ތަޢުޒިޔާ ދެންނެވުން: އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ބެރޮނަސް މާގަރެޓް ތެޗަރ އަވަހާރަވުމާއި ގުޅިގެން ތަޢުޒިޔާ ދެންނެވުން

thauziya

އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ބެރޮނަސް މާގަރެޓް ތެޗަރ އުމުރުފުޅުން 87 އަހަރުގައި އިއްޔެގެ ވަގުތެއްގައި އަވަހާރަވުމާއި ގުޅިގެން އެކަމަނާ ނިސްބަތްވެވަޑައިގަންނަވާ ކޮންސަރވޭޓިވް ޕާޓީ ގެ މެމްބަރުންނަށާއި އެ ވިލާތުގެ ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ގެ މެމްބަރުންގެ ތައުޒިޔާ ހާމަކުރަމެވެ.

ބެރޮނަސް މާގަރެޓް ތެޗަރ އަކީ އިނގިރޭސި ކޮންސަރވޭޓިވް ޕާޓީގެ ވަރުގަދަ ސިޔާސީ ލީޑަރެކެވެ. އެކަމަނާ ވަނީ ކޮންސަރވޭޓިވް ޕާޓީގެ ލީޑަރުކަން 1975 އިން 1990 އަށް އަދި އިނގިރޭސި ބޮޑުވަޒީރު ކަމުގެ މަގާމް 1979 އަހަރުން 1990 އަށް ފުރުއްވާފައެވެ. އިނގިރޭސި ވިލާތުގެ ސިޔާސީ ޕާޓި ތަކުގެ ފިކުރާއި ޚިޔާލާތަށް އެކަމަނާގެ ސިޔާސަތުތަކުން ވަނީ ގިނަގުނަ ހެޔޮބަދަލުތައް ގެނުވާފައެވެ.

ގިނަގުނަ ހުރަސްތަކާއެކުވެސް ބެރޮނަސް ތެޗަރ ވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަން ކުރެއްވި ފުރަތަމަ އަދި މިހާތަނަށް ހަމައެކަނި އަންހެން ލީޑަރުކަމުގެ ޝަރަފު ޙާޞިލްކުރައްވާފައެވެ. އިނގިރޭސި މުއާމަލާތްތައް ސިޔާސީ ގޮތުން ކަނައަތަށް ގެންދެވުމުގައި މެދުވެރިވި ދަތިކަން ތަހައްމަލު ކުރި އިނގިރޭސި ރައްޔިތުން ނިސްބަތުން ގިނަކަމުގައިވިޔަސް ޖުމްލަގޮތެއްގައި ބެރޮނަސް ތެޗަރ ވަނީ ފަރުދުންގެ އަދި ގައުމުތަކުގެ މިނިވަންކަމާމެދު އިނގިރޭސިވިލާތާއި އަދި މުޅިދުނިޔޭގައިވެސް ތަޢުރީފް ހައްގު މަސައްކަތްޕުޅުތަކެއްކުރައްވާފައެވެ.