ހުކުރު ދުވަހުގެ ބޮޑު މުޒާހަރާ- “އިންސާފުގެ ދަތުރު މެކުހަށް”

insaaf.max1

“އިންސާފުގެ ދަތުރު މެކުހަށް” މި ނަމުގައި ބޭއްވޭ ބޮޑު މުޒާހަރާއެއް 22 މާރޗް 2013 ވާ ހުކުރު ދުވަހު މާލެއާއި އަތޮޅުތަކުގައި އެމްޑީޕީން ގެންދަނީ އިންތިޒާމް ކުރަމުންނެވެ. މާލޭގައި އުސްފަސްގަނޑުން އަދި އަތޮޅުތަކުގައި ހަރުގެތައް ނުވަތަ ބަނދަރު ކައިރިން ހުކުރުދުވަހު ހަވީރު 4 ގައި ފެށުމަށް ހަމަޖެހެމުންދާ މި މުޒާހަރާގައި އެމްޑީޕީގެ ވީހާ ގިނަ މެމްބަރުން ބައިވެރިވެލެއްވުމަށް އެމްޑީޕީ ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދާއި، ޗެއަރޕާސަން މޫސާމަނިކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ އަންހެނުންގެ ރޫހުގެ މެމްބަރުން އަދި ޒުވާނުންގެ ހަރަކާތާއި ދާއިރާ ތަކުގެ ރައީސުން އިލްތިމާސް ކުރައްވައެވެ.

ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާ ޤާނޫނު އަސާސީގެ ބާރުކަނޑުވާލާ ކަމަށް ދެކި އެކަމާ ދެކޮޅަށް ކުރެވެމުންދާ މުޒާހިރާތައް މި ފުރުޞަތުގައި އިތުރަށް ވަރުގަދަވެގެން ދިއުން އެއީ ހުކުރު ދުވަހުގެ ބޮޑު މުޒާހަރާގެ މުހިންމު އަމާޒެއް ކަމުގައި އެމްޑީޕީގެ ނިސްބަތުން ގިނަމެމްބަރުންތަކެއް ގެންދަވަނީ ހާމަކުރައްވަމުންނެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ނިންމެވުންތައް ސުޕްރީމްކޯޓުން ނާޖާއިޒް ގޮތުގައި ބާތިލުކޮށް އެ މަޖިލީހުގެ ބާރުތަކާ ޤާނޫނު އަސާސީގެ ބާރުކަނޑުވާލަން ސުޕްރީމް ކޯޓުން މަސައްކަތް ކުރަމުންދާކަމަށް ތުހުމަތުކޮށް އެމްޑީޕީން އެކަމާ ދެކޮޅަށް ސިލްސިލާ ކޮށް މުޒާހިރާ ކުރަން ނިންމާފައިވަނީ 17 މާރޗް 2013 ވީ ދުވަހު ބޭއްވުނު އެޕާޓީގެ 115 ވަނަ ގައުމީ މަޖިލިސްގައެވެ. މާފަންނު ދެކުނުު ދާއިރާގެ މެމްބަރު އަލްއުސްތާޛު އިމްތިޔާޒް ފަހުމީ ހުށައަޅުއްވައި މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު އަލްއުސްތާޛާ މާރިއާ އަހުމަދު ދީދީ ތާއީދު ކުރައްވައި އެމަޖިލިހަށް ހުށައެޅުނު ގަރާރު ހާޒިރުވެވަޑައިގެންނެވި 63 މެމްބަރުންގެ އިއްތިފާގުން ފާސްކޮށްދެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާ ޤާނޫނު އަސާސީގެ ބާރު ސުޕްރީމްކޯޓުން ކަނޑުވާލާ ކަމަށް ދެކި އެކަމާ ދެކޮޅަށް އެމްޑީޕީން އިޙްތިޖާޖު ކުރުމަށްވަނީ ކަނޑައެޅިފައެވެ.