ހުޅުމާލޭ ކޯޓުގެ ބެންޗު ކަނޑައަޅާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ

shahid

ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް އަދި ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރަމުން އަންނަ ދަޢުވާ ބެލުމަށްޓަކައި ހުޅުމާލެ ކޯޓުގެ ބެންޗް ޖުޑީޝަލް ސަރވިސަސް ކޮމިޝަން (ޖޭއެސްސީ)ން ކަނޑައަޅާފައިވަނީ ފަނޑިޔާރުންގެ ގާނޫނުގެ 48 ވަނަ މާއްދާއާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ރޭ ހާޒިރުވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި ހިމެނި ވަޑައިގެންނަވާ އަބްދުﷲ ޝާހިދު ވިދާޅުވީ ވަކި މައްސަލައެއް ބެލުމަށް ވަކި ބެންޗެއް ކަނޑައެޅުމުގެ ބާރު ޖޭއެސްސީއަކަށް ފަނޑިޔާރުންގެ ގާނޫނުން ލިބިދީފައި ނުވާކަމަށެވެ. އަދި ޖުޑީޝަލް ކައުންސިލްގެ ލަފާގެ މަތިން ކޯޓުތަކަށް ޖޭއެސްސީން ފަނޑިޔާރުން އައްޔަން ކުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް ވަކި މައްސަލައެއް ބެލުމަށް، ވަކި ބެންޗެއް ކަނޑައެޅުމުގެ ބާރު ޖޭއެސްސީއަށް ލިބިގެން ނުވާކަމަށް ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ، ޖޭއެސްސީގައި އިސްލާޙުކުރަންޖެހޭ ކަންތަކެއް އެބަހުރި ކަމަށެވެ. އެކަންތައްތަކުގެ ތަފްސީލް ދެއްވާފައި ނުވިނަމަވެސް ޖޭއެސްސީ މިހާރު އެކުލަވާލެވިފައިވާ ގޮތައް ބަދަލުތަކެއް ގެންނަން ޖެހޭކަން ދެކެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

” ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ދުވަސްވަރު ޖޭއެސްސީ އެކުލަވާލުމުގައި މެމްބަރުން ބޮޑަށް ބައްލަވާފައިވާނީ އެކިއެކި ދާއިރާތަކުގެ ބޭފުޅުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނަކަށް އެކޮމިޝަން ހެދުމަށް. ނަމަވެސް މިހާރު އެއީ އެންމެ ރަނގަޅުގޮތް ނޫންކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެއީ ޖޭއެސްސީގެ މެމްބަރުންގެ ގޮތުގައި ކަނޑައަޅާފައިވާ މަޖިލީހުގެ ރައީސް އާއި ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް އާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރު ފަދަ ބޭފުޅުންނަކީ އެބޭފުޅުންގެ މުއައްސަސާތަކުގައި ފުލްޓައިމް މަސައްކަތުގައި އަމަލީގޮތުން ހަރަކާތްތެރިވާ ބޭފުޅުން. ޖޭއެސްސީ އަކީވެސް ފުލްޓައިމްކޮށް މަސައްކަތް ކުރަންޖެހޭ ކޮމިޝަނެއް. އެހެންކަމުން ޖޭއެސްސީއަށް އެހެން މުއައްސަސާތަކުގެ ވެރިން އެކަށީގެންވާ ވަގުތު ނުދެވޭކަން ފާހަގަ ކުރެވޭ ” އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމަށް ޖޭއެސްސީން ފަނޑިޔާރުންގެ ބެންޗު އެކުލަވާލާފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ވިދާޅުވެ އެކިއެކި ޚަފްލާތަކުގައި އެމްޑީޕީ ލީޑަރ ޝިޕްގެ ބޭފުޅުން ވެސް ދަނީ ތަކުރާރުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.