އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ނައިބު ލީޑަރ މަޖްލީހަށް އިންޒާރު ދީފި

majilis040313 (18)

ރައީސް ނަޝީދު ހައްޔަރުކުރުމުން އެމަނިކުފާނު ދޫކޮށްލަން ގޮވާ އިޙްތިޖާޖްކުރުމަށް ނިކުތް ރައްޔިތުންގެ ތެރެއިން އެތައް ބަޔަކަށް ފުލުހުން އަނިޔާ ދީ ހައްޔަރުކޮށްފައިވާ މިވަގުތު، މަޖްލީހުގައި ހޯމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރުގެ މައްސަލަ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ތާވަލުނުކޮށްފި ނަމަ ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް ގެންނާނެ ކަމަށް ބުނެ މި ޕާޓީގެ ޕީޖީ ގްރޫޕްގެ ނައިބު ލީޑަރ އަލީ ވަޙިދު މަޖްލީހަށް އިންޒާރު ދީފިއެވެ.

ރާއްޖެ ހަމަނުޖެހުމާއި ނާމާން ކަމުގެ ތެރެއަށްދާ އިރު ބަލަން ތިބެވޭ ކަށް ނެތް ކަމަށާއި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންނަށް އަނިޔާ ކުރަމުންދާ އިރު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން މަޑުން ނުތިއްބަވާނެ ކަމަށް އަލީ ވަހީދު ވިދާޅުވެ، ހޯމް މިނިސްޓަރު މުހައްމަދު ޖަމީލާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމުގެ މައްސަލަ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ތާވަލުނުކޮށްފި ނަމަ ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް ގެންނާނެ ކަމަށެވެ. އަދި ވިދާޅުވީ އެއް ހަފްތާ ތެރޭގައި އެމައްސަލަތައް ތާވަލުނުކޮށްފި ނަމަ މަޖިލިސް ކުރިއަށް ގެންދަން ނުކެރޭނެ ކަމަށެވެ.

މަޖިލީހުގެ ނިންމުންތަކަށް އަރައިގަތުމުގެ ބާރު ސްޕްރީމު ކޯޓަށް ލިބިގެން ނުވާ ކަމަށާއި ސްޕްރީމު ކޯޓަކީ ގާނޫނު ހަދާ ތަނެއް ނޫން ކަމަށެވެ. އެހެން ކަމުން ހޯމް މިނިސްޓަރު މުހައްމަދު ޖަމީލާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމުގެ މައްސަލަ ކުރިއަށް އޮތް ހަފްތާގަ ތާވަލުނުކޮށް ހިފެހެއްޓުމުގެ ބާރު މަޖިލީހުގެ ގާނޫނީ ޓީމަށް ލިބިގެން ނުވާ ކަމަށް އަލީ ވަހީދު އިތުރަށް ވިދާޅުވިއެވެ.”