށްފާނެއެވެ. އަދި ލިބޭ މާކުހާ މެދު ހިތްހަމަ ނުޖެހިއްޖެނަމަ ކިޔަވައިދޭ ޓީޗަރަށް އާދޭސްކޮށް ނުވަތަ ޒުވާބުކޮށްގެންވެސް މަތީ މާކްސް ހޯދާނެއެވެ. މިއިން ކޮންމެ މީހެއްވެސް ގްރެޖުއޭޝަން ގައުން ލާފައި އިން ފޮޓޯއަކާއި ޑިގްރީގެ ސެޓްފިކެޓް ފްރޭމަކަށްލައި ގެއަށް ވަންނަ އެންމެންނަށް ފެންނާނެހެން ސިޓިންގރޫމްގައި ބައިންދާފައި އިންނާނެއެވެ. އަޅުގަޑު ދެކޭގޮތުގައި ތައުލީމީ ފާހެއް ހޯދާ ކޮންމެ މީހަކީ ތައުލީމީ މީހެއް ނޫނެވެ. އަދި ހަމަ ގާބިލު މީހަކަށްވެސް ނުވެދާނެއެވެ. މީހަކަށް ލިބިފައިވާ ތައުލީމެއްގެ ސަބަބުން އެމީހަކީ ގާބިލު މީހެއްކަމަށް ވާނީ އެމީހަކު ކިޔެވިއެއްޗެއް އެމީހަކަށް ރަގަޅުގޮތުގައި ބޭނުންކުރަން އެނގުމުންނެވެ. ނުވަތަ އެމީހެއްގެ ބަހާ އަމަލުން ކިޔެވިއެއްޗެއް އެހެންމީހުންނަށް ދޭހަވާތަން ފެނުމުންނެވެ.

ކޮންމެ މުޖްތަމައެއްގައިވެސް މަތީފަންތިއަކާއި މެދު ފަންތިއަކާއި ދަށު ފަންތިއެއް އޮންނައިރު މަތީ ފަންތިއަށް ނިސްބަތްވުމަކީ މީހެއްގެ ގަދަރު އުފުލޭ ކަމެކެވެ. އަދި މަތީ ފަންތިއަކަށް ނިސްބަތްވުމުން ލިބޭ ފައިދާތަކާއި އިމްތިޔާޒުތައް އެހެން ފަންތިތަކަށްވުރެ އިތުރުވެއެވެ. މީހަކު ނިސްބަތްވާ ފަންތިއެއް ކަނޑައެޅިފައި އޮންނަނީ އެމީހެއްގެ އިގްތިސާދީ ކެރިފޯރުންތެރިކަން އޮންނަ މިންވަރަކަށެވެ. ނުވަތަ އެމީހެއްގެ މައިންބަފައިންނަށް ޚާއްސަކޮށް ބައްޕައަށް ލިބޭ އާމްދަނީއެއްގެ މައްޗަށެވެ. ނުވަތަ އެމީހަކަށް އާމްދަނީ ލިބޭ މިންވަރަކަށެވެ. ވީމާ މާސްޓާރޒް އެއް ނުވަތަ ޕީއެޗްޑީއެއް ނަގައި މަތީތައުލީމު ހާސިލު ކުރުމަކީ މަތީ ފަންތިއަށް ވަދެވޭ ކަމެކެވެ. މަތީފަންތިއަށް ދަތުރުކުރުމުގެ ހައްގަކީ ކޮންމެ މީހަކަށްވެސް ލިބެންޖެހޭ ހައްގެއްކަން ގަބޫލުކުރަމެވެ. ނަމަވެސް މި ހައްގު ލިބުމުގައި ފުރުސަތު އޮންނަނީ އެކި މީހުންނަށް އެކިވަރަކަށެވެ. ރާއްޖޭގައި 30 އަހަރަށް ދެމިއޮތް މައުމޫނުގެ ޚުދުމުޚްތާރު ވެރިކަން ނިމުނުއިރު ތައުލީމީ ގޮތުންވެސް ވިޔަފާރީގެ ގޮތުންވެސް ފުރުސަތެއް ވިއްޔާ ގިނަފަހަރަށް ލިބިފައި އޮތީ އެވެރިކަމާ ގާތްތިމާގެ މީހުންނަށެވެ. ނުވަތަ އެވެރިކަން ނަގަހައްޓަން މަސައްކަތް ކުރި މީހުންނަށެވެ. ވެރިކަމާ އިދިކޮޅުވެއްޖެ ކޮންމެ މީހަކަށް ނުވަތަ އެފަދަ މީހަކު ހުރި އާއިލާއެއް ނަމަވެސް އެ ފުރުސަތު އޮތީ ބަންދުކޮށްލާފައެވެ. (ނިމުނީ)

