ސަރުކާރުގެ ވަޢުދުތައް ފުއްދުމުގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށް ޒަކީ ވިދާޅުވެއްޖެ
8 ޖޫން 2010
ސަރުކާރުގެ ވަޢުދުތައް ފުއްދުމުގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށާއި، ދިވެހިން އެމީހުންނަށްޓަކައި އަދާ ކުރަންޖެހޭ ޒިންމާތަކެއްވާކަމަށް ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޑިމޮކްރަސީއާއި، މަދަނީ މުޖްތަމަޢު ހަރުދަނާ ކުރުމާއި، އަދި މިކަމުގައި ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާބެހޭ ގޮތުން ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނުން އިންތިޒާމް ކުރައްވައިގެން އިއްޔެ ބޭއްވެވި ސެމިނާރެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖެއާއި ބަންގްލަދޭޝަކީ ތާރީޚީ، ޘަޤާފީ އަދި ފިކުރީ ގޮތުން ވަރަށް އެއްގޮތް، ޒަމާންވީ ގުޅުމެއް އޮންނަ ދެ ޤައުމު ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި ބަންގްލަދޭޝްގެ ވަރަށް ބޮޑު ޙިއްޞާއެއް އެކުލެވިފައިވާ ކަމުގައި ޒަކީ ވިދާޅުވިއެވެ. މިގޮތުން، ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރަންޖެހިފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސެމިނާރގައި ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވެސް ވާހަކަފުޅުދެއްކެވިއެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ޑިމޮކްރަސީއަކީ ހުރިހާ ޤައުމެއްގައި އެއް ގޮތަކަށް އޮންނަ އެއްޗެއް ނޫންކަމަށާއި، ރާއްޖޭގައި ފުރިހަމަވެގެންދާ ޑިމޮކްރަސީގެ ބިނާވެގެންދާނީ، ޑިމޮކްރެޓިކް ޕްރޮސެސްގައި ހުރިހާ ފަރާތްތަކުގެ ބައިވެރިވުން ލިބިގެންދާ މިންވަރާއި ފެންވަރުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށްޓަކައި މަދަނީ މުޖްތަމަޢުގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ.
މުޖުތަމަޢުގައި އެންމެ ބާރުގަދަ ކަމުގައި ބެލެވޭ އިޤްތިޞާދީ ނުފޫޒާ އެއްހަމައެއްގައި އިޖްތިމާޢީ ތަރައްޤީއާއި އިންސާނީވަންތަކަމުގެ އުޞޫލުތައް، ރާއްޖޭގައި ޤާއިމު ކުރެވިގެންމިދާ ޑިމޮކްރެޓިކް ވެށީގައި ހިމެނުން ޔަޤީން ކުރުމަށްޓައި، ޑިމޮކްރަސީ ފުރިހަމަ ކުރުމުގެ މަސައްކަތުގައި މަދަނީ މުޖްތަމަޢުގެ ބައިވެރިވުން އިތުރުކުރަންޖެހޭ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. ނަމަވެސް، ރާއްޖޭގެ ޤާނޫނު ހެދުމާއި، ސަރުކާރުގެ ސިޔާސަތު އެކުލަވާލުމުގައި މަދަނީ މުޖުތަމަޢުގެ ޚިޔާލާއި ބައިވެރިވުން ލިބިގެން ނުދާކަން ފާހަގަކުރައްވަމުން، ސަރުކާރަށާއި ރާއްޖެއަށް އެހީތެރިވެދެއްވާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ރާއްޖޭގެ މަދަނީ މުޖްތަމަޢު ހަރުދަނާ ކުރެއްވުމަށް އެހީތެރިކަން ފޯރުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ. އަދި ދިވެއްސަކަށް ވިޔަސް ރާއްޖޭގައި ވަޒީފާ އަދާކުރާ ބޭރުމީހަކަށް ވިޔަސް ރިވެތިކަމާއެކު ދިރިއުޅެވޭނެ އާމްދަނީއެއް ލިބޭ ވަޒީފާއެއް އަދާކުރުމުގެ ފުރުޞަތު ލިބުމަކީ މުހިންމު ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ޑިމޮކްރަސީ ފުރިހަމަކުރުމަކީ، ހަމައެކަނި އިޤްތިޞާދީ އަދި ސިޔާސީ ވިސްނުމަށް ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށާއި، ރާއްޖޭގައި ޑިމޮކްރަސީ ފުރިހަމަ ކުރުމުގެ މަސައްކަތް ބިނާވެގެން ދާންޖެހޭނީ، ރާއްޖޭގެ މުސްތަޤުބަލުގެ ޖީލުތަކަށް އަޅުގަނޑުމެން ވާޞިލްކޮށްދޭން ބޭނުންވާ މުޖްތަމަޢުގެ ތަޞައްވުރުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ.
