އުސޫލުތަކާ ޚިލާފަށް ފަނޑިޔާރުގެތަކުގައި ފަނޑިޔާރުން ތިއްބަވާކަމީ ރާއްޖެއަށް މިވަގުތަށް ކުރިމަތިވެފައިވާ ވަރަށްބޮޑު ގޮންޖެހުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ޤާނޫނުއަސާސީގައިވާ އުޞޫލުތަކުގެ މަތިން ނޫން ގޮތަކަށް، ފަނޑިޔާރުގެތަކުގައި ފަނޑިޔާރުން ތިއްބަވާކަމީ، މި ރާއްޖެއަށް މިވަގުތަށް ކުރިމަތިވެފައިވާ ވަރަށްބޮޑު ހުރަހެއް އަދި ބޮޑު ގޮންޖެހުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގައި މިހާރު ޢަމަލު ކުރަމުންދާ ޤާނޫނުއަސާސީން ރައްޔިތުން ކުރާ އުންމީދުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤާނޫނުއަސާސީން ރައްޔިތުން ކުރި އެންމެބޮޑު އުންމީދުތަކުގެ ތެރޭގައި، ރާއްޖޭގެ ރިޔާސަތު ބަދަލުކުރުމާއި، ރައްޔިތުން އެދޭ ޤާނޫނުހަދާ މަޖިލީހެއް އެކުލަވައިލުމާއި، ރާއްޖޭގެ ރަށްތައް، ލާމަރްކަޒީ އުޞޫލުން ހިންގައި، ރަށްރަށުގެ ކަންކަން ރައްޔިތުން އިންތިޚާބު ކޮށްފައިވާ ކައުންސިލްތަކުގެ ބެލުމުގެ ދަށުން ހިންގުން ހިމެނެއެވެ. މި ކަންކަމުގެ އިތުރުން، ދިވެހިން ކުރި އަނެއް ބޮޑު އުންމީދަކީ، އިންޞާފްވެރި، ޢަދުލުވެރި ފަނޑިޔާރުގެތަކެއް އުފެދުން ކަމުގައި ރައީސް ވިދާޅުވިއެވެ.
އިންޞާފް ހޯދުމަށް ފަސޭހަވުމާއި އަދި އިންޞާފް އަވަހަށް ލިބުމާ، އެއީ ޤާނޫނުއަސާސީ ލާޒިމްކުރާ އެންމެ މުހިންމު، އެންމެ މައިގަނޑު ދެކަންތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، ޤާނޫނުއަސާސީގެ ދަށުން އެކުލަވައިލެވޭ ފަނޑިޔާރުގެތަކުގައި ތިއްބަވާނެ ފަނޑިޔާރުންނަކީ، ކަމަށް އެކަށީގެންވާ، ސުލޫކީ މިންގަނޑުތަކެއްގައި ތިއްބެވި އަދި ހަމައެހެންމެ ތަޢުލީމީ ފެންވަރު ހުރި ފަނޑިޔާރުންނަށްވުމަކީވެސް ޤާނޫނުއަސާސީން ކުރެވޭ އުންމީދެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤާނޫނުއަސާސީގައި ފަނޑިޔާރުންގެ ޝަރުޠުތައް ކަނޑައެޅުނުއިރުގައި، ތަޢުލީމީ ފެންވަރަށް އެންމެ ބޮޑަށް ބާރުއެޅުނީ، ތަޢުލީމީ ޒުވާނުންނަށް ފަނޑިޔާރުކަމުގެ ފުރްޞަތުތައް ފަހިކޮށްދިނުމަށްޓަކައި ކަމުގައި ވިދާޅުވިއެވެ. އަދި ޤާނޫނުއަސާސީގައި ބުނެފައިވާ ގޮތަށް، ޤާނޫނަކުން ކަނޑައެޅޭ ޝަރުޠުތަކުގެ މަތިން، ފަނޑިޔާރުން ޢައްޔަން ކުރުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“އެހެން ނަމަވެސް، ފެނިގެންދިޔަ ތަނަކީ، ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި އެބުނާ ޤާނޫނު އުފަންވުމުގެ ކުރީގައި، 2010 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުންގެ ކިބައިގައި ހުންނަންވާ ޝަރުޠުތައް ކަނޑައެޅުން” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި ފަނޑިޔާރުންގެ ޝަރުޠު ކަނޑައެޅިގޮތާއި އަދި އެ ޝަރުޠުތަކަކީ އެއްގޮތަކަށްވެސް މި ރާއްޖޭގެ މިޒަމާނަށް ފެތޭނެ ޝަރުޠުތަކެއް ނޫންކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ސިޓީއަކުން އެމަނިކުފާނު ދެންނެވި ނަމަވެސް، ހަމަ އެއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި، ފަނޑިޔާރުން ހުވާކުރެވުނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހަދާފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ރައީސް ވިދާޅުވިއެވެ.
“ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހުވާކުރައްވާފައިވަނީ އަދި ކަނޑައެޅިފައިވެސްވަނީ ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެ މަތިން. ހައިކޯޓުވެސް އުފެއްދިފައި އެވަނީ، ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެ މަތިން. އެހެން ނަމަވެސް، ދަށުކޯޓުތަކުގެ ފަނޑިޔާރުން، ކަނޑައެޅިފައި އެވަނީ، ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ދަންނަވަން ވަރަށްދަތި” ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބު ނިންމަވާލެއްވީ، ދިވެހި ރައްޔިތުން ޤާނޫނުއަސާސީން އުންމީދުކުރާ ތަނަވަސްކަމާއި، އުޖާލާކަމާއި، ފާގަތިކަން އިރާދަކުރެއްވިއްޔާ ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.











ކޯޓުތަކެ ފަނޑިޔާރުން ހީވަނީ ކޯޓުތަކަކީ އެމީހުން އަމިއްލަ ގެދޮރުހެން. ބޭނުންހާގޮތަކަށް މައްސަލަތައް ނިންމާތީ ޤައުމުގެ ކުރިމަގުމިހާރު މިއޮތީ ބަނަވެފަ، ހެއްކެއް ނެތޭކިޔާފަ ކުއްވެރިން މަގުމައްޗަށް ދޫކުރަމުންދަނީ ،، މިހެން ހަދަން ހެޔޮނުވާނެއެއްނު. ފެހި ގާނުންނ އަސާސިއަށް އަމަލުކުރަން ފެށުމުން ވެރިކަން ބަދަލުވި އެހެނަސް ހަމަ ކުރިން އޮތް ޑިކްޓޭޓާޝިޕް ކޯޓްތަކުގައި އޮތީ… މީދެން ކިހާދެރަކަމެއް
Comment by kaani — Friday, January 27, 2012 @ 2:58 pm
ރައީސުލްޖުމުހޫރިއްޔާ މުޙަމަދު ނަށީދަށް ދައްނަވާލަން ބޭނުން މިހާރު އިދިކޮޅުފަރާތްތަކުން ވަކި މީހަކުސަލާމަތްކުރުމުގެ ނަމުގައި ހިންގަމުންގެންދާ މުޒާހަރާތަށް އެގޮތަށް ކުރިއަށްގެންދިޔުމަށް ފުރުސަތު ނުދެއްވުމަށް ، ދިވެހިރާއްޖޭގެ ގިނަރައްޔިތުންނޭ ކިޔައިގެން ކޮންމެރެޔަކު އެތަނަށް ޖަމާވަނީ ބަޔަކުވަރަށް އަޑިގެތިބެގެން އެމީހުންބޭނުވާގޮތަށް ކަންކަންކުރުމުގެ ޖާގަ ފަޑިޔާރުގެއިން ހޯދުމުގެ ބޭނުމުގާކަން ވަރަށްރަގަޅަށްހާމަވޭ ، ބައެއްފަރާތްތަކުން ބުނާތިއަޑުއިވެނީ މިހާރުބަންދުގައި ބެހެއްޓިފައިވާ ފަޑިޔާރުމީހާއަކީ ސަރުކާރާއިދިމާއިދިކޮޅަށް ގާނޫނުގެ އިމުންބޭރުން ތިމާހިތުހުރިގޮތަކަށް ސަރީއަތްކުރާމީހެއްކަމަށް ، = އަސްތާ =
Comment by asthaa — Friday, January 27, 2012 @ 7:52 pm