6، 7 އަދި 8 ފެބްރުއަރީއާއި އޭގެފަހުން ހިނގާދިޔަ ކަންތަކާއި އަނިޔާވެރިކަމާއި ގުޅޭގޮތުން ބާއްވާ މަޢުރަޒު

6، 7 އަދި 8 ފެބްރުއަރީއާއި އޭގެފަހުން ރާއްޖޭގައި ހިނގާދިޔަ އެންމެހާ ކަންތަކުގެ ސަބަބުން، ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އިސްތިޢުފާދެއްވަން ޖެހިވަޑައިގެންނެވި ސަބަބުތަކާއި، ފުލުހުންގެ ފަރާތުން ޢާންމު ރައްޔިތުންނަށް ލިބެމުން ދިޔަ އަނިޔާތައް، ރައްޔިތުން އަމިއްލައަށް ތަޙުޤީގުކޮށް މަޢުރަޒެއްގެގޮތުގައި ގެނެސްދިނުމުގެ ފުރުސަތު އެމް.ޑީ.ޕީން ހުޅުވާލައިފިއެވެ.

އެގްޒެބިޝަން އޮފް ޕަބްލިކް އިންކުއަރީ (ޒޯޕީ)ގެ ނަމުގައި އޮގަސްޓް މަހުގެ 27، 28 އަދި 29 ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލް ހޯލްގައި ބާއްވާ މި މަޢުރަޒުގެ މަޤްސަދަކީ، 6، 7 އަދި 8 ފެބްރުއަރީއާއި އޭގެފަހުން ރާއްޖޭގައި ހިނގާދިޔަ އެންމެހާ ކަންތައް އެއް ފުރާޅެއްގެ ދަށުން ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމެވެ. ބައިވެރިވުމުގެ ފުރުސަތު ޢާންމުކޮށް ހުރިހާ ފަރާތްތަކަކަށް ވަނީ ހުޅުވާލެވިފައެވެ.

މި މަޢުރަޒުގައި ފެބްރުއަރީ 6، 7 އަދި 8 ފެބްރުއަރީއާއި އޭގެފަހުން ރާއްޖޭގައި ހިނގާދިޔަ އެންމެހާ ކަންތަކާއި ރައީސް ނަޝީދު އިސްތިޢުފާދެއްވަން މަޖުބޫރުކުރުވި ސަބަބުތައް ފޮޓޯ، ވީޑިއޯ، ލިޔުމުން، އިންސްޓޮލޭޝަން، ލައިވް ޕާފޯމަންސް ނުވަތަ މި ނޫން އެހެން ވަސީލަތެއް ބޭނުންކޮށްގެން ވެސް ހުށަހަޅައިދިނުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ކޮންމެ ދުވަހެއްގެ މެންދުރު 2:00 ފެށިގެން ރޭގަނޑު 9:30 ށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޢުރަޒަށް ޢާންމުންގެ ބޮޑު ތަރުޚީބެއް އަންނަނީ ލިބެމުންނެވެ.

މި މަޢުރަޒުގައި ބައިވެރިވުމަށް އެދޭ ޕްރޮޕޯސަލް ފޯމާއި، މަޢުރަޒާއި ގުޅޭ އިތުރު މަޢުލޫމާތު ޒޯފީގެ ވެބްސައިޓް www.xopi2012.tumblr.com އިން ލިބިވަޑައިގަންނަވާނެއެވެ.