10 Comments »

  1. ސަރުކާރު ހިންގާ ޕާޓީގެ ވެބްސައިޓުން ތައުލީމަށް ޖޯކު ޖައްސަވަނީ ދެއްތޯ؟ މީގެން ވަރަށް ރަގަޅަށް އެގިގެން ދަނީ ސަރުކާރުގެ ތައުލީމީ ސިޔާސަތު ބައްޓަންވެގެން ދާނެ ގޮތް. ތައުލީމަށް، ތައުލީމީ ބޭފުޅުންނަށް ޖޯކު ޖެހުމަކީ ތިބޭފުޅުން ކުރައްވާ ވަރަށް ބޮޑު ގޯހެއްކަން ހަދާން ކޮށްދެން.

    Comment by Symon — Sunday, April 19, 2009 @ 11:36 pm

  2. އަޅުގަނޑު އެމްޑީޕީގެ މެންބަރެއްގެ ހައިޞިއްޔަތުން މިލިޔުން ކިޔުމަށްފަހު ލަދުން ހަލާކުނުވީ ކިރިޔާއެވެ. މިލިޔުމަކީ އެމްޑީޕީ ގައި ހިމެނޭ އެކްޓިވިސްޓުންނަށް އެމީހުންގެ ފެންވަރާ ނުގުޅޭ މަޤާމްތައް ދިނުމަށް ފަހު އެކަމާ ޚުދު އެމްޑީޕީގެ ތެރެއިން ފާޑު ކިޔަމުންދާތީ ޢިލްމީ މީހުންނަށް ފުރައްސާރަކޮށް އެމީހުންގެ ކުރިމަގު މަރާލަން ނެރެފައިވާ ބުއްދި ޤަބޫލް ނުކުރެވޭ ބޮޑު ޖޯކެކެވެ. މިކަމުގެ ހަޤީޤަތް ބެލުމަށް ދުނިޔޭގެ އެހެން ޤައުމްތަކަށް ތިޔަ އެންމެހާ ބޭފުޅުން ބައްލަވާލައްވާށެވެ.

    Comment by Huxen Sharyf — Thursday, April 23, 2009 @ 2:13 pm

  3. ޖާހިލުން ވެރިކަމަށް ލައްވާފައި ކިޔަވައިގެން ތިއްބެވި ބޭފުޅުން ހުސް މުދައްރިސުންނަށް ވީމާ ގައުމަށް ވާނީ ކިހިނެތްބާވައެވެ؟ ކިތަންމެ މޮޅު ރިޗެއް ހަދާފައި ދެއްކިއަސް ޖާހިލަކަށް އޭގެފައިދާ އާއި ގެއްލުން ނޭގުނީމާ ދެންޑިސިޝަން ނަންގަވާނީ ކިހިނަކުންތޯއެވެ؟ ދެން މުދައްރިސުން އެއުފައްދާ ދަރިވަރުންގެ ބޭނުމަކީ ކޮބައިކަން ވިދާޅުވެދެއްވަފާނަން ތޯއެވެ؟ މ.ޝ

    Comment by Anonymous — Saturday, May 2, 2009 @ 7:54 pm

  4. މިލޔުމަކީ ވަރަށް ފާޑެއްގެ އެޓިޓިއުޑެއް ހުރި ފަރާތަކުންލިޔެފައިވާ ލިޔުމެއް. މަދު ބަޔަކު ކުރާ ނުރަނގަޅު ޢަމަލުތައް ލިޔެ މާބޮޑުކޮށްލައިގެން ލިޔެފައިވަނީ. ސަރުކާރުގެ މަތީ މަޤާމްތައް ތަންދޮރު ނުދަންނަ އެކްޓިވިސްޓުންނަށް ދިނުމަކީ ތިޔަ ޕާޓީގެ ސިޔާސަތު. އަދި މަތީ ތަޢްލީމް އުނގެނުމަށް ފުރައްސާރަކުރާތީ ވަރަށް ދެރަ.

