އެމްޑީޕީ އިންތިޚާބު: މިރޭގެ ބަހުސް ވެސް ކެންސަލްކޮށްފި

އިބްރާހީމް ރާމިޒް

އެމްޑީޕީގެ އިންތިޚާބު 2011 އަށް ރައީސް ކަމަށް ވާދަކުރައްވާ ބޭފުޅުންގެ މެދުގައި ރާއްޖެ ޓީވީން މިރޭ ބޭއްވުމަށް މަސައްކަތްކުރި ބަހުސް ކެންސަލްކޮށްފިއެވެ.
މިރޭ ދަރުބާރުގޭ ގައި ބާއްވަން ހަމަ ޖެއްސި ބަހުސް ކެންސަލްކުރަން ޖެހުނީ އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) އެ ބަހުސްގައި ބައިވެރިވެވަޑައިނުގަންނަވާ ގޮތަށް ނިންމެވުމުންނެވެ.
ޑރ.ޑީޑީ ވަނީ އެ ބަހުސްގައި ބައިވެރިވެވަޑައިނުގަންނަވާ ގޮތަށް ނިންމަވާފައިވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއަށް މިއަދު ސިޓީ ފޮނުއްވާފައެވެ. މި ސިޓީގައި، މިރޭގެ ބަހުސް ރާވައި ހިންގުމުގައި އެމަނިކުފާނު ހިތްޕުޅު ހަމަޖެހި ވަޑައިނުގަންނަވާ ބައެއް ކަންތައްތައް ހުރިކަމަށް ވިދާޅުވެ އެ ބަހުސްގައި ބައިވެރިވެވަޑައިނުގަންނަވާނޭ ކަމަށް ޑރ.ޑީޑީ ވިދާޅުވެފައިވެއެވެ.
މިރޭގެ ބަހުސް ކެންސަލްވިއިރު ރޭ ބާއްވަން އުޅުނު ނައިބު ރައީސުންގެ ބަހުސް ވެސް ވަނީ ކެންސަލްކޮށްފައެވެ. ރޭގެ ބަހުސް ކެންސަލްކުރެއްވީ ނައިބު ރައީސް ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ އެ ބަހުސްގައި ބައިވެރިވެވަޑައިނުގަންނަވާ ގޮތަށް ނިންމެވުމުންނެވެ..