ފުލުހުން އަނިޔާކުރާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް

reeko-moosa-450-x-3011

ޢާންމު ރައްޔިތުންނަށާއި، މަޖިލީހުގެ މެމްބަރުންނަށާއި، ކުޑަކުދިންނަށާއި އަދި އުމުރުން ދުވަސްވީ މުސްކުޅިންނަށް ފުލުހުން އަނިޔާ ކުރަމުން ދާތީ އެކަން ހުއްޓުވުމަށް އެދި، ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕަރސަން ރީކޯ މޫސާ މަނިކު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ރީކޯ މޫސާ މަނިކު މިއަދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ، “ރާއްޖޭގެ ވެރިރަށް މާލޭއާއި ރާއްޖޭގެ އަތޮޅުތަކުގެ މަގުތަކުގައި އެތަކެއް ރައްޔިތުންނަކަށް ފުލުހުންގެ ފަރާތުން ކުރިމަތި ކުރުވަމުންދާ އަނިޔާވެރި ޢަމަލުތަކުގައި 05 މާރޗް 2013 ވަނަ ދުވަހު ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ކުޑަކުދީން އަދި އުމުރުން ދުވަސްވީ މުސްކުޅީންނާއި މެދު، އެއްވެސް ބެލުމެއްނެތި އަދި ކޮންބައެއްކަން ވެސް ނޭނގޭ ގޮތަށް މޫނު ފޮރުވައިގެން ތިބި ބަޔަކު ފުލުހުންގެ ނަމުގައި ކާކުކަންވެސް ނޭނގޭ ގޮތުގައި އަނިޔާވެރިކަމާއެކު މީހުން ހައްޔަރުކުރަމުންދާ ދިއުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށް ވީހިނދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ދިވެހިރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކޮށް މާލޭގެ މަގުތަކުގައި ގިނަ ޢަދަދެއްގެ ރައްޔިތުން މިނިވަންކަމާއެކު، އިޚްތިޖާޖް ކުރަމުން ދަނިކޮށް، އެއްވެ ތިބި އެތަކެއް ސަތޭކަ ބައެއްގެ ތެރެއަށް ދުވަމުން ވަދެ، ހަޑިހުތުރު އެއްޗެހި ގޮވަމުން އަނިޔާކުރަމުން ދިއުމަކީ ކަނޑައެޅިގެން ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމާއި ކަނޑައެޅިގެން ޚިލާފަށް ހިންގަމުންދާ ނުރައްކާތެރި ޖަރީމާއެއް ކަމަށް ވީހިނދު، މިފަދަ ޢަމަލުތައް ހުއްޓުވައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ދައުލަތާއި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 145ވަނަ މާއްދާގެ (ހ) އަދި (ށ)ގެ ދަށުން ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާކަމަށް” މިފަދައިންނެވެ.

ކުއްލި މައްސަލައާ ގުޅިގެން މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ، އިއްޔެ ރައީސް ނަޝީދު ހައްޔަރުކޮށްގެން ފުލުހުން ގެންގޮސްފައިވަނީ ވަރަށް އަނިޔާވެރިކޮށްކަމަށާއި އަދި ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސް ބަންދުގައި ބަހައްޓާފައި ވަނީ ކާންވެސް ނުދީ ކަމަށެވެ. އެހެންކަމުން ހިއުމަން ރައިޓްސް ކޮމިޝަނަށާއި އެހެނިހެން މިކަމާގުޅޭ ދާއިރާތަކަށް އެމައްސަލަ ބެލުމަށް މޫސަ ވަނީ ގޮވާލެއްވިއެވެ.