    Comment by Anonymous — Friday, May 8, 2009 @ 8:49 am

  5. ހާދަ ހިތާމަހުރި ޚަބަރެކެވެ. ދުނިޔެ ތަރައްޤީވެފައިވާމުވާ އެއްވަރައް ރާއްޖެ ކުރިއަށް ދިއުމަށް މަސައްކަތް ކުރަންޖެހޭ މިދުވަސްވަރު ދިވެހިސަރުކާރުން ޢިލްމަށާއި ޢިލްމުވެރީންނަށް ޖޯކުޖަހާފުރައްސާރަޖުރަނީ. ދިވެހި ރައްޔިތުން ޖާހިލުކަމުގައި ބައިތިއްބަން ސަރުކާރުން ބޭނުނވަނީތޯ. ހަމަަގައިމު މިސައިޓުގައި މިފާޑުގެ ލިއުންލިއާނީ ޢިއްޒަތްތެރި ރައީސްގެ ރުހުންލިބިގެން. އިއީ ރައީސްގެ ޕާޓީގެ ރަސްމީވެބްސައިޓް. ޖާހިލުން ޢިލްމުވެރިންގެ މައްޗަށް އިސްކުރުމުގެ ހިތިނަތީޖާ މިފެންނަނީ..އަޑުގަދަމީހާ ރުއްގިނަކުރަން މަސައްކަތްކުރުމުގެ ނަތީޖާ އަކީ ދިވެހިރާއްޖެ އެތައްޒަމާނަކަށް ފަހަތަށްދިއުން. ޢިލްމީ ޤާބިލްކަންނެތްމީހުނަށް ސަރުކާރުގެ ބައިތުލްމާރުން މުސާރަ ހައްޤެއްނުވާނެ.

    Comment by Aducator — Sunday, May 10, 2009 @ 8:48 am

  6. ދިވެހާއްޖޭގައި ބޭރުގެ މަސައްކަތުމީހުން ގިނަވުމުގެ ސަބަބުން ނިކުންނަ އިޖްތިމާޢީ އަދި އިޤްތިޞާދީ މައްސަލަތަކުން ސަލާމަތްވުމަށް އޮތް އެންމެރަގަޅުޙައްލަކީ ނުކިޔަވާތިބި އެމްޑީޕީގެ އެކްޓިވިސްޓުން ބޭރު މަސައްކަތު މީހުންގެ މަގާމަށް ނެރުމެވެ. އެއީ ނުކިޔަވާ ޖާހިލުކަމަށް ސަރުކާރުގެ ޕާޓީ ގޮވާލާތީ އެމީހުން ކިޔަވައިގެން ތިބޭމީހުން އަދާކުރާވަޒީއަށް ދާންބޭނުން ނުވާކަން ކަށަވަރުވާތީއެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިކަމުން ރާއްޖެ ސަލާމަތްވެ އެތައްމިލިއަން ޑޮލަރެއް ބޭރައްނުގޮސް ރާއްޖޭގައި ދައުރުވާނެތީއެވެ. އޭރުން އަޅުގަނޑުމެންގެ ބައްޕަމެން އިހައްދުވަހު ހޯދަދިން ހަރުމުދާކޮޅުނުވިއްކާ ބަޖެޓަށް ފައިސާހޮދާނެ ގޮތެއްވެސް ހޯދުނީއެވެ.