ހޮލިޑޭ އިން ހޮޓަލުގައި ބޭއްވެވި މި ސެމިނާރގައި ސަރުކާރާއި ރާއްޖޭގެ މަދަނީ މުޖްތަމަޢުގައި ހަރަކާތްތެރިވާ ގިނަ ޖަމާޢަތްތަކުން ބައިވެރިވިއެވެ.



މިއަދު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާ ކުރަންވީ ފިނިހަނގުރާމަ ނިމިއްޖެކަން ގަބޫލުކުރާ ބައެއްގެ ގޮތުގައި ތިބެ ބައިނަލް އަގުވާމީ މުޖުތަމަޢުގެ ތެރޭގައި ހުޅުވާލެވިފައިވާ ބައެއްގެ ގޮތުންނެވެ. ދުނިޔެ މިއަދުމިވަނީ ހުޅުވާލެވިފައެވެ. އިސްތިޢުމާރީ ބާރުތަކެއް ނެތެވެ. ދުނިޔެ އަޅުވެތި ކުރުމުގެ ޒަމާން ނިމި ހިނގައްޖެއެވެ. ރާއްޖޭގައި ހުރި ފުރުޞަތުތަކުގެ ތެރެއިން، ބައިނަލް އަގުވާމީ އިންވެސްޓަރުންނަށް އިންވެސްޓް ކުރުމުގެ ފުރުޞަތު ފަހިކޮށްދޭ ގައުމެއްގެ ގޮތުގައެވެ. ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތު ހިމާޔަތް ކުރުމަކީ، ދިވެހި ކޮންމެ ދަރިއެއްގެ ޒިންމާއެކެވެ. ދިވެހިން އެކަންކުރާނެއެވެ. ބައިނަލް އަގުވާމީ ޤާނޫނުތަކުގެ ދަށުން ދިވެހިންގެ މިނިވަންކަމާއި، ސިޔާދަތު މިޒަމާނުގެ ތަޢުލީމީ ވިސްނުންތަކުގެ ތެރެއިން، ހިމާޔަތް ކުރެވޭނެއެވެ. ވީހިނދު، ފިޠުރީ ގޮތުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފުވެ އުޅެންޖެހޭ ދުނިޔެއެއްގައި ފިޠުރަތުގެ ޤާނޫނާއި ޚިލާފަތް ބޯދާ ވިސްނުން އިސްކޮށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ތަރައްގީގެ މަސައްކަތުގައި ބައިވެރި ވުމުގެ ފުރުސަތުނުދީ މިއަދު ދިވެހިންނަށް ތަރައްޤީގެ މަގުގައި ކުރިއަށް ދެވޭނީ ކިހިނެއް ހެއްޔެވެ؟ ނަމަވެސް އަޅުގަނޑު މެންގެ ރާއްޖޭގެ މަސައްކަތާއި، ތަރައްގީގެ ނާރެހުގައި ބައިވެރި ކުރަންޖެހޭނީ، ފައިސާވެރިންނާއި، އިލްމުވެރިންނާއި، ފައްނީ މީހުންނެވެ. ހަމައެކަނި ޖިސްމާނީ ސިފަތަކެއް ލިބިފައިވާ ބައެއްގެ ކިބައިން، ގައުމުގެ ތަރައްގީއަށް ލިބޭނެ ކުރިއެރުންތަކެއް ނުހުންނަނެއެވެ. އެފަދަ ބަޔަކީ ސިކުނޑީގެ ތެއްކަން ހުރިބަޔަކަށް ވާންޖެހެއެވެ.
Comment by Mahir — Wednesday, June 9, 2010 @ 12:12 pm