    Comment by dharivaru — Sunday, May 10, 2009 @ 9:08 am

  7. އެމްޑީޕީގެ ސަރުކާރުން ކުރާކަންތައްތަކުން ގިނަ މީހުން ދަނީ މިސަރުކާދޭތެރޭ އިތުބާރު ގެއްލި ، ތާޢިދު ވަޅުޖެހެމުންނެވެ. އެންމެ ބޮޑު މައްސަލައަކަށް ފެނިގެން ދިޔައީ ” ޓީވީއެމް އަންނިގެ ބަހުރުވަ ހުރިގޮތުން ގިނަމީހުންގެ ފާޑުކިޔުންތައް ހަލަބޮލިވެގެން ދިޔަކަމީވެސް ލިބުނު ނާކާމިޔާބިއަށްކަން ހާމަވެގެން ހިގައްޖެއެވެ. އަދި ޚާއްސަކޮށް ގިނަވަޢުދުތައް ނުފެށި އިންތިޚާބަށް ބާރާއި ނުފޫޒު އަދި ގިނަ އޮޅުވާލުންތައް ފެށިގެން ދިޔުމުންނެވެ. ޚާއްސަކޮށް އެމްޑީޕީގެ ޕުރައިމަރީގައި ކާމިޔާބު ލިބުނު ކެންޑިޑޭޓް ފިޔަވައި އިތުރު ” ޕާރޓީގެ ރޫހާ ކިލާފު ކެންޑިޑޭޓެއް ” ހަމަ އެދާއިރާއަށް ނެރުން ވެގެން ދިޔައީ ރައްޔިތުންގެ އިތުބާރު ގެއްލިގެން ދިޔަކަމުގެ ހެއްކެވެ. ޚާސަކޮށް އަންނި ނަޝީދު ވަނީ ގއ. ދާއިރާތަކުގެ ކެންޑިޑޭޓުންނަށް ދުއްތުރާކުރުމަށް ގއ. ކޮލަމާފުށި ” ރައުފުގެ ބޭނުން ކޮއްފައެވެ. ކުރުކޮށް ” މީދު “

    Comment by hasan — Saturday, May 16, 2009 @ 10:57 am

  8. democrasy neyngey meehunnah dhasvaan dhuvaskolheh nagaane dhuniyeygai party system onna gaumuthakugai kanthah kuraagoi belumakee mifadha meehunna oi hamaekani faruvaa namaves hithaama akee dhiveheenge baeh meehun raajeygai miadhu mikuramun gendhaa verikan maumoon menge verikamaa alhuvaakan maumoon verikan kuree emmenge anga bandhukohgen meehaku maumooney bunihen heeviyas siyaasee kuhveriakah hadhaa mifadha jaahil hudhmuhthaaru verikameh miadhuge sarukaaraa alhuvan heyoves nuvaane konme sarukaarehgaives huredhaane goaheh ekamaku alhugandah yageenvanee misarukaaru 10 aharu husgoas hedhiyas maumoonge sarukaarun hedhivarah goas nuhedheynekan ehenveema adhi alhugandumen echcheh bunan maa avas visnaa bayakah engeyne verikan gellunukan engunu hisaabun maumoon kahala verikan kuraahiyvaa meehaku amalukuraanegoi visnun hamamagugai bahattavaa eyrun rangalhuvaane gaumurangalhuvaane kamuge ummeedhu varah ginabayaku kurey mee hageegathakee

    Comment by thuththu goma — Sunday, May 17, 2009 @ 9:12 pm

  9. މިފެންނަނީ ހަޤީޤީ އެކްޓިވިސްޓުންގެ ޙިޔާލާ ފިކުރު، ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކުރެވި ދައުލަތުގެ ބައިތުލް މާލުން ފައިސާދީ ، ދިވެހި އެތައް ރައްޔިތުންނެއް ހެވަށް ވޯޓުދިނީމަ މިހާރު މިހިރީ މިމީހުންގެ ހަމަ ބުއްދި ފިލައި ފެންވަރު އޮޅިފައި ހުރި މިންވަރު ގަމާރަކަށް ނޭންގޭނެ ތަޢުލީމުގެ މުހިންމުކަމެއް.. ޔަގީން ކުޑައިރުއްސުރެ މައިމީހާ ސްކޫލައްދާށޭ ބުނީމަ މަގުމަތީ ފިލައިގެން އުޅެ ބޮޑުވި ހަމަ ފައްކާ ވަކަރުގޭ މީހެއްމި ވާހަކަ ލިޔެފަ މިއޮތީ، އައްނިއަށް ގޮވާލަން މިފަދަ މީހުންގެ ކަންކަން ރިއާސީ ކޮމިސަނުން ބަލައިދިނުމަށް

    Comment by Anonymous — Wednesday, June 10, 2009 @ 3:02 pm

  10. މި ޤައުމުގެ ވެރިކަމުގައި ތިބީނުކިޔަވާތިބި ޖާހިލުން ކަމަށް ވީމާ ކިޔަވައިގެން ތިބި ބައެއްގެ އަގު ވަޒަން ކުރާކަށް ނޭގޭނެއެއްނު

    Comment by nasheed — Thursday, March 11, 2010 @ 12:15 am

Leave